އަޣުލަބިއްޔަތަކީ ގިނަ ބައެކެވެ. އިއްތިފާގަކީ އާންމުކޮށް އެންމެން އެއްބަސްވުމެވެ. ޑިމޮކްރަސީގެ ނިޒާމެއްގައި ސިޔާސަތު އެކަށައެޅުމުގައި މި ދެ ގޮތަށް ނިންމުންތައް ނިންމެއެވެ. ޑިމޮކްރަސީގެ ނިޒާމަކީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނިންމުންތައް ނިންމުމުގެ ނިޒާމެވެ. ސަރުކާރާ ހަވާލުވެ، ސިޔާސަތު ކަނޑައަޅާ ފަރާތަކީ ރައްޔިތުންގެ މުމައްސިލެކެވެ. އިއްތިފާގީ ގޮތެއްގައި ސަރުކާރު އެކުލަވައިލައި ސިޔާސަތު ތަންފީޒުކުރުމާއި، އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެ ސިޔާސީ ނިންމުންތައް ނިންމުމާ ދެމެދު ހުރި އެންމެ އަސާސީ ތަފާތަކީ، މި ދެ ނިޒާމުގެ ތެރެއިން ސިޔާސީ ރައްޔިތުންނަށް ސިޔާސީ ނިންމުންތަކުގައި ބައިވެރިވެވޭ ގޮތާއި މިންވަރެވެ.1

އަޣުލަބިއްޔަތާއި އިއްތިފާގުގެ މައުލޫގައި ދެ ކަމެއްގެ މައްޗަށް ބިނާވެ ބަހުސްކުރެވިދާނެއެވެ. ފުރަތަމަ ކަމަކީ، މުމައްސިލު އައްޔަންކުރެވޭ ގޮތެވެ. އިނގިރޭސި ނިޒާމުގައި ވެސް، އަދި އެމެރިކާގެ ނިޒާމުގައި ވެސް މުމައްސިލަކު އައްޔަންކުރެވެނީ ރައްޔިތުންގެ ވޯޓަކުންނެވެ. ތަފާތަކީ، އިނގިރޭސި ނިޒާމުގެ ސަރުކާރު އެކުލަވައިލެވެނީ ނުސީދާ ވޯޓަކުންކަމަށް ވުމާއި، އެމެރިކާގެ ނިޒާމު، އުސޫލެއްގެ ގޮތުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރުމެވެ. މި ދެ ގޮތަށް ބަލާއިރު ވެސް، ޑިމޮކްރަސީގެ ނިޒާމަކުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުވެއެވެ. އެއީ ރައްޔިތުން ރުހޭ ބަޔަކު އައްޔަންކުރުމެވެ. މީގެ އިތުރުން، އިނގިރޭސި ނިޒާމުގައި ސަރުކާރެއް އައައްޔަންކުރުމަށް، ޕާލަމަންޓުގެ އަޣުލަބިއްޔަތު އެންމެ ޕާޓީއަކަށް ލިބުން ލާޒިމެއްނޫނެވެ. އަޣުލަބިއްޔަތު އެންމެ ޕާޓީއަކަށް ނުލިބުނު ނަމަވެސް، މައިނޯރިޓީ ސަރުކާރެއް ގޮތުގައި، އެހެން ޕާޓީތަކާ އެކު އޮންނަ ކޯލިޝަނެއްގެ ތެރެއިން ސަރުކާރެއް އެކުލަވައިލެވިދާނެއެވެ. އެހެންކަމުން، އަޣުލަބިއްޔަތުގެ ތެރެއިން ސަރުކާރެއް އެކުލަވައިލުން ލާޒިމުވުމުގެ ބަދަލުގައި، އިއްތިފާގުގެ މައްޗަށް ބިނާވެގެން ވެސް ސަރުކާރެއް އެކުލަވައިލެވެއެވެ. އިއްތިފާގުގެ މައްޗަށް ބިނާވެ ސަރުކާރެއް އެކުލަވައިލުމުގެ ނަތީޖާއަކީ، ސިޔާސީ މަސްރަހުގެ އޮއިވަރަށް ބަލާއިރު، ގިނަ ބައެއްގެ ހިއްސާވުމާއި ބައިވެރިވުން އެ ސަރުކާރެއްގައި އޮތުމެވެ. މިއީ ޔަގީނުން ވެސް ސިޔާސީ ދުޅަހެޔޮ ކަމެކެވެ. ރިޔާސީ ނިޒާމުގައި ސަރުކާރެއް އެކުލަވައިލުމުގެ ބަދަލުގައި، ސަރުކާރެއް އައްޔަންކުރެވެނީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްގެންނެވެ. މިއީ ހަމައެކަނި އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެކެވެ. މާނައަކީ އެއްބަޔަކު އިންތިޚާބުން މޮޅު ލިބުމަކީ އަނެއް ބަޔަކު ބަލިވުންކަމުގައިވުމެވެ (ޒީރޯ-ސަމް). މިކަމުގެ ނަތީޖާއަކީ ސިޔާސީ ވާދަވެރިކަމަށް ވުރެ ބޮޑަށް، ސިޔާސީ ހަތުރުވެރިކަން އުފެދި، ސިޔާސީ މަސްރަހު ދެ ބަޔަކަށް އަބަދުވެސް ބައިވެފައި އޮތުމެވެ.

ދެވަނަ ކަމަކީ، މުމައްސިލުން އިންތިޚާބުވުމަށް ފަހު، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅި ތަންފީޒުކުރެވޭ ގޮތެކެވެ. އެމެރިކާގެ ނިޒާމުގައި ސިޔާސަތުތައް ކަނޑައެޅެނީ [ވިނަރ ޓޭކްސް އޯލް] ގެ އުސޫލުންނެވެ. މިއީ އިންތިޚާބުގެ އަޣުލަބިއްޔަތުން ރިޔާސަތު ކާމިޔާބުވުމާ އެކު، ސިޔާސަތުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރުވެރިކަން ލިބުމެވެ. މިއީ އެންމެ ޕާޓީއެއް، ނުވަތަ އެންމެ ފަރުދެއްގެ މައްޗަށް ބާރުތަކެއް ޖަމާވެ، ސިޔާސަތުތައް އެ ބަޔަކަށް ފެންނަ ގޮތަކަށް ކަނޑައެޅުމެވެ. މި ހާލަތުގައި އުފެދޭ ސުވާލަކީ މައިނޯރިޓީގެ ހައްގުތަކާ ބެހޭ ސުވާލެވެ. އަޣުލަބިއްޔަތުން ކުރި ލިބޭ ބަޔަކު ބޭނުންވާ ގޮތަކަށް މައިނޯރިޓީގެ ބައިވެރިވުމެއް ނެތި ސިޔާސަތު ހިންގުމުގެ ހައްގު، ދައުރު ލިބެންދެން އޮންނަންވީ ހެއްޔެވެ؟ އަޣުލަބިއްޔަތުގެ މައްޗަށް ބިނާގެ ސިޔާސަތު ހިންގުމަކީ ޑިމޮކްރަސީގެ އުސޫލާ ބައެއް ހާލަތްތަކުގައި ހިލާފު ކަމެއް ކަމުގައި ބެލެވިދާނެއެވެ. ސަބަބަކީ، ސިޔާސީ މަސައްކަތްތަކުން ވަކި ބަޔަކު އެކަހެރިކުރެވޭތީއެވެ. ޑިމޮކްރަސީގެ އުސޫލަކީ، [ސިޔާސަތެއްގެ ނިންމުމަކުން އަސަރުކުރާ އެންމެންނަށް ވެސް އެ ނިންމުމެއް ނިންމުމުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ބައިވެރިވުމުގެ ފުރުސަރު އޮތުމެވެ.]2 މި އުސޫލަށް ބަލާއިރު، އިނގިރޭސި ނިޒާމަކީ ސިޔާސަތުތައް އެކުލަވައިލުމުގައި ވެސް އިއްތިފާގުގެ ނިޒާމެކެވެ. އިއްތިފާގެއްގެ މައްޗަށް ބިނާވެ ސަރުކާރެއް އެކުލަވައިލެވެނީ ވެސް ސިޔާސަތުތަކާ މެދު ވަކި ގޮތަކަށް އިއްތިފާގު ވެވިގެންނެވެ. ރައްޔިތުންގެ ޥޯޓާ ހިސާބުން ހުރިހާ ބާރުތަކެއް ނުލިބެއެވެ. އޭގެ ބަދަލުގައި ސަރުކާރު ހިނގަމުންދާއިރު، ކަނޑައެޅޭ ސިޔާސަތުތަކަށް ޕާލަމަންޓުގައި ބަހުސްކުރެވި، ސިޔާސަތުތައް މިނެކިރެއެވެ.

ޑިމޮކްރަސީއަކީ ހަގީގަތުގައި ރައްޔިތުން އެދޭ ގޮތެކެވެ. ސިޔާސަތުތައް ނިންމުމަކީ ރައްޔިތުން ބޭނުންވާ ގޮތަކަށް އޮންނަންޖެހޭ ކަންތައްތަކަކަށް ވުމެވެ. މިއީ ޑިމޮކްރަސީގެ ޖައުހަރެވެ. އަހަރުމެންގެ ނިޒާމަކީ ޑިމޮކްރަސީއަކަށް ހެދުމަށް، ނުވަތަ ޑިމޮކްރަސީގެ އުސޫލުތަކުން ދައުލަތް ހިންގުމަށް އަޣުލަބިއްޔަތުގެ އުސޫލު ފުދޭ ހެއްޔެވެ؟ މި ސުވާލު ކުރިމަތިވާ ސަބަބަކީ [އަޅުގަނޑުމެންގެ ރިޔާސީ ނިޒާމުގެ އިންތިޚާބުގައި އަޣުލަބިއްޔަތަކީ އިންތިޚާބުގެ މަގުސަދުކަމުގައި ވެފައި އޮވެ، ރައްޔިތުންގެ ހަގީގީ އިޚުތިޔާރުން ބޭރުން ކެންޑިޑޭޓަކު އިންތިޚާބުކޮށް، ހުރިހާ ބާރުތަކެއް އެ ކެންޑިޑޭޓަކާ ހަވާލުކުރުމުގެ މައްޗަށް ރިޔާސީ ނިޒާމު ބިނާވެފައިވުމެވެ.] އަދި މިކަމުގެ ސަބަބުން، ހަގީގަތުގައި ވެސް އެ ފަދައިން އިންތިޚާބުކުރެވޭ ކެންޑިޑޭޓަކަށް ރިޔާސަތުގެ ސަތޭކަ އިންސައްތަ ބާރުވެރިކަން ދިނުމަކީ ހަގީގަތުގައި ޑިމޮކްރަސީގެ އުސޫލުން، ރައްޔިތުންގެ ފަރާތުން ހިންގޭ ސަރުކާރެއްކަމުގައި ބަލައިގަންނަށް އުނދަގުވާތީއެވެ.

އަޣުލަބިއްޔަތުގެ ނަތީޖާއަކީ ތަބީއީ ގޮތަކުން ސަރުކާރުގެ އިދިކޮޅު އުފަންވުމެވެ. އިދިކޮޅު މާނަކުރެވެނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ ސިޔާސީ އޮއިވަރަށެވެ. ނަމަވެސް ހަގީގަތުގައި ކަންތައް އޮންނަ ގޮތަށް ބަލާއިރު، އަޣުލަބިއްޔަތުގެ އުސޫލުގެ ސަބަބުން، [ޒީރޯ-ސަމް] އިން، އުފެދޭ ސިޔާސީ އިދިކޮޅު އޮއިވަރަކީ، ސަރުކާރުގެ ސިޔާސަތުތައް އިސްލާހުކުރުމާއި ޖަވާބުދާރީ ކުރުމަށް ވުރެ ބޮޑަށް، ސިޔާސީ އިންތިޚާބީ މަސްލަހަމަސްލަހަތު ހިމާޔަތްކުރުމުގެ އޮއިވަރެކެވެ. އެބައިމީހުންގެ މަސްލަހަމަސްލަހަތަކީ ކޮންމެ ގޮތަކުންވެސް ދެން އޮތް އިންތިޚާބެއް ކާމިޔާބުކުރުމެވެ. ސަބަބަކީ އިސްވެ ދިޔަ އިންތިޚާބު މާނަކުރެވެނީ އެބައިމީހުން ބަލިވެފައިވާ އިންތިޚާބެއް ގޮތުގައެވެ. މި ފަދަ އިދިކޮޅު އޮއިވަރެއްގައި ދައުލަތުގެ ހިންގުން މަސައްކަތްކުރާނީ ސިޔާސަތުތަކަށް އަންނަ ވަރަށް ބޮޑެތި ލޮޅުންތަކާ އެކުއެވެ. އިއްތިފާގަށް ބަލާއިރު، ޕާލަމަންޓަށް އިންތިޚާބުކުރެވޭ ކޮންމެ މެންބަރަކީ ސަރުކާރެއް ހިންގުމުގައި ކޮންމެވެސް ގޮތަކުން ބައިވެރިވުމުގެ ފުރުސަތު އޮންނަ މެންބަރުންނެވެ. މައިނޯރިޓީ ސަރުކާރެއް އެކުލަވައިލުމަކީ އިނގިރޭސި ނިޒާމުގައި އަބަދުވެސް ފުރުސަތު އޮތް ކަމެކެވެ. އެހެންކަމުން، ސަރުކާރަކުން ހިންގާ ސިޔާސަތުތަކަށް ރުހުންދިނުމާއި، އެ ސިޔާސަތުތަކާ މެދު ހައިސިއްޔަތު ލިބިގެންވާ ގޮތެއްގައި ބަސްބުނުމުގެ ފުރުސަތު އަބަދުވެސް ކޮންމެ މެންބަރަކަށް ވެސް އޮވެއެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުވެސް އުސޫލެއްގެ ގޮތުން ބިނާވެފައިވަނީ އަޣުލަބިއްޔަތުގެ މައްޗަށެވެ. ނަމަވެސް ތަފާތަކީ ދެ ނިޒާމުގައި އަޣުލަބިއްޔަތު ކަނޑައެޅޭ ގޮތެވެ. އަދި ސިޔާސަތުގައި މައިނޯރިޓީގެ ދައުރެވެ.

