ދިވެހި ސިޔާސީ މަސްރަހުގައި ހިނގާ ބައެއް ކަންކަމާ މެދު ވިސްނާނަމަ، ރައްޔިތަކަށް އެ ފަދަ ކަންކަން ވިސްނޭނީ އޮޅުންބޮޅުންގަނޑެއް ގޮތުގައެވެ. 2018ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެ އަމުރު ތަންފީޒުނުކުރުމަށް އޭރުގެ ސަރުކާރުން ނިންމުމެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އޮތް އެމް.ޑީ.ޕީން، ޕީ.އެން.ސީގެ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރުމެވެ. އަދި އެމް.ޑީ.ޕީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ކުއްލިއަކަށް ޕީ.އެން.ސީއާ ގުޅުމެވެ. ސަރުކާރުތައް ބަދަލުވުމާ އެކު ކުއްލިކުއްލިއަށް ސިޔާސަތުތަކާއި މަޝްރޫއުތައް ބަދަލުވުމެވެ. ރައްޔިތުންގެ ޚަޒާނާއަށް ލިބުނު ގެއްލުމެއް ވަރިހަމަ ގޮތެއްގައެވެ. ރައްޔިތުންނަށް އަބަދުވެސް ލިބެނީ ސިއްސައިގެންދާވަރުގެ ޚަބަރުތަކެވެ. އެހެންނަމަވެސް މިއީ ދިވެހި ސިޔާސީ މަސްރަހު ބައްޓަންވެފައިވާ ގޮތެވެ. ސިޔާސީ މި ފަދަ ބޮޑެތި ކަންކަމާ މެދު ވިސްނުމުން އަޅުގަނޑަށް އެ ކަންކަން ފަހުމް ވަނީ ނިޒާމުގައި ހުރި އިންތިޒާމުތަކެއްގެ ސަބަބުން ހިނގާ ކަންތައްތަކެއް ގޮތުގައެވެ. ސިޔާސީ ވާދަވެރިކަން އޮތް އަޅުގަނޑުމެންގެ ނިޒާމުގައި ހުރި މި އިންތިޒާމުތަކުގެ ސަބަބުން، ސިޔާސީ ގޮތުން ކުރި ހޯދުމަށް ވަރަށް [ރެޑިކަލް] ކަންތައްތަކެއް ކުރުމަށް މަޖުބޫރުވަނީއެވެ. މި ކަންކަމަކީ ކޮންމެ ފަހަރު ގާނޫނާ ހިލާފު ކަންތައްތަކެއްވެސް ނޫނެވެ. މި މައުލޫއަށް ބަހުސްކުރުމަށް އަޅުގަނޑު ވިސްނަނީ ނިޒާމީ އިންތިޒާމުތަކުގެ ތެރެއިންނެވެ. ވަކި ޚާއްސަ ކޮށް، ބަރުލަމާނީ-ރިޔާސީ ބަހުސުންނެވެ.
ރިޔާސީ-ބަރުލަމާނީ ބަހުސަކީ ދޭތެރެއަކުން ދިވެހި ސިޔާސީ މަސްރަހުގައި ވެސް ކުރެވޭ ބަހުސެކެވެ. ނަމަވެސް، މި މައުލޫއަށް ޢިލްމީ ގޮތެއްގައި ފުރިހަމަ ބަހުސެއް ކުރެވިފައެއް ނުވެއެވެ. ދޭތެރެއަކުން ނޫސްވެރިންގެ ލިޔުންތައް ފެނެއެވެ. ނަމަވެސް، އެ ފަދަ ލިޔުންތަކުގައި މި މައުލޫއާ އެކަށީގެންވާ ފުން މިނެއްގައި ބަހުސްކުރެވިފައެއް ނުހުރެއެވެ. އެ ގޮތުން، އާންމުކޮށް ބަޔާންކުރެވިފައި ހުންނަ ހުއްޖަތްތަކަކީ ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިވުމާއި، ބަރުލަމާނީ ނިޒާމެއްގައި ބާރުތައް އެއްވުމާއި، ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ ދައުރު ފުރިހަމަ ކުރުމާއި، ބަރުލަމާނީ ނިޒާމެއްގައި ދައުރު ހަމަނުވަނީސް ސަރުކާރެއް ރޫޅުމާއި، ރައްޔިތުންގެ ވޯޓެއް ނެތި ސަރުކާރެއް އެކުލަވައިލުމެވެ. މިއީ ބަރުލަމާނީ-ރިޔާސީ ނިޒާމުގެ ވަރަށް އަސާސީ އަދި ވަރަށް ތިލަ ގޮތެއްގައި އެ ދެ ނިޒާމު ބަޔާންކުރެވިދާނެ ގޮތްތަކެވެ. ނަމަވެސް، ތިމާމެންނަކީ ހަގީގަތުގައި މި ދެ ނިޒާމުން ކުރެ ނިޒާމެއް ޚިޔާރުކޮށް، ދައުލަތުގެ ހިންގުން އެ ނިޒާމެއްގެ މައްޗަށް ބިނާކުރުމަށް ގަސްދުކުރާ ބައެއްނަމަ، މި ދެ ނިޒާމާ މެދު އެއަށް ވުރެ ފުންކޮށް ވިސްނައި، ދެ ނިޒާމާ ރަހުމަތްތެރިވާންޖެހެއެވެ. މި ފޮތުގައި ނިޒާމީ ބަހުސް ހުދޫދުކުރެވިފައިވާނީ، ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ އަސްލުކަމުގައި ބެލެވިފައިވާ ދެ ގައުމުގެ ތާރީހާއި އަމަލުކުރާ އަމަލުކުރާ ގޮތަށް ބަލައިގެންނެވެ. އެއީ، ރިޔާސީ ނިޒާމުގެ އަސްލު ކަމުގައިވާ އެމެރިކާއާއި، ބަރުލަމާނީ ނިޒާމުގެ އަސްލު ކަމުގައިވާ އިނގިރޭސި ވިލާތެވެ.1 ނަމަވެސް، ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުން ކުރެ ނިޒާމަކަށް އަމަލުކުރަން ބޭނުންވާ ގައުމަކުން، މި ދެ ގައުމުގެ އަމަކުރާ ގޮތްތައް ހުރިގޮތަށް ނަކަލުކުރުމަކީ ލާޒިމުކަމެއް ނޫނެވެ. އެހެންކަމުން މި ފޮތުގައި ބަހުސްކުރެވިފައިވާނީ ދެ ނިޒާމުގެވެސް އަސާސްތަކާއި، މައިގަނޑު ފިކުރުތަކާއި، އަދި ޖައުހަރާ ބެހޭ ގޮތުންނެވެ.
ދިވެހި ދައުލަތަކީ ޤަދީމީ ދައުލަތެކެވެ. ދިވެހީންނަކީ ޤަދީމީ ގައުމެކެވެ. ދުނިޔޭގައި، އަދި ޚާއްސަކޮށް މި ސަރަހައްދުގައި ޖެހުނު ބޮޑެތި އޮޔާއި ވައިގައި ޖެހި، ތަޖުރިބާ ލިބިގެން އޮތް ގައުމެއްގެ ދައުލަތެކެވެ. އިންސާނީ ސިޔާސީ ތާރީޚުގައި، ވެރިކަމެއް ހިންގުމުގެ ނިޒާމެއް ވިއްޔާ، ދިވެހިން އެ ނިޒާމެއް ތަޖުރިބާ ކޮށްފިއެވެ؛ އުނި ސިފަތަކާވެސް އެކުއެވެ. މި ހުރިހާ ޒަމާނެއް ކަޑައްތުކޮށް 2008ގެ ގާނޫނުއަސާސީގެ ފަހުން ދޮޅު ދަހަރު ވީ އިރު މިއަދު މިތިބީ ސިޔާސީ ވާދަވެރިކަމުގެ ނަމުގައި ހަތުރުވެރިކަމެއް އޮތް ވެށްޓެއްގައެވެ. ދައުލަތުގެ މާލިއްޔަތަށް ނުރައްކާ ވެފައިވާ ހިސާބެއްގައެވެ. ހެޔޮވެރިކަމުގެ އުސޫލުތައް ދުވަހެއް ދުވަހަކަށް އުވައިލެވެމުންދާ ދުވަސްވަރެއްގައެވެ. ސިޔާސީ ވާދަވެރިކަމަށް ވުރެ ސިޔާސީ ހަތުރުވެރިކަމަކީ ސިޔާސީ މަސްރަހުގެ އޮއިވަރު މައިގަނޑު ދެ އޮއިވަރަކަށް ބައިވުމުގެ ނަތީޖއެވެ. ދިވެހި ސިޔާސީ މަސްރަހު ދެ ބަޔަކަށް ބައިވެފައިވަނީ، ދެބައިމީހުންގެ ފިކުރު ތަފާތުވެގެނެއް ނޫނެވެ. ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުން ވެސް ތަފާތުވެގެނެއް ނޫނެވެ. އެމެރިކާގެ ސިޔާސީ މަސްރަހު ދެ ފިކުރަކަށް ބައިވެފައިވަނީ ސިޔާސީ ކަންކަމާއި އިގުތިސާދީ ސިޔާސަތުގައި ދެބައިމީހުންގެ ފިކުރު ތަފާތުވުމުގެ ސަބަބުން ކަމުގައި ބުނެވިއްޖެނަމަ އެކަން ގަބޫލުކުރެވިދާނެއެވެ. އެއީ ރިޕަބްލިކަންސްއާއި ޑިމޮކްރެޓްސްއާ ދެމެދުގައި ހުރި ސިޔާސަތުތަކުގެ ތަފާތެވެ. އިނގިރޭސިވިލާތުގައި ކޮންޒަވޭޓިވް ޕާޓީއާއި ލޭބަރ ޕާޓީއެވެ. އެހެން ނަމަވެސް، ދިވެހި ސިޔާސީ މަސްރަހު ދެ ބަޔަކަށް ބައިވެ، ދެބައިމީހުންގެ ވާދަވެރިކަން ހަތުރުވެރިކަމަށް ވެފައިވަނީ ސިޔާސީ އަދި އިގުތިސާދީ ކޮންކޮން ފިކުރެއްގެ ސަބަބުންބާވައެވެ..؟ ސިޔާސީ ހަތުރުވެރިކަމުގެ ނަތީޖާއަކީ، ސިޔާސަތުތަކެއް ހުށަހެޅުމާއި ސިޔާސަތުތަކަށް ފާޑުކިޔުމުގެ ބަދަލުގައި، އެއްބަޔަކު އަނެއްބަޔަކު [ޑީލިޖިޓިމައިޒް] ކުރުމާއި [ޑިމޮނައިޒް] ކުރުމެވެ. ސިޔާސަތުތަކުގެ ވާހަކަދެއްކުމުގެ ބަދަލުގައި [ރެޓޮރިކަލް] ޚިޠާބުތައް ދިނުމެވެ. މީހުންގެ ޖަޒުބާތުތައް ކައްކުވާލައި ޖޯޝުގެނައުމެވެ. ސިޔާސީ ވާދަވެރިކަމުގެ ޚިޠާބުތަކުގައި އަބަދުވެސް “ކަޅާއި ހުދުގެ] ވާދަވެރިކަން އޮތުމެވެ. އެންމެ ލުއި ގޮތަކަށް ބަޔާންކުރާނަމަ، ޙަރާމެވެ، ނުވަތަ ވާޖިބެވެ. ނަތީޖާއަކީ، ހަރުދަނާ ބުއްދީގެ މައްޗަށް ބިނާވެ ގައުމުގެ މުހިންމު ސިޔާސަތުތައް ކަނޑައެޅުމުގެ ބަދަލުގައި ޖަޒުބާތާއި އިހުސާސްތަކުން ސިޔާސީ މަސްރަހު މަސައްކަތްކުރުމެވެ. އެންމެ ދެރަކޮށް ބަޔާންކުރާނަމަ، އެއްވެސް ސިޔާސަތެއް ނެތުމެވެ. ސިޔާސީ ދާއިރާ އަކީ ކާމިޔާބު ވެއްޖެނަމަ، ދައުރު ނިމުމަށް ފަހު ހަޔާތުގެ ބާކީ އަރާމުގައި އުޅުމުގެ ވަސީލަތެއް ގޮތުގައި ދުށުމެވެ. ދިވެހި ސިޔާސީ ނިޒާމު ބައްޓަންވެފައި ވަނީ ވެސް އެ ފަދަ ގޮތަކަށެވެ.
