ދިވެހި ސިޔާސީ މަސްރަހަށް ބަރުލަމާނީ-ރިޔާސީ ބަހުސް ތައާރަފުވެފައިވަނީ ތާރީޚީ ގޮތުން މުހިންމު ހިނދުކޮޅެއްގައެވެ. އެއީ ދިގު ވެރިކަމަކާ (ރެޖީމްގެ މާނައިގައި) ދެކޮޅަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ، އެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތްތަކެއް ކުރި ދުވަސްވަރެއްގައެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ ވެރިކަމުގައި ހުރި މީހަކު ވެރިކަމުން ދުރުކުރުމަށް ވުރެ، އެ މުޅި [ރެޖީމް] ބަދަލުކޮށް، އިސްލާހީ ފިޔަވަޅުތަކެއް އެޅުމެވެ؛ ޑިމޮކްރަސީގެ އުސޫލުތަކަށް ނިޒާމު ބަދަލުކުރުމެވެ. އެހެންނަމަވެސް، ދިގު ވެރިކަމަކާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ، އެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގެ އަސަރު ނިޒާމު އެކުލަވައިލުމަށް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ނިޒާމު އިސްލާހުކުރުމުގެ މަސައްކަތް ކުރެވުނު އިރު، ދިގު މުއްދަތެއްގައި ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ނުވަތަ ވެރިކަމުން [ބޭލުމުގެ] ޖޯޝު ވެސް އޮތީ އާލާވެފައެވެ. އެހެންކަމުން، ނިޒާމު އެކަށައެޅުމުގައި، މައިގަނޑު ދެ ޕާޓީ ކަމުގައިވާ އެމް.ޑީ.ޕީ އާއި ޑީ.އާރު.ޕީގެ ނިޒާމީ އިޚުތިޔާރު ވެސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، އޭގެ ޒާތުގައި ހިންގުމުގެ ނިޒާމެއް ކަނޑައެޅުމަށް ވުރެ، ވެރިކަން ބަދަލުކުރުމާއި ނުކުރުމުގެ މައްޗަށެވެ. ވެރިކަން ދެމެހެއްޓުމަށް މަގުފަހި ވާނެކަމަށް ޑީ.އާރު.ޕީއަށް ފެނުނީ ރިޔާސީ ނިޒާމަކުންނެވެ؛ ވެރިކަން ބަދަލުކުރުކުރެވޭނެ ކަމަށް އެމް.ޑީ.ޕީއަށް ފެނުނީ ބަރުލަމާނީ ނިޒާމަކުންނެވެ.

ފަހުގެ ޒަމާނާ ހަމައަށް، ދިވެހިރާއްޖޭގެ ތާރީޚު ދެކިފައިވާ ހިންގުމުގެ ނިޒާމަކީ، ލާމަރުކަޒުކުރެވިފައިވާ ދައުލަތެއްގައި ރަސްކަލުންނަށް ކޮންމެވެސް މިންވަރެއްގެ މުތުލަގު ބާރުވެރިކަމެއް ލިބިގެންވި ނިޒާމެކެވެ. ދިވެހިރާއްޖެ ޖޯގުރަފީ ގޮތުން އުފެދިފާ ބައްޓަމަށް ބަލާއިރު، ވަކިވަކި ރަށްތަކެއްގެ މައްޗަށް ބިނާވެގެން ދައުލަތެއް އުފެދި، އެއް ދައުލަތެއްގެ ސިފައިގައި ހިންގިފައިވުމަކީ ފަހަރުގައި ދުނިޔޭގެ ތާރީޚުގައި ވަރަށް ނާދިރުކޮށް ހިނގާފައިވާ ކަމެއް ކަމުގައި ބެލެވިދާނެއެވެ. ސަބަބަކީ، ދުރު ހިސާބުތަކަށް ބަހައިލެވިފައިވާ، އަދި ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް، އެ ޒަމާނުގެ ދަތުރު ފަތުރާއި މުއާސަލާތީ ގުޅުން ހުރި މިންވަރުން، ކޮންޓުރޯލުކުރުމުގެ މާނައިގައި ބާރު ހިންގުމަކީ މުސްތަހީލުކަމަކަށް ވާތީއެވެ. ނަމަވެސް، މި ބަޔާންކުރެވުނު ޖޯގުރަފީ ސިފަތަކާ، އާބާދީ ބަހާލެވިފައިވާ ގޮތާ އެކު ވެސް، ދިވެހިރާއްޖެ ސަރަހައްދީ ދައުލަތެއް ގޮތުގައި ދިގު ތާރީޚެއްގައި އޮތުމަކީ ހަގީގަތެކެވެ.