ސިޔާސީ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އޮނިގަނޑުގެ ސަބަބުން ރައްޔިތުންގެ ޑިމޮކްރަސީއާ މެދު ހިތްހަމަޖެހޭ މިންވަރަށް އަސަރުކުރޭތޯ އިލްމުވެރިން ދިރާސާކޮށްފައިވެއެވެ. އެންޑަރސަން އަދި ގިލޮރީގެ 1997ވަނަ އަހަރުގެ ދިރާސާއިން ސާބިތުވާ ގޮތުގައި ޑިމޮކްރަސީގެ އުސޫލުތަކުގެ ނިޒާމުގެެ ސަބަބުން - އެއީ އަޣުލަބިއްޔަތުގެ ނުވަތަ އިއްތިފާގުގެ ނިޒާމެއް ކަމުގައިވިޔަސް - މި ގުޅުމަށް ފާހަގަކުރެވޭ ވަރަށް އަސަރުކުރެއެވެ. އެ ދިރާސާ ހިންގާފައިވަނީ އިންތިހާބު ކާމިޔާބުކުރާ ފަރާތްތަކާއި، އިންތިޚާބުން ބަލިވާ ސިޔާސީ ޖަމާއަތްތަކުން އެ ގައުމެއްގެ ޑިމޮކްރަސީއާ މެދު ދެކޭ ގޮތް ބަލައިގެންނެވެ. އެ ދިރާސާގައި ޔޫރަޕުގެ އެގާރަ ގައުމެއްގެ ޑިމޮކްރަސީގެ ނިޒާމު ތަހުލީލުކޮށްފައިވެއެވެ. ދިރާސާއިން އެނގުނު ގޮތުގައި، އަޣުލަބިއްޔަތުގެ އުސޫލުގެ ގައުމުތަކަށްް ބަލާ އިރު، އަޣުލަބިއްޔަތަށް ނިސްބަތްވާ މީހުން އާންމު ގޮތެއްގައި ޑިމޮކްރަސީއާ މެދު ހިތްހަމަޖެހޭ މިންވަރު މައްޗެވެ. އެހެން ނަމަވެސް، ސިޔާސީ ގޮތުން މައިނޯރިޓީ ނުވަތަ އަޣުލަބިއްޔަތު ނުލިބޭ ސިޔާސީ ޖަމާއަތަށް ނިސްބަތްވާ މީހުން ފާޅުކުރަނީ ދަށް މިންވަރެއްގެ ހިތްހަމަޖެހުމެވެ. އޭގެ އިތުރަށް، އިއްތިފާގުގެ ނިޒާމުތަކަށް ބަލާއިރު، ދިރާސާއިން ދައްކައިދެނީ، އިންތިޚާބުން [ބަލިވާ] ފަރާތްތައް އާންމު ގޮތެއްގައި ،އަޣުލަބިއްޔަތުގެ ނިޒާމުތަކާ އަޅައިބަލާއިރު، ޑިމޮކްރަސީ މަސައްކަތްކުރާ ގޮތާ މެދު ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަނެއްކޮޅުން، އަޣުލަބިއްޔަތުގެ ނިޒާމުތަކުގައި ސިޔާސީ ގޮތުން [ކާމިޔާބު] ވާ ފަރާތްތަކުން، އިއްތިފާޤަށް ބިނާވެފައިވާ ނިޒާމުތަކުގައި ކާމިޔާބުވާ ފަރާތްތަކަށް ވުރެ މަތީ މިންވަރެއްގެ ހިތްހަމަޖެހުމެއް އޮންނަކަމަށް ދިރާސާއިން ދައްކައެވެ.3

ސިޔާސީ ގޮތުން އަޣުލަބިއްޔަތު އޮންނަ ޖަމާއަތަށް ނިސްބަތްވާ މީހުން އާންމު ގޮތެއްގައި ޑިމޮކްރަސީއާ މެދު ހިތްހަމަޖެހޭ މިންވަރު މަތިކަމަށް ދައްކާ ސަބަބަކީ، އަޣުލަބިއްޔަތުގެ ނިޒާމުގައި، އަޣުލަބިއްޔަތަކީ ސައްސައިންސައްތަ ތަންފީޒީ ބާރުވެރިކަން ލިބުން ކަމުގައި ވުމެވެ. މި ފަދަ ބާރުވެރިކަމެއް ލިބުމަކީ، ގައިމުވެސް ހިތްހަމަޖެހުމަކަށް ވާންޖެހޭނެ ކަމެކެވެ. އެއާ އިދިކޮޅަށް، އެ ނިޒާމުގައި މައިނޯރިޓީއަށް ނިސްބަތްވުމަކީ، 49 އިންސައްތަ ލިބި އިންތިޚާބު ކާމިޔާބުނުވި ނަމަވެސް، ލިބޭ ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ. ސަބަބަކީ، އިންތިޚާބުން ކާމިޔާބުވާ ޖަމާއަތަށް ހުރިހާ ބާރުވެރިކަމެއް ލިބުމާއި، ބަލިވާ ބަޔަކަށް ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް ހިއްސާއެއް ނެތުމެވެ. އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެފައިވާ ނިޒާމުތަކާ ޚިލާފަށް، އިއްތިފާގުގެ ނިޒާމުތަކުގައި [ބަލިވާ] ފަރާތްތައް ބޮޑަށް ހިތްހަމަޖެހޭ ސަބަބަކީ އިންތިޚާބުން އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް، ސަރުކާރު އެކުލަވައިލުމުގައި ބައިވެރިވުމުގެ ފުރުސަތު އޮތުމާއި، ސިޔާސަތުތަކަށް ފާޑުކިޔުމުގެ ތެރެއިން، ސިޔާސީ މަސްރަހުގައި އެކަށީގެންވާ މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ. އިންތިޚާބުން ކާމިޔާބުވާ ފަރާތްތަކުގެ ހިންހަމަޖެހުން، އިއްތިފާގުގެ ނިޒާމުގައި ދަށްވާ ސަބަބަކީ، ކާމިޔާބުވީ-ނަމަވެސް ބައެއް ހާލަތްތަކުގައި ކޯލިޝަން ހެދުމުގެ ތެރެއިން ސަރުކާރު ހިންގަންޖެހުމާއި، ސިޔާސީ ގޮތުން ތަންފީޒީ ބާރުތަކުގެ ސަތޭކަ އިންސައްތަ ލިބިފައި ނުވުމެވެ. ސަރުކާރު އެކުލަވައިލުމުގައި ސިޔާސީ އެހެނިހެން ވާދަވެރިންގެ ވާގިވެރިކަމަށް ބޭނުންޖެހުމެވެ.

ރިޔާސީ ނިޒާމުގައި ބައެއް ޙާލަތްތަކުގައި، ތަންފީޒީ ބާރުން ނިންމަންޖެހޭ ބައެއް ކަންކަން ނިންމުމުގައި ގާނޫނު ހަދާ ބާރުގެ ރުހުން ބޭނުންވެއެވެ. މިއީ ތަންފީޒީ ބާރަށް ހަމައެކަނި ފެންނަ ގޮތަކަށް ކަންތައްތައް ނިންމުމުގެ ބަދަލުގައި، އެހެން ބާރެއްގެ އެއްބަސްވުމާ އެކު ނިންމޭ ކަމެއް ކަމުގައި ހީވެދާނެއެވެ. ނަމަވެސް ހަގީގަތަކީ، ތިން ބާރު ވަކި ވުމުގެ ނިޒާމުގައި އޮންނަ ފާރަވެރި ވުމުގެ މަފްހޫމަކީ، މުއައްސަސާތަކުގެ މެދުގައި އޮންނަ ނަޒަރީ ގުޅުމެކެވެ. އެއްވެސް ހާލެއްގައި އެ މަފްހޫމުގެ ސަބަބުން ހަގީގަތުގައި ވެސް ތަންފީޒީ ބާރުގެ މައްޗަށް ގާނޫނު ހެދުމުގެ ބާރުން ފާރަވެރިވުމުގެ ގެރެންޓީ އޮންނަ ކަމެއްނޫނެވެ. ތިން ބާރު ވަކި ވުމުގެ ނިޒާމުގައި އޮންނަ ފާރަވެރި ވުމަކީ ހަގީގަތުގައި ވެސް ކަން އޮންނަ ގޮތް ކަމުގައިވާނަމަ، އުފެދޭ ސުވާލަކީ، ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތ-ވެސް ލިބިފައިވާ ނަމަ، މަޖިލީހުން އެކަށީގެންވާ ގޮތެއްގައި ސަރުކާރު ޖަވާބުދާރީ ކުރެވިދާނެ ހެއްޔެވެ؟

އެހެންކަމުން، ތިން ބާރު ވަކިވުމުގެ ނިޒާމުގައި ގަސްދުކުރެވޭ، “ގާނޫނު ހެދުމުގެ ބާރުން ތަންފީޒީ ބާރަށް ފާރަވެރިވުމަކީ” ނަޒަރީ ހުށަހެޅުމެކެވެ. ހަގީގަތުގައި ކަން ހިނގާ ގޮތަށް ބަލާ އިރު،ގާނޫނު ހަދާ ބާރާއި ތަންފީޒީ ބާރު މުއައްސަސީ ގޮތެއްގައި ވަކިވެފައި ވީނަމަވެސް، ދިވެހިރާއްޖޭގައި 2009ގެ ފަހުން އިންތިޚާބު ވެފައިވާ ހުރިހާ މަޖިލީހެއްގެ އަޣުލަބިއްޔަތު ލިބިފައިވަނީ ސަރުކާރު ހިންގާ ޕާޓީ އަށެވެ؛ ނުވަތަ ކޯލިޝަނަށެވެ. އެހެން ގޮތަކަށް ބަޔާންކުރާ ނަމަ، ސިޔާސީ ގޮތުން ތަންފީޒީ ބާރާ އެކު ދެ ބާރު އެއްވެގެންނެވެ. މި ބީދައިން، މި ދެ ބާރު އެއްވެ މަސައްކަތްކުރުމަކީ މި ފޮތުގައި ހުށަހެޅިފައިވާ ފަދަ އިއްތިފާގީ ނިޒާމަކަށް ފެތޭ ނިޒާމއް ވެސް ނޫނެވެ. އަދި އިއްތިފާގީ ނިޒާމެއްގައި ހާސިލުވާ، [ތަފާތު ގިނަ ބައެއް އިއްތިފާގުވުމުގެ] މަފްހޫމާ މުނާސަބު ހާލަތެއް-ވެސް ނޫނެވެ.

އިސްވެ ބަޔާންކުރެވުނު ދެ ބާރު އެކުގައި މަސައްކަތްކުރާ ހާލަތަކީ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބި، ސަރުކާރުގެ ކަންކަމަށް މަޖިލީހުގެ ރުހުން އޮވެ، ސިޔާސަތު ހިންގުމެވެ. މިއީ ހަގީގަތުގައި ނުރައްކާ ކަމެކެވެ. ސަބަބަކީ މުއައްސަސީ ގޮތެއްގައި ދެ ބާރު ވަކިން އޮތް ނަމަވެސް، ސިޔާސީ ގޮތުން ދެ ބާރު މިވަނީ އެއްވެފައެވެ. މި ހާލަތުގައި ވުން ގާތް ގޮތަކީ، ރައީސުލްޖުމުހޫރިއްޔާއަށް ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު [މިލްކުވުމެވެ.]

މި މައުލޫގައި ބަޔާންކުރަންޖެހޭ ކަމަކީ، ރިޔާސީ ނިޒާމުގައި އޮންނަ ފަދައިން ދެ ބާރެއްގެ މެދުގައި އޮންނަ ފާރަވެރިވުމުގެ ނިޒާމުގެ ތެރެއިން ކަމެއް ނިންމުމަކީ އިއްތިފާގީ އުސޫލެއްގެ ތެރެއިން ކަމެއް ނިންމުމުގެ މާނައިގައި ހިމެނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއީ ރިޔާސީ ނިޒާމުގެ ތަބީއަތުގެ ގޮތުން އިއްތިފާގެއް ވުޖޫދުކުރުވުމަށް ގަސްދުކުރެވިގެން މުއައްސަސާތައް ހިންގުން މަޖުބޫރުވެފައިވާ ގޮތެވެ. އިއްތިފާގީ ނިޒާމެއްގައި އިއްތިފާގު އޮންނަންޖެހެނީ ސިޔާސީ ގޮތުން ވާދަވެރި، ތަފާތު ޚިޔާލުތަކެއްގެ ވެރި ބައެއްގެ މެދުގައެވެ؛ ވާދަވެރިންގެ މެދުގައެވެ. މުއައްސަސާތަކުގެ މެދުގައެއްނޫނެވެ.

ސިޔާސީންގެ ނަޒަރާއި ނިޒާމުގެ ދުޅަހެޔޮކަން

ތަޖުރިބާއަށް ބަލާއިރު، ސަރުކާރެއް ހިންގުމަށް އަބަދުވެސް އޮންނާނީ ބާރުތައް ހަނިވެފައެވެ. ތަންފީޒީ ބާރާ ހަވާލުވާ ފަރާތުގެ މަގުސަދަކަށް އަބަދުވެސް ވެފައި އޮންނާނީ، ބޭނުންވާ ސިޔާސަތުތަކެއް ވީހާ ވެސް އަވަހަށް އެކުލަވައިލައި، ތަންފީޒުކުރުމެވެ. މިއީ ސިޔާސީ ގޮތުން ވެސް އެބައެއްގެ މަގުބޫލުކަން އިތުރުވާނެ ގޮތެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން، ނިޒާމާ މެދު ހިތްހަމަޖެހުން ދަށްވަނީ މި ފަދަ ބާރުވެރިމެއް ނުލިބޭތީއެވެ. ތަންފީޒީ ބާރުގެ ނަޒަރުން ބާރުތައް އޮންނަންވާނީ ފުޅާކޮށެވެ. ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވޭ ގޮތަކަށެވެ. އަދި ގާނޫނެއްގެ ދަށުން ބާރުތައް ހަނިވުމަކީ އެބައިމީހުން ބޭނުންވާނެ ގޮތެއް ނޫނެވެ. މީގެ މިސާލަކަށް ދާދި ގާތުން ބަލަމާހެއްޔެވެ. އެމް.ޑީ.ޕީން އަބަދުވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ދައުރުގައި، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމާ މެދު ވިދާޅުވެފައިވަނީ، ރިޔާސީ ނިޒާމެއްގައި ދިވެހިރާއްޖެ ހިންގިދާނެ ކަމަށެވެ. މިއީ އެއް ގޮތަކުން ހައިރާންވާންވީ ކަމެކެވެ. ސަބަބަކީ، ބަރުލަމާނީ ނިޒާމެއްގައި، އަދި ޚާއްސަކޮށް ރާއްޖެ ފަދަ އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ދުވަހަކު ވެސް ނުލިބޭ ގައުމެއްގައި، ބަރުލަމާނީ ސަރުކާރެއް އެކުލަވައިލުމަކީ ތަންފީޒީ ބާރުތައް ޕާޓީތަކަށް ބަހައިލެވޭނެ ކަމަށް ވުމެވެ. އެހެންކަމަށް ވާ ނަމަ، ބަރުލަމާނީ ނިޒާމެއްގެ ތެރެއިން މި ބާރުތައް އަތުން ބީވުމަކަށް ބާރުތައް އޮންނަ މީހަކު ނޭދޭނެއެވެ.

އަޢުލަބިއްޔަތުގެ ނިޒާމު އެމެރިކާގެ ރިޔާސީ ނިޒާމަށް ނިސްބަތްކުރެވުނުނަމަވެސް، އަދި އަހަރުމެންގެ ރިޔާސީ ނިޒާމުގެ މަރުޖިޢުއަކީ އެމެރިކާގެ ރިޔާސީ ނިޒާމު ކަމުގައިވީނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމެރިކާގެ ދުސްތޫރަކީ [އިއްތިފާގީ ދުސްތޫރެއް] ކަމެވެ. އެމެރިކާގެ ދުސްތޫރީ ނިޒާމަކީ ބަޔަކު އެއްތަނެއްގައި ތިބެ ފަސޭހަކަމާ އެކު އެންމެ ފުރިހަމައަށް އެކުލަވައިލާފައިވާ ކަރުދާހެއްނޫނެވެ. އޭގެ ބަދަލުގައި އެމެރިކާގެ ދުސްތޫރަކީ، ތަފާތު ޖަމާއަތްތައް އެއްވެ، ތަފާތު ސަރަހައްދުތަކުގެ މުމައްސިލުން އެއްތަންވެ، ތަފާތު ޚިޔާލުތައް އެއްވެ، އެއްބަޔަކު އަނެއްބަޔަކަށް ދޫދިނުމާއި، އެންމެ ފުރިހަކަމަށް ގަބޫލުކުރާ ގޮތް ދޫކޮށް، އެހެން ބައެއްގެ ޙިޔާލުވެސް ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ކަރުދާހެކެވެ.4

ގިނަ ބަޔަކު ބައިވެރިވެގެން ސިޔާސަތު ކަނޑައެޅޭ ނިޒާމެއްގައި ބާރުތައް އޮންނާނީ ހަނިވެ، ހުދޫދުވެފައެވެ. މިއީ ސިޔާސަތުތަކަށް ލިބޭ ދުޅަހެޔޮކަމެކެވެ. ނަމަވެސް ސިޔާސީންނަށް އޮތް ނުތަނަވަސްކަމެކެވެ. ބަރުލަމާނީ ނިޒާމުތަކުގައި ބައެއް ޙާލަތްތަކުގައި ސަރުކާރެއް އެކުލަވައިނުލެވި ދުވަސްތަކެއް ފާއިތުވެދާނެއެވެ. ސަރުކާރެއް އެކުލަވައިލުން ލަސްވާ ސަބަބަކީ، ގިނަ ފަހަރު، ވަކި ސިޔާސަތުތަކަކަށް އެއްބަސްނުވެވުމެވެ. ސަރުކާރެއް އެކުލަވައިލެވުނު ނަމަވެސް، ސަރުކާރު ރޫޅޭނީ ވެސް ސިޔާސަތުތަކާ މެދު އުފެދޭ ދެބަސްވުންތައް ހައްލުނުކުރޭތީއެވެ. އެހެންކަމުން، ބަރުލަމާނީ ނިޒާމުގައި ސަރުކާރު ރޫޅުމަކީ، ސިޔާސީންނަށް ލިބޭ ގެއްލުމެވެ (އެބައިމީހުންގެ އަތުން ބާރުތައް ގެއްލުމެވެ، މަގާމުތައް ގެއްލުމެވެ). ނަމަވެސް ނިޒާމަށް ލިބޭ އާރޯކަމެކެވެ؛ ދުޅަހެޔޮކަމެކެވެ. ނިޒާމަށް ލިބިގެންވާ ދުޅަހެޔޮކަމަކަށް ވަނީ، އެ ނިޒާމަށް އައިސްދާނެ ލޮޅުންތަކުން ސަލާމަތްވުމަށް، ސަރުކާރު ރޫޅުމެވެ. އެ ލޮޅުން ނާންނާނެ ފަދަ ސިޔާސަތުތަކަކަށް އެއްބަސްވެގެން މެނުވީ ސަރުކާރު އެކުލަވައިނުލުމަށެވެ. އިރުއިރުކޮޅައި ސަރުކާރު ރޫޅުމާއި އެކު ނުވަތަ އިންތިހާބާ އެކު ސަރުކާރު ބަދަލުވުމާ އެކު އެއްކޮށް ބަދަލުނުވާނެ ސިޔާސަތުތަކެއް ހިންގުމަށް މެނުވީ ސަރުކާރެއް ވުޖޫދުނުވުމަށެވެ. ރިޔާސީ ނިޒާމެއްގައި، މި ފުރުސަތެއް ނޯވެއެވެ. ރައީސެއް އިންތިޚާބުކުރުމަށް ފަހު، ދައުރު ހަމަވާންދެން، އެ ރައީސަކު އެދޭ ސިޔާސަތުތަކެއް ތަންފީޒުކުރެވެއެވެ. ދައުރު ހަމަވެ، ސަރުކާރު ބަދަލުވެއްޖެ ނަމަ، އައު ރައީސަކު އެހެން ސިޔާސަތުތަކެއް ހިންގައެވެ. ޝައްކެއްނެތް ގޮތުގައި މިކަމުގެ އެންމެ ބޮޑު އަސަރެއްކުރާނީ ރައްޔިތުންގެ ބައިތުލްމާލަށެވެ. އެހެންކަމުން، ނިޒާމީ ބަހުސެއްގައި، ބާރުތައް ޖަމާވުމާއި ބައިބައިވެފައި އޮތުމުގެ މައުލޫއަށް ވުރެ އިތުރަށް ވިސްނަންޖެހެއެވެ.

އަޣުލަބިއްޔަތުގެ ހުދުމުޚުތާރުކަން…؟

އަޣުލަބިއްޔަތުގެ ހުދުމުޚުތާރުކަމުގެ މައްސަލައަކީ ހަގީގީ މައްސަލައެކެވެ. އެހެންނަމަވެސް، އާންމު ރައްޔިތުންނަށް ފުޅާ ދާއިރާއެއްގެ މިންވަރެއްގެ ސިޔާސީ ބައިވެރިވުމެއް ލިބިފައިނުވާ ޒަމާނެއްގައި، އަދި ރަސްކަލުން ހުދުމުޚުތާރުކަމާ އެކު ވެރިކަން ކުރި ޒަމާނެއްގައި އަޣުލަބިއްޔަތަކީ މުނާސަބު ގޮތަކަށް ވެދާނެއެވެ؛ އެހެން ގޮތެއް ނެތުމަށް ވުރެ، އަޣުލަބިއްޔަތުން ކަންކަން ނިންމުން މޮޅުވެގެންވެއެވެ. 1690ވަނަ އަހަރު އިނގިރޭސި ފަލްސަފާވެރިޔާ ޖޯން ލޯކްގެ ލިއުއްވުންތަކުގައި އަޣުލަބިއްޔަތުގެ ނިންމުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެ ގޮތުން ސިޔާސީ މުޖުތަމައުތަކުގެ އެއްބައިވަންތަކަމާއި ޖަމާއީ ރައްކާތެރިކަން ދެމެހެއްޓުމުގައި އަޣުލަބިއްޔަތުގެ ނިންމުމުގެ ދައުރު މުހިންމުކަމުގައި ބަޔާންކޮށްފައިވެއެވެ.5 ޖޯން ލޯކުގެ ދުވަސްވަރަކީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެކެވެ. އެއީ އިނގިރޭސީ މަދަނީ ހަނގުރާމައާއި ގްލޯރިއަސް އިންޤިލާބުގެ ދުވަސްވަރެވެ. މި ދުވަސްވަރަކީ އިނގިރޭސި ދުސްތޫރީ ނިޒާމުގެ އަސާސްތައް ގާއިމުކުރުމުގެ މުހިންމު ދުވަސްވަރެކެވެ. މި ދުވަސްވަރު ސިޔާސީ ގޮތުން ސިޔާސީ ކަންކަން ނިންމުމުގައި ބައިވެރިވުމުގެ ހައްގު އޮންނަނީ އިނގިރޭސި މުޖުތަމައުގެ ވަރަށް ކުޑަ ނިސްބަތެއްގެ ރައްޔިތުންނަށެވެ. އެހެންކަމުން، ސިޔާސީ ނިންމުންތައް ނިންމުމުގައި މަދު ބަޔަކު ނިންމުމުގެ ބަދަލުގައި ގިނަ ބަޔަކު ހިއްސާ އޮތުމަށް ވަކާލާތުކުރުމަކީ އެ ޒަމާނާ މުނާސަބު ގޮތެކެވެ.

އަޣުލަބިއްޔަތުގެ ހުދުމުޚުތާރު ކަމަކީ އަޣުލަބިއްޔަތަކީ ޝަރުޢިއްޔަތުގެ އަސާސްކަމުގައި ބަލައި، އަޣުލަބިއްޔަތަށް ހުދޫދެއް ނެތް ބާރުވެރިކަމެއް ލިބިފައި އޮތުމެވެ. މި ފަދަ [ހުދުމުޚުތާރުކަމެއްގެ] ޚާއްސަ ނުރައްކާ ކަމަކީ، އެ ހުދުމުޚުތާރުކަމަށް ޝަރުޢިއްޔަތު ލިބިގެންވާކަމަށް ގަބޫލުކުރެވިފައި އޮތުމެވެ؛ އެއީ ބައެއް ފަހަރު ޑިމޮކްރަސީގެ އުސޫލުން ކަންކަން ނިންމުމަށް ކަމަށެ. އަނެއްބައި ފަހަރު އެންމެ ގިނަ މީހުން ބޭނުންވާ ގޮތަށް، އެންމެ ގިނަ މީހުންނަށް ހެޔޮ ގޮތަކަށް ކަންކަން ނިންމުމަށް ކަމަށެވެ؛ [ޔުޓިލިޓޭރިއަނިޒަމް] ގައިވާ ގޮތަށެވެ. އެހެންކަމުން، އަޣުލަބިއްޔަތަކީ ކޮންމެވެސް ދަރަޖައެއްގައި ހުދުމުޚުތާރުކަމެކެވެ. އަޣުލަބިއްޔަތުގެ ނިންމުންތަކުގެ ނުރައްކަލާ މެދު 19ވަނަ ގަރުނުގެ އިނގިރޭސި ފަލްސަފާވެރިޔާ، ޖޯން ސްޓްއާރް މިލްގެ ނުތަނަވަސްކަމަކީ ވެސް އަޣުލަބިއްޔަތުގެ ހުދުމުޚުތާރުކަމާ މެދު އޮތް ނުތަނަވަސްކަމެކެވެ. އެއީ ގިނަ ބަޔަކު ބޭނުންވާ ގޮތަކަށް ސިޔާސަތު ކަނޑައެޅުމުގައި، އެ ރައުޔު ހިއްސާ ނުކުރާ މީހުންނަށް އެކަމުން ކުރާނެ އަސަރާ މެދު އޮންނަ އިހުމާލެވެ. އަދި ގިނަ މީހުންގެ ރައުޔަކީ ހަމައެކަނި ގޮތް ކަމުގައި އޮންނަ އޮތުމެވެ.6 ދައުލަތް ހިންގުމުގައި، ބާރުވެރިކަމާއި، އެ ބާރުވެރިކަމުގެ ސަބަބުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެކި ސިފަސިފައިގައި ބަހުސްތައް ކުރެވޭ މައުލޫއެކެވެ. ޑިމޮކްރަސީގެ ނިޒާމުގައި ބާރުތައް އުފެދެނީ ރައްޔިތުންގެ ކިބައިންނެވެ. ސަރުކާރު އެކުލަވައިލެވެނީ ރައްޔިތުންގެ ނިންމުމަކުންނެވެ. އެހެންކަމަށް ވާއިރު، ދިވެހި ނިޒާމުގައި އޮތް އަޣުލަބިއްޔަތުން ސަރުކާރު އެކުލަވައިލުމަކީ ބާރުވެރިކަން ވުޖޫދުކުރުމުގެ އަސާސެވެ. މިހާރު އޮންނަ ގޮތުން، އަޣުލަބިއްޔަތުގެ މައްޗަށް ހަމައެކަނި ބާރުވެރިކަން ބިނާކުރެވެނީކީ ނޫނެވެ. އޭގެ އިތުރުން، ސިޔާސަތުތައް ވެސް ކަނޑައެޅެނީ އެ އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެއެވެ. މި މައުލޫގައި، އަޣުލަބިއްޔަތުގެ ބާރުގެ ސަބަބުން އިންތިޚާބުތަކުގައި ކުދި ޕާޓީތަކުގެ ދައުރު ކުޑަވެއެވެ. މުޅި ސިޔާސީ މަސްރަހުގައި ހިންގެނީ އަޣުލަބިއްޔަތުގެ ބާރުވެރިކަމެވެ. ގިނަ ސިޔާސީ ވާދަވެރިންގެ ސިޔާސީ މަސްރަހެއްގައި، މި ފަދައިން އަޣުލަބިއްޔަތުގެ މައްޗަށް ކަންކަން ނިންމުމަކީ ޔަގީނުން ވެސް ބޭއިންސާފަކަށް ވާނެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި 2008ގެ ފަހުން ބޭއްވުނު ހުރިހާ އިންތިޚާބެއްގައި ރިޔާސަތު ވެސް، އަދި ރައްޔިތުންގެ މަޖިލިސް ވެސް (މަޖިލިސް 2014ގެ ފަހުން) އަޣުލަބިއްޔަތު ބަދަލުވެފައިވެއެވެ. ދިވެހި ސިޔާސ މަސްރަހަށް ނަޒަރުކުރާ ނަމަ، އަޣުލަބިއްޔަތު ބަދަލުވެފައިވަނީ ސިޔާސީ ފިކުރުގެ ދެ ތަނޑި، ނުވަތަ ދެ ފިޔައިގެ ދެމެދު އެއް ނޫނެވެ.7 އެހެން ނަމަވެސް، ސިޔާސި ގޮތުން އަންނަ އިދިކޮޅުގެ އޮއިވަރުގައެވެ. މުޅި ސިޔާސީ މަސްރަހުގައި އެއާ އެކު ތަންފީޒުކުރެވެނީ އިދިކޮޅުގެ ސަބަބުން އުފެދޭ އަޣުލަބިއްޔަތުގެ ސިޔާސަތުތަކެވެ.

އަޣުލަބިއްޔަތުގެ ޕޮޕިއުލިޒަޒަމް

ޑިމޮކްރަސީއަކީ ޑިމޮކްރަސީގެވެސް ނުރައްކަލެވެ. ޑިމޮކްރަސީ ހަލާކުވެދަނީ ވެސް ޑިމޮކްރަސީގެ ސަބަބުންނެވެ. ޑިމޮކްރަސީއަކީ ރައްޔިތުންގެ އެދޭ ގޮތް ކަމުގައި ވަނީނަމަ، ޑިމޮކްރަސީ އުވައިލުމަށް ރައްޔިތުންގެ ބޭނުންވެއްޖެނަމަ، ނުވަތަ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ނޭދޭ ސިޔާސަތެއް ހިންގާނަމަ އެއީ ޑިމޮކްރަސީއަށް ވާނެހެއްޔެވެ؟ މިއީ ޑިމޮކްރަސީގެ [ޕޭރެޑޮކްސް] އެވެ. މި ޕޭރެޑޮކްސްގެ ފަހަތުގައިވާ އެއް ކަމަކީ [ޕޮޕިއުލިޒަޒަމް] އެވެ. ޕޮޕިއުލިޒަމަކީ މާއްދީ ގޮތުން، ސަގާފީ ގޮތުން، އަދި ދީނީ ގޮތުން ވިޔަސް މުޖުތަމައުގެ [ރައްޔިތުންނަށް ޓަކައި] ގެ ޚިޠާބާ އެކު ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވުމެވެ. ޕޮޕިއުލިޒަމްގެ ސިޔާސީ ހަރަކާތަކީ އޭގެ ޒާތުގައި ވަރަށް ރަނގަޅު ހަރަކާތެކެވެ. އޭގެ ސަބަބުން ރައްޔިތުންގެ މުހުތާދުތަކަށް ސިޔާސީ ސަމާލުކަން ލިބެއެވެ. މުޖުތަމައުގެ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ލިބެއެވެ. މިކަން މިހެން އޮތް ނަމަވެސް، ދިވެހި ސިޔާސީ މަސްރަހުގައި މި ފަދަ ހަރަކާތްތަކާއި ޚިޠާބުތައް ވެފައިވަނީ ޑިމޮކްރަސީގެ އުސޫލުތަކާއި، ހެޔޮވެރިކަމެއް ހިންގުމުގެ އުސޫލުތަކާ ބީރައްޓެހި، ނުރައްކާ ހަރަކާތްތަކަކަށެވެ. އެ ހަރަކާތްތަކާއި ޚިޠާބުތަކުގެ ބޭނުމަކީ މީހުން ޖަޒުބާތުގައި ޖެއްސުމެވެ. ސިޔާސީ ތާއީދު ހޯދުމަށް މައްސަލަތައް ފެންމަތިކޮށް، ހަގީގީ ހައްލު ދޫކޮށް، އެންމެ ފަސޭހައިން ތަންފީޒުކުރެވިދާނެ ޖަޒުބާތީ ހައްލެއް ހުށަހަޅައިދިނުމެވެ. މިކަމުގެ ނުރައްކާކަމަކީ، އެ ފަދަ ޚިޠާބެއްގެ ނުވަތަ ހަރަކާތެއްގެ ބަޔަކަށް ވެރިކަމުގެ ބާރުތައް ލިބުމެއްނޫނެވެ. ހަގީގީ ނުރައްކަލަކީ، ހެޔޮވެރިކަމުގެ އުސޫލުތަކާއި، ހަގީގީ ފަންނީ ހައްލުތައް ދޫކޮށް، ރައްޔިތުންގެ ފައިސާއާއި ވަސީލަތްތައް އިސްރާފުވާ ސިޔާސަތުތަކަށް ލިޖިޓިމެސީ ލިބުމެވެ. އެ ފަދަ ކަންކަމަކީ ބަލައިގަނެވޭ، އެންމެ ރަނގަޅު ސިޔާސަތުތަކަށް ވުމެވެ؛ ހައްގާއި ބާތިލު އޮޅުމެވެ.

ޕޮޕިއުލިޒަމްގެ ޚިޠާބުގައި މުހިންމު ވަނީ ނިޔަތެވެ. ސިޔާސަތެއް ނޫނެވެ؛ ނަތީޖާއެއް ނޫނެވެ. ހަގީގަތުގައި ކަންތައް އޮންނަންވީ އިދިކޮޅަށެވެ. މިކަންކަމުގެ މިސާލުތައް ދިވެހި ވެށީގައި ވަރަށް ގިނައެވެ؛ ރައްޔިތުންނަށް އޮންނަ ބުރަ ލުއިކުރުމަށް ބައެއް ދާއިރާތަކަށް ދައުލަތުން ސަބްސިޑީތައް ދިނުމެވެ؛ ރައްޔިތުންނަށްޓަކައި ބޭނުންވާ ބައެއް އާލާތްތައް ފޯރުކޮށްދިނުމަށް ދައުލަތުން ވިޔަފާރީކުރުމެވެ؛ ރައްޔިތުންނަށްޓަކައި ތަރައްގީ ގެނައުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް މާލިއްޔަތުގެ އުސޫލުތައް ބަދަލުކުރުމެވެ؛ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް މަގުފަހި ކުރުމަށް ދައުލަތުން ޙައްޖު މޮނޮޕޮލައިޒްކުރުމެވެ. މި ހުރިހާ ކަންކަމަކީވެސް ރައްޔިތުންނަށްޓަކައި ހައްލުކުރެވެންޖެހޭ ކަންކަމެވެ. އެހެންނަމަވެސް ޕޮޕިއުލިޒަމްގެ ސިޔާސަތުތައް އާޚިރުގައި ހެޔޮވެރިކަމަށް އޮންނަ ނުރައްކަލަކަށް ވެއެވެ (މި ފަދަ ބައެއް ސިޔާސަތުތަކާއި އެކަންކަމުގެ ނަތީޖާތަކާ ބެހޭ ގޮތުން، ކުރިއަށް އޮތް [ހެޔޮވެރިކަމުގެ އުސޫލުތައް ދުވަހެއް ދުވަހަކަށް ގޯސްވުން] މައުލޫގައި ބަހުސްކުރެވިފައި ވާނެއެވެ).

ޕޮޕިއުލިޒަމް ފުރުސަތަކީ، ސިޔާސަތު ކަނޑައަޅާ ބަޔަކާ ރައްޔިތުންނާ އޮންނަ ސީދާ ގުޅުމެވެ. މިގުޅުމަށް އިތުރު އާރޯކަމެއް ލިބެނީ، އެ ގުޅުން އަޣުލަބިއްޔަތުގެ މައްޗަށް ބިނާވެފައިވުމެވެ؛ ސިޔާސީ މީހާއަށް ތަންފީޒީ ބާރުގެ މަސްއޫލިއްޔަތު ލިބެނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވ އެ ވޯޓުން ލިބޭ އަޣުލަބިއްޔަތަކީ ކޮންމެ ވައްތަރެއްގެ ސިޔާސަތެއް ހިންގުމަށް ވެސް އޮންނަ ހުއްޖަތެކެވެ. ރިޔާސީ ދައުރު ކާމިޔާބުވުމަށް ފަހު، މި ފަދަ ސިޔާސަތުތައް ތަންފީޒުކުރުން މަނާ ކުރާނެ އެއްވެސް ހުރަހެއް ނުވެއެވެ. ތިން ބާރު އޮންނަނީ ވަކިވެފައެވެ. ރިއާސަތަށް ލިބިފައިވާ ބާރުތަކަކީ އިންތިޚާބީ ވައުދުތައް ފުއްދުމުގެ ފުރިހަމަ ބާރުވެރިކަމެކެވެ. އަޣުލަބިއްޔަތުގެ ހުދުމުޚުތާރުކަމެވެ.

ޕޮޕިއުލިޒަމްގެ ނުރައްކަލާ ދެކޮޅަށް ކޮންޓުރޯލެއް ބޭނުންވެއެވެ. ޕޮޕިއުލިޒަމްގެ އަސްލަކީ ރައްޔިތުންނާ ސިޔާސީ މީހާއާ އޮންނަ ގުޅުމާއި ސިޔާސީ ބާރުވެރިކަމވެ.8 ސީޔާސީ މީހާއަށް ރައްޔިތުންގެ ރުހުން އޮންނަން ޖެހުމެވެ. ސިޔާސީ މީހަކަށް ރައްޔިތުންގެ ރުހުން ނެތް ނިޒާމަކީ ޑިމޮކްރަސީގެ އުސޫލުން ހިނގާ ނިޒާމެއްނޫނެވެ. އެހެންކަމުން، ރައްޔިތުންގެ ރުހުން ނެތް ގޮތަކަށް ސަރުކާރެއް ނުހިންގޭނެއެވެ. އެހެންކަމަށް ވާނަމަ، ރައްޔިތުންގެ ރުހުމާ އެކު އޮންނަ ސަރުކާރެއްގެ ކޮންޓުރޯލަކަށް އެންމެ ރަނގަޅުވާނީ، ރައްޔިތުންނާއި ސިޔާސަތުތަކާ ދެމެދަށް ކޮންޓުރޯލު ކުރުމުގެ ނިޒާމެއް ފެއްތުމެވެ. އެއީ، އިއްތިފާގުގެ ނިޒާމެވެ. އިއްތިފާގެއްގެ ތެރެއިން ސަރުކާރެއް އެކުލަވައިލުމާއި، ސިޔާސަތުތައް ކަނޑައެޅުމުގެ ވާހަކަ އިސްވެ ބަޔާންކުރެވިއްޖެއެވެ. ޕޮޕިއުލިޒަމްގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް މަގުފަހިވަނީ އެކަކު ބޭނުންވާ ގޮތަކަށް ކަންތައްތައް ނިންމުމުގެ ނިޒާމެއްގެ ތެރެއިންނެވެ. އެހެންކަމަށް ވާނަމަ، ގިނަ ބައެއްގެ ބައިވެރިވުމާ އެކު ހިންގޭ ނިޒާމެއްގައި އެ ފަދަ ސިޔާސަތުތައް ކޮންޓުރޯލުކުރެވެއެވެ.


  1. Aurel Croissant, “Majoritarian and Consensus Democracy, Electoral Systems, and Democratic Consolidation in Asia,” Asian Perspective 26, no. 2 (2002): 5–39, 6. ↩︎

  2. ބަޔާންކުރެވިފައިވަނީ

    Arend Lijphart, Patterns of Democracy: Government Forms and Performance in Thirty-Six Countries (New Haven: Yale University Press, 1999), 31.

    މި މައުލޫގައި އިތުރަށް ކިޔާލުމަށް

    Russell Hardin, “Public Choice versus Democracy,” Nomos 32 (1990): 184–203. ↩︎

  3. Christopher J. Anderson and Christine A. Guillory, “Political Institutions and Satisfaction with Democracy: A Cross-National Analysis of Consensus and Majoritarian Democracies,” American Political Science Review 91, no. 1 (March 1997): 66–81. ↩︎

  4. އިތުރަށް ކިޔާލުމަށް

    Steven Levitsky and Daniel Ziblatt, Tyranny of the Minority: How American Democracy Reached the Breaking Point (New York: Crown, 2023). ↩︎

  5. John Locke, Second Treatise of Government (1690).

    https://english.hku.hk/staff/kjohnson/PDF/LockeJohnSECONDTREATISE1690.pdf. ↩︎

  6. John Stuart Mill, On Liberty. Project Gutenberg.

    https://www.gutenberg.org/files/34901/34901-h/34901-h.htm ↩︎

  7. ދިވެހި ސިޔާސީ މަސްރަހުގައި، ވަކި އިގުތިސާދީ ނުވަތަ އިޖުތިމާއީ ފިކުރެއްގެ މައްޗަށް ބިނާ ޕާޓީއެއް ކަނޑައެޅުމަކީ ދަތިކަމެކެވެ. އެހެނީ ކޮންމެ އިންތިޚާބެއްގައި ވެސް ފެންނަނީ އިދިކޮޅުގެ އޮއިވަރެވެ. ސަރުކާރާ އެއްކޮޅުން ސަރުކާރާ ދެކޮޅާށް މީހުން ބަދަލުވާ މަންޒަރެވެ. މިއީ އިތުރަށް ދިރާސާކުރަންޖެހޭ މައުލޫއެކެވެ. ↩︎

  8. William G. Howell and Terry M. Moe, Presidents, Populism, and the Crisis of Democracy (Chicago: University of Chicago Press, 2020). ↩︎