މިހާރު ސިޔާސީ މަސްރަހުގެ ވާދަވެރިކަމަކީ ޒީރޯ-ސަމް ވާދަވެރިކަމެކެވެ؛ އެއް ބައެއްގެ ކާމިޔާބީއަކީ އަނެއް ބައެއްގެ ނާކާމިޔާބީއެވެ. ޚިޔާލުތަފާތުވާ ހާލަތުގައި މަޝްވަރާގެ އުސޫލުން އިއްތިފާގަކަށް އައުމުގެ ބަދަލުގައި، އެ ބަޔަކަށް ވެރިކަމުގެ ބާރުތައް ލިބުމުން، ތަފާތުވާ ޚިޔާލުތައް، އެއްވެސް ދުލެއް ދިނުމެއް ނެތި ހުރި ގޮތަށް ތަންފީޒުކުރުމެވެ. ސަރުކާރު ހިންގާ ޕާޓީ ބަދަލުވުމާ އެކު އަނެއްކާ ވެސް އެ ބައެއް ބޭނުންވާ ގޮތަކަށް ތަންފީޒުކުރުމެވެ. ދިވެހި ރައްޔިތުންނަށް އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ؟ އިންވެސްޓަރުންނަށް އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ؟ ޚުދު، ސިޔާސީންނަށް ވެސް ގެރެންޓީއެއް ނެތެވެ. އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ގެރެންޓީކޮށްނުދެވޭ ގާނޫނު އަސާސީއެއްގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ގާނޫނުއަސާސީގެ ބާރު މިވަނީ ކަނާޅަކަށް ވެފައެވެ. މިއީ މިއަދު ދިވެހި ސިޔާސީ މަސްރަހުގެ ހާލަތެވެ.
ދިވެހި ސިޔާސީ މަސްރަހު މި ހިސާބަށް އައުމުގެ ސަބަބާ މެދު މީހުންގެ ޚިޔާލު ތަފާތުވެދާނެއެވެ. އިޚުލާޞްތެރި ނުވުމެވެ. ތެދުވެރިނުވުމެވެ. ގައުމަށް ވަފާތެރިނުވުމެވެ. ނިޒާމުގެ މައްސަލައެވެ.
[..ނިޒާމެއްނޫން މައްސަލައަކީ؛ މައްސަލައަކީ އިޚުލާޞްތެރިނުވުން، ތެދުވެރިނުވުން…] މިއީ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތައް ކިޔަމުންދިޔަ އިރު ވަރަށް ފާހަގަވި ޖުމުލައެކެވެ. ވަރަށް ގިނަ މެންބަރުންގެ އަތްމަތީ ބަސްކޮޅެކެވެ. މި ގަބޫލުކުރުން އޮތުމުގެ ސަބަބުން ނިޒާމީ ބަހުސެއް އެކަށީގެންވާ ގޮތެއްގައި ފަށައިގަތުމަކީ ވެސް އުނދަގޫ ކަމެކެވެ. ސަބަބަކީ، މައްސަލައެއް ނެތް ކަމެއްގެ ވާހަކަދައްކައި، އިސްލާހުކުރުމުގެ ބޭނުމެއް ނޯންނާނެތީއެވެ. ގައުމުގެ ސިޔާސީ މީހުން ނުވަތަ މަސްއޫލުވެރިން އިހުލާސްތެރިވުމުން، ނުވަތަ ތެދުވެރިވުމުން ގައުމެއްގެ ނިޒާމު ރަނގަޅަށް މަސައްކަތްކޮށްފާނެއެވެ. އެހެންނަމަވެސް، އެތައް ރައްޔިތުންގެ ހައްގުހައްގުތަކަކަށް ޒިންމާވާ ދައުލަތެއްގެ ނިޒާމެއް، އެތައް ބައެއްގެ މާލިއްޔަތެއް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ތެދުވެރި ނުވަތަ އިހުލާސްތެރި މީހަކަށް ބިނާވުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. އެ ފަދަ މީހެއް ހޯދައިގެން ދައުލަތުގެ ނިޒާމު ހިންގަން ހަވާލުކުރާނަމަ، ނިޒާމެއް، ގާނޫނުއަސާސީއެއް، އަދި ގާނޫނެއްގެ ބޭނުމަކީވެސް ކޮބައިބާވައެވެ..؟ ނިޒާމެއް އެކަށައަޅަންޖެހެނީ މި ސަބަބަށް ޓަކައެވެ. ނިޒާމެއްގެ ބޭނުމަކީ އިންސާނީ މުޖުތަމައެއް، އެބައެއް ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކެއްގެ މަތިން ހިންގުމެވެ. ކޮންމެ ފަދަ މީހެއްވެސް އެ ނިޒާމުގެ ކަމަކާ ހަވާލުވެއްޖެނަމަ ނިޒާމު ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކުގައި ނިޒާމުގެ ތެރެއިން އެމީހެއްގެ ސުލޫކު ހިފެހެއްޓުމެވެ. ނިޒާމުގެ ވާހަކަދައްކައި އެކަމަށް ބަހުސްކުރަންޖެހެނީ މި ސަބަބަށް ޓަކައެވެ.
މި ފޮތުގެ މަގުސަދަކީ އެއްވެސް ހާލެއްގައި، ދައުލަތް ހިންގުމުގެ ނިޒާމެއްގެ ހުރިހާ އުސޫލުތަކަކާއި އިޖުރާއާތެއް ކަނޑައެޅުމެއްނޫނެވެ. މިފޮތުގެ މަގުސަދަކީ މިހާރަށް ވުރެ ދުޅަހެޔޮ ނިޒާމެއް ހިންގުމުގެ އަސާސްތަކެއް ބަޔާންކޮށް ދިނުމެވެ. އަދި މިހާރު އަހަރުމެން އަމަލުކުރާ ރިޔާސީ ނިޒާމަކީ ދިވެހި ސިޔާސީ މަސްރަހާ އެކަށީގެންނުވާ އަދި ނިޒާމު ހިންގުމަށް ދުޅަހެޔޮ ނިޒާމެއް ނޫންކަން ސާބިތުކޮށްދިނުމެވެ.
މި ފޮތުގެ މަސައްކަތްތައް ކުރެވުނީ ހެޔޮއެދޭ ބައެއްގެ އެހީތެރިކަމާ އެކުއެވެ. ތާރީޚީ މައުލޫމާތުތައް ހޯދުމަށް، އެއްކުރެވުނު ފޮތްތައް ހޯއްދަވައިދެއްވި އެކުވެރި އާދަމް ފަޒީލަށް ޝުކުރު ދަންނަވަމެވެ. ނިޒާމީ ބަހުސްގެ ދުވަސްވަރު، މައިގަނޑު ދެ ޕާޓީ ކަމުގައިވާ އެމް.ޑީ.ޕީ އާއި ޑީ.އާރު.ޕީން ދެ ނިޒާމުން ކުރެ ވަކި ނިޒާމެއް އިޚުތިޔާރު ކޮށްފައިވާ ސަބަބުތަކާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާގައި ދެއްވި ޚިޔާލުތަކަށް، ނިޒާމީ ބަހުސްގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ގޮތުގައި މަސައްކަތްކުރެވި އަލްއުސްތާޛު އަޙްމަދު މުޢިއްޒަށް ޝުކުރު ދަންނަވަމެވެ. މި ފޮތުގެ ބޮޑު ބައެއްގެ މަސައްކަތްތައް ކުރެވުނީ އަޅުގަނޑުގެ އަންހެނުންގެ އާއިލާ ގާތުގައި ޗުއްޓީއެއްގައި ހުރި ދުވަސްކޮޅެއްގައެވެ. އެ ދުވަސްވަރު އެ އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކުރަމެވެ
ބަރުލަމާނީ ނިޒާމުގެ އަސްލަކީ އިނގިރޭސީ ބަރުލަމާނީ ނިޒާމުކަމުގައި ބަޔާންކުރެވިފައި އެވަނީ ނަމޫނާ ގޮތެއްގައެވެ. ބަރުލަމާނީ ނިޒާމުގެ މައުލޫގައި އެ ނިޒާމުގެ ނަމޫނާއެއް ގޮތުގައި އެންމެ އާންމުކޮށް ދެއްކެނީ އިނގިރޭސީ ނިޒާމެވެ. ނަމަވެސް ވަރަށް ގިނަ ގައުމުތަކުގެ ސިޔާސީ މުއައްސަސާތައް ކުރިއެރުމުގައި އިނގިރޭސި ޕާލަމަންޓު ފަދަ މުއައްސަސާތައް އުފެދި އެއް ކަހަލަ ދައުރެއް އަދާކޮށްފައިވެއެވެ. ↩︎