1600ގެ އަހަރުތަކުގައި ދިވެހިރާއްޖޭގައި ދުވަސްތަކެއް ހޭދަކުރި ފަރަންސޭސި ދަތުރުވެރިޔާ، ޕިރާޑު ލިޔެފައިވާ ގޮތުގައި، ދިވެހިރާއްޖެ ބެހިފައިވަނީ އިދާރީ 13 ދާއިރާއަކަށެވެ. މި ދާއިރަތައް އޮންނަނީ ނާއިބުންގެ ބެލުމުގެ ދަށުގައެވެ. ނާއިބުންނަކީ ގާނޫނާއި، ދީނީ ޙުކުމްތައް ދެނެވަޑައިގަންނަވާ ބޭކަލުންނެވެ. މި ދާއިރާތަކުގައި ފައިސަލާކުރުމުގެ ކަންކަން ހިންގަނީ ނާއިބުންނެވެ. ފައިސަލާ ކުރުމުގެ ކަންކަމުގައި ނާއިބުންގެ މައްޗަށް ހުންނަ ވެރިޔަކީ މާލޭގައި ހުންނަވާ ފަނޑިޔާރެވެ. ނާއިބުންގެ އިތުރުން، ރަށްރަށުން ވާރުގެ ކަންކަން އިންތިޒާމުކުރުމަށް، ވެރިކަމުގެ ފަރާތުން، ކޮންމެ ދާއިރާއަކަށް ވާރުވެރިޔާ އައައްޔަންކުރެވެއެވެ. ކޮންމެ އަހަރަކުވެސް ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ އާމްދަނީ އެ ދާއިރާތުން އުފައްދައި ވެރިކަމަށް އެރުވުމަކީ ވާރުވެރިންގެ ޒިންމާއެކެވެ.1 ވެރިކަމުގެ ސިފައާ ބެހޭ ގޮތުން ޕިރާޑު ބަޔާންކޮށްފައިވާ ސިފައަކީ، ރަސްގެފާނަކީ ހުދުމުޚުތާރު ބާރުވެރިކަމެއް ލިބިގެންވާ ފަރާތަކަށް ވުމެވެ. ނަމަވެސް، މަނިކު ބަޔާންކޮށްފައިވާ ގޮތުގައި، ރަސްގެފާނުގެ ބާރުތައް ވެސް ވަނީ ސިޔާސީ މަސްރަހުގެ ސަބަބުން ހުދޫދުވެފައެވެ. އަދި ގާނޫނު ހެދުމުގެ ހުދޫދެއް ނެތް ބާރުވެރިކަމާ އެކު ގާނޫނެއް ރަސްގެފާނުގެ ފަރާތުން އާންމުކުރެވެނީ ވެސް މަދު ފަހަރަކުއެވެ. ރަސްގެފާނުގެ ބާރުތައް މި ހާލަތުގައި ހަނިވުމުގެ ސަބަބަކީ އާދަކާދަތަކާއި ގަނޑުވަރުތެރޭގައި އޮންނަ ސިޔާސީ ވާދަވެރިކަމެވެ.2 މީގެ އިތުރުން، ދިވެހި ރަސްކަމުގެ ތާރީޚުގައި އޮތް އާދައެއް ކަމުގައިވާ، ރަދުންގެ އިޚުތިޔާރުން އައްޔަންކުރާ މަޖިލީހެއްގެ މަޝްވަރާއާ އެކު ރަދުން ކަންކަން ނިންމެވުމަކީ ވެސް ރަސްކަމުގެ ބާރުތައް ހުދޫދުވުމުގެ ސަބަބެކެވެ.3 މި ވާދަވެރިކަމުގައި ގިނަ ފަހަރު ތިބެނީ ވަޒީރު ބޭކަލުންނާއި ކިލެގެ ބޭކަލުންނެވެ. 1600ގެ އަހަރުތަކުގައި ހިނގައި ދިޔަ ސިޔާސީ ހާދިސާއަކާ ގުޅޭ ގޮތުން އުޙްމަދު ޢަލާ ދީދި ލިޔުއްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި އޮތް ރަސްކަމަކީ މާމަތީ ދަރަޖައިގެ ހުދުމުޚުތާރު ބާރުތަކެއް ރަސްގެފާނަށް މިލްކުވެފައި އޮންނަ ޒާތުގެ ރަސްކަމެއް ނޫނެވެ.4 ދިވެހި ރަސްކަން ހިނގަނީ ރަސްކަން ހިންގާ މަޖިލީހެއްގެ ލަފާގެ މަތީންނެވެ. އެއީ ކިލެގެ ބޭކަލުންގެ މަޖިލީހެވެ. ކިލެގެއިން ގޮތުގައި އެކު ޖުމުލަ 14 ކިލަގެ ތިއްބަވައެވެ. ރަސްކަމުގެ ހުދުމުޚުތާރުކަމަށް އޮތް އަނެއް ހުރަހަކީ [ހަވަރު ހުއްޓިލެއްވުމެވެ.] ޢަބްދުﷲ ސަޢީދު ބަޔާންކޮށްފައިވާ ގޮތުގައި، [ދިވެހި ވެރިކަމުގެ ނިޒާމުގައި ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރަކީ ހަވަރަށް އޮތް ރަދުން ބަދަލުކުރުމުގެ ބާރެވެ. ހަވަރު ހުއްޓިލެއްވުމުން އެއީ ހަވަރުގެ ފަރާތުން ރަދުންގެ އަރިހުގައި ރަސްމީ ގޮތުން ކޮންމެވެސް ބޮޑު ކަމަކާ މެދު އެއްޗެއް ދަންނަވަން ޖެހުނީކަން ރަސްގެފާނަށް އެނގިވަޑައިގަންނަވައެވެ. މިއީ ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވުމެވެ. ]5

ބަރުލަމާނީ - ރިޔާސީ ބަހުސްގައި ދިވެހި ހިންގުމުގެ ނިޒާމުގެ ތާރީޚު ދިރާސާކުރާނަމަ ދިރާސާ ކުރުން އެންމެ މުނާސަބަބު ގުޅުމަކީ، ތާރީޚުގެ ތެރެއިން ]ބޮޑުން[ ނާއި، ރަސްގެފާނާއި ރައްޔިތުންނާ މެދު އޮންނަ ގުޅުން ދިރާސާ ކުރުމެވެ. އަދި، މި ގުޅުމުގައި ކޮންމެ ބައެއް އަދާކުރަމުން ދިޔަ ހިއްސާ ބައްޓަންވެފައިވާ ގޮތްތައް ދިރާސާކުރުމެވެ. ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގައި އޮތް އުސޫލަކީ ގިނަ ބައެއްގެ މެދުގައި އޮތް ބެލެންސެއްގެ ތެރެއިންތޯ ނުވަތަ އެންމެ މީހެއްގެ އަތުގައި އޮތް ބާރުތަކެއްގެ ތެރެއިންތޯ ދެނެގަނެވޭނީ އިސްވެ ބަޔާންކުރެވުނު ކަންކަން ދިރާސާކޮށްގެންނެވެ.

ޒަމާނުއްސުރެ ދިވެހި ރަސްކަމުގެ އެންމެ ބާރުގަދަ ފަރާތަކީ ރަދުންކަމުގައި އޮތް ނަމަވެސް، 1800ގެ އަހަރުތަކުގައި އެ އުސޫލުބަދަލުވެ، ރަދުންގެ އަތްމަތީގައިވާ ބާރުތައް ކުޑަވެ، ބޮޑުންގެ ނުފޫޒުގެ މައްޗަށް ވެރިކަން ހިނގަން ފެށިއެވެ. ބޮޑުންގެ ތެރޭގައި ނުފޫޒުގަދަވި ބަޔަކަށް އެބައިމީހުންގެ ނުފޫޒު ލިބިފައިވަނީ އިނގިރޭސީންގެ ސަބަބުން އިންޑިއާ ކަނޑަށް ވެރިވި ހިމޭންކަމާ އެކު އުފެދުނު ވިޔަފާރީތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ދެން ކޮއިލުތެރޭގައި ސިޔާސީ ވާދަވެރިކަމުގައި ކާމިޔާބުވުމާއި ބަލިވުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ރަދުންނާ ގާތްވުމަށް ކުރެވޭ ކައިވެނިތަކެވެ.6

ރަސްކަމުގެ ކޮއިލުތެރެއަށް ބޮޑުންގެ ވާދަވެރިކަން ވަނުން

1800ގެ އަހަރުތަކުގައި ބޮޑުންގެ މެދުގައި އޮތް ވާދަވެރިކަން އޮތީ، 2 އާއިލާއެއްގެ މެދުގައެވެ. މި ވާދަވެރިކަން ސިޔާސީ ވާދަވެރިކަމަކަށްވީ، ދައުލަތުގެ ނުފޫޒުގަދަ ދެ މުއައްސަސާއަކަށް ދެ އާއިލާގެ މެންބަރުން އައްޔަންވެ، އެ ދެ އާއިލާގެ މެދުގައި ހިނގި ކަންތައްތައް ދެ މުއައްސަސާގެ ތެރެއިން ހިނގުމެވެ؛ އެއީ ބޮޑުވަޒީރުކަމާއި ބޮޑުބަނޑޭރިކަމެވެ. ދިވެހި ރަސްކަމުގެ ފަރާތުން އެންމެ ފުރަތަމަ ބޮޑުވަޒީރެއް ގޮތުގައި އައްޔަންކޮށްފައިވަނީ، ޙަސަން ނޫރައްދީނުގެ (އެއްވަނަ) ރަސްކަމުގައި، އިބްރާހީމް ރަންނަބަނޑޭރި ކިލެގެފާނެވެ (ބޮޑުވަޒީރުކަމުގެ ކުރިން ކަކާކޮއެވެ. މިއީ ސިޔާސީ ކަކާގޭގެ ބާނީއެވެ). ރަދުން މުޙައްމަދު މުޢީނުއްދީނުގެ (އެއްވަނަ) ރަސްކަމުގައި ބޮޑުވަޒީރު އިބްރާހީމް ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމުން، ދެން ބޮޑުވަޒީރުކަން ދެއްވީ އެ ކިލެގެފާނުގެ ދަރިކަލުން ޢަލީ ރަންނަބަނޑޭރި ކިލެގެފާނަށެވެ. މުސްކުޅި ބަނޑާރައިން، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނުގެ (ހަތަރުވަނަ) ރަސްކަމުގައި މި ކިލެގެފާނު އަވަހާރަވުމުން ދެން ބޮޑުވަޒީރަކަށް ހަމަޖެހުނީ އެ ކިލެގެފާނުގެ ދަރިކަލުން މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. އަތިރީގޭ ބޭފުޅަކަށް ފުރަތަމަ ފަހަރަށް ބޮޑު ބަނޑޭރިކަން ލިބިވަޑައިގަތީ އެ ރަދުންގެ ރަސްކަމުގައި ޢަލީ ދޮށިމޭނާ ކިލެގެފާނަށެވެ.7 ސިޔާސީ މަސްރަހުގައި ބޮޑުވަޒީރަކީ ރަދުންނާ ވާދަވެރި، އަދި ވަކި ސިޔާސީ ބާރެއް ގޮތުގައި ފާޅުވާން ފަށައިފައިވަނީ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ފަހުކޮޅުއެވެ.8

ރަސްކަން ބަދަލުކުރުމާއި، އެއިރެއްގައި ނުފޫޒުގަދަ ބޮޑުން ބޭނުންވާ ރަސްކަލެއް ރަސްކަލަށް އައްޔަންކުރުން ފެށިފައިވަނީ މުސްކުޅި ބަނޑާރައިން އަވަހާރަވުމުގެ ފަހުންނެވެ. 1800ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ރަސްކަމުގައި ބޮޑުންގެ ދައުރާއި ރަސްކަމުގެ ބާރުތަކާ ބޮޑުންނާ އޮތް ގުޅުމުގެ މައްޗަށް މުހަންމަދު ނަޝީދު ލިޔުއްވާފައިވެއެވެ. އެ ގޮތުން، ދިވެހި ތާރީޚުގައި ވެރިކަން ބަދަލުވުމުގެ އެންމެ އާންމު ހަމައަކީ، ކިލެގެބޭކަލުންނާއި ހަގުބޭކަލުންނާއި، އަދި ހަވަރުގެ ތެރެއިން ރަދުންނާ އިދިކޮޅަށް އަރާ ބަޔަކު ގަދަވުމުން ވެރިކަން ބަދަލުވުމެވެ. 1835ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގަން މުސްކުޅިބަންޑާރައިންގެ ރަސްކަން 1882ވަނަ އަހަރު ނިމި، އެ ރަދުންގެ ހަގު ދަރިކަލުން އައްސުލްތާން އިބްރާހީމް ނުރައްދީނުގެ ގޮތުގައި ރަސްކަމަށް އިސްކުރެވުނެވެ. އެ ރަދުންނަށް ރަސްކަން ލިބިވަޑައިގަތީ، އެ ރަދުންގެ ދޮށީ ބޭބޭފުޅު ކިބައިގައި [އިސްލާމް ދީނުގައި ވާޖިބުނުވާ ފަދަ އައިބެއް ވެއްޖެކަމަށް ނާއިބު އިސްމާޢީލު ބަންޑާރަނައިބު ތަކުރުފާނު ނިޔާކުރެއްވުމުންނެވެ.] ހަގީގަތުގައި ރަދުންގެ ދޮށީ ބޭބޭފުޅަށް ރަސްކަން ލިބިވަޑައިނުގަތީ އައިބުގެ ސަބަބުންނެއްނޫނެވެ. ނަމަވެސް، ބޮޑުން އެގޮތަށް އެކަން ވުމަށް ނޭދޭތީއެވެ. އަތިރީގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އިބްރާހީމް ދީދީ (ފަހުން ރަންނަބަނޑޭރި ކިލެގެފާނު) އާއި އެނޫން ވެސް ބޮޑުން، ރަދުންގެ ހަގު ދަރިކަލުންނަށް ރަސްކަން ދިނުމަށް ބޭނުންވާތީއެވެ. [ރަދުންގެ ބާރު ކުޑަވެ، ގޮނޑިކޮއްކޮ ރަދުން ރަސްކަމަށް އިސްކުރެވެން ފެށި މި ޒަމާނުގައި، ބޮޑުންގެ ދެބަސްވުމެއް، ކޯޅުމެއް ފެށިގެން އަންނައިރު ވެސް އަދި ހިނގަމުންދާއިރު ވެސް، ރަދުންގެ ދައުރު ނުވަތަ ރަސްކަމަށް ދެން އިސްވާން ހުރި މަނިއްޕުޅުގެ ދައުރު ވަރަށް ކުޑައެވެ. ވެރިކަމުގެ ތެރޭގައި ވެރިން ދެ ބަޔަކަށް ބެހެނީއެވެ. ހައްތާ ވެސް ކޯޅުންގަނޑުތަކުގެ ދަރަޖަ އުފުލާނީ ބޮޑުންގެ ދެބަސްވުންތަކާއި ކުރިމަތިލުންތަކުންނެވެ.] ނަޝީދު ލިޔުއްވައިފައިވާ ގޮތުގައި، މިގޮތަށް ވެރިކަން ބަދަލުވާން ފެށީމާ ނުކުތީ ވަރަށް ހިތި ނަތީޖާއެކެވެ. އެއީ ވެރިކަން [ގޮނޑިކޮއްކޮ] ވެރިކަމަކަށް ބަދަލުވާން ފެށީއެވެ. ބޮޑުން ރުހޭ ގޮތަކަށް ކަންކަން ކުރިއަށް ގެންދާން މަޖުބޫރުވާ ހާލަތަކަށް ދަނީއެވެ. އެހެން ނުހަދައިފިނަމަ ވެރިކަން ބަދަލު ވަނީއެވެ. މިއީ ވެރިކަމުގެ ބާރުތައް ބޮޑުންގެ އަތްމައްޗަށް ފުރޮޅިގެންދިޔުމެވެ.9

މުސްކުޅިބަންޑާރައިންގެ ދުވަސްވަރު އިނގިރޭސީންނަށް އޮތީ ދިވެހިރާއްޖެއާ ސިޔާސީ ގޮތުން [ގާތްވެވޭ ގޮތެއް ނުވެފައެވެ]؛ އިނގިރޭސީންގެ ފަރާތުން ރަދުންގެ ފައިންޕުޅު ދުށުމަށް އަންނަ އޮފިސަރުންނަށް މުސްކުޅި ބަންޑާއިންގެ ދުވަސްވަރު އެކަން އޮތީ ނުވެފައެވެ. 1882ވަނަ އަހަރު، ދިވެހީންނާ އިނގިރޭސީންނާ ދެމެދު އޮތް ގުޅުމަކީ ކޮން ކަހަލަ ގުޅުމެއް ކަމެއް ސާފުނުވާކަމަށް ބެލް ލިޔުއްވާފައިވަނީ އެ ސަބަބަށް ޓަކައެވެ.10 އެހެން ނަމަވެސް މިކަން ބަދަލުވެފައިވަނީ، އަތިރީގޭ މެންބަރުންގެ ތާއީދާ އެކު ރަސްކަން ލިބިވަޑައިގަތް އައްސުލްޠާން އިބްރާހީމް ނުރައްދީނުގެ ވެރިކަމުގައި، އަތިރީގެ ޕާޓީގެ ނުފޫޒާ އެކުއެވެ؛ ޚާއްސަ ގޮތެއްގައި އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ނުފޫޒާ އެކުއެވެ. އެ ގޮތުން، އިނގިރޭސީންނަށް ރަދުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނީ 1883ވަނަ އަހަރުގެ ޖުލައި މަހުއެވެ.11 މި ރަދުންގެ ރަސްކަމުގައި ބޮޑުބަނޑޭރިކަމަށް އައްޔަންކުރެވުނީ ވެސް އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ.

1887ވަނަ އަހަރު އިނގިރޭސީންނާ ދިވެހިރާއްޖެއާ ދެމެދު ވެވުނު، [ހިމާޔަތުގެ އެއްބަސްވުމަކީ" ވެސް،] ބޮޑުންގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމުގެ ނަތީޖާއެވެ. ރަސްގެފާނުގެ ދައުރު ރަމްޒީވެ، ސަރުކާރު ހިންގުމުގެ ބާރުތައް ބޮޑުންގެ އަތްމައްޗަށް ފުރޮޅުނު އިރު، ގައުމުގެ ސިޔާސީ ބޮޑެތި ނިންމުންތަކާއި ސިޔާސަތުތައް ކަނޑައަޅައި ނިންމަނީ ބޮޑުންގެ ތެރެއިން ސިޔާސީ ބާރުވެރިކަން އެއިރަކު ލިބިފައިވާ ބަޔަކު ބޭނުންވާ ގޮތަކަށެވެ. މިހާ ހިސާބަށް ދިޔަ އިރު، ބޮޑުންނަކީ ހަމައެކަނި ކޮއިލުތެރޭގައި ރަސްގެފާނުގެ އަރިހުގައި މަސައްކަތްކުރައްވަން ތިއްބެވި ބޭކަލުންތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ބޮޑުން މި ވަނީ ދައުލަތުގެ އެއްބާރު ކަމުގައި ވެފައެވެ.

އިނގިރޭސި ހިމާޔަތުގެ ދަށަށް ދިޔުމަށް މަގުފަހިކުރި އެއް ހާދިސާއަކީ ބޮޑުންގެ ވާދަވެރިކަމުގެ ތެރެއިން ހިނގި ބޮޑުހުޅުގެ ހާދިސާއެވެ. ބޮޑުހުޅުގެ ކުރިއަށް ބަލާއިރު، މުސްކުޅިބަންޑާރައިންގެ ދުވަސްވަރު، މާލޭގައި ތިބި ބިދޭސީ ވިޔަފާރިވެރިން ގުޅިފައިވަނީ އަތިރީގޭގެ ވިޔަފާރިއާއެވެ. މި ދެ އާއިލާގެ ދެމެދުގައި އޮތް ވާދަވެރިކަމުގައި 1857ގައި ހިނގި އެއް ކަމަކީ އަތިރީގޭ އާއިލާއާ އޮތް ވިޔަފާރީގެ ވާދަވެރިކަމުގެ ސަބަބުން، އެބައިމީހުންނާ ވާދަކުރުމަށް ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނުގެ ރަސްކަމުގައި، ބޮޑުވަޒީރު ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު ދެއްވުމެވެ. މި މައްސަލައިގައި، އޭރުގެ ބޮޑުބަނޑޭރީގެ ގޮތުގައި ހުންނެވި އަތިރީގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ރަދުންނާ ދެބަސްވެވަޑައިގެން، ރާއްޖެ ދޫކުރައްވައި ސިލޯނުގެ ގާލީގައި ވަޒަންވެރިވެވަޑައިގަތެވެ. އޭގެ ފަހުން ބޮޑުބަނޑޭރިކަން އޮތީ ހުހަށެވެ. އެހެން ނަމަވެސް، މުސްކުޅިބަނޑާރައިންނަށް ފަހު އަތިރީގޭ ނުފޫޒުގައި އައްސުލްޠާން އިބްރާހީމް ނުރައްދީނަށް ރަސްކަން ލިބުމާ އެކު، ބޮޑުބަނޑޭރިކަމަށް އިސްކުރެވުނީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. އަނެއްކާވެސް، ވާދަވެރި ދެ އާއިލާ ދެމެދުގައި، ބޮޑުވަޒީރުކަމާއި ބޮޑުބަނޑޭރިކަމުގެ ތެރެއިން ވާދަވެރިކަން އިޢާދަވާ ގޮތް ވީއެވެ. އެހެން ނަމަވެސް، އެންމެ ފުރަތަމަ، މިކަން އޮތީ ވަރަށް އަމާންކޮށެވެ. އެކަމުގައި ބޮޑުވަޒީރު، ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު ހާސިލުކުރައްވަން ބޭނުންފުޅުވި މަސްލަހަމަސްލަހަތުތަކެއް ވެސް ވެއެވެ. އިބްރާހީމް ނުރައްދީނަށް ރަސްކަން ލިބުމާ އެކު، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މާލެ ވަޑައިގަތެވެ. އެ ދުވަސްވަރު، ދިވެހިރާއްޖޭގައި ބޯޓު ދެލި ގުދަނެއް އެޅުމުގެ ކަންތަކުގައި އިނގިރޭސި އޮފިސަރަކު މާލެ އައިސްއުޅެއެވެ. ރަދުންނާއި ބޮޑުން އެދިވަޑައިގަތީ ސިލޯނުގެ ގަވަރުނަރު އަރިހަށް ވަޑައިގެން، ބޯޓު ދެލި ގުދަން އެޅުމުގެ ކަންތައް ހުއްޓައިލަދެއްވާތޯ ދެންނެވުމެވެ. ދޮށިމޭނާ ކިލެގެފާނު ސިލޯނަށް ވަޑައިގެން ގަވަރުނަރާ މަޝްވަރާކުރެއްވުމުން ގަވަރުނަރު އެކަން ގަބޫލުކުރެއްވިއެވެ.12 ދެން ދޮށިމޭނާ ކިލެގެފާނު އެނބުރި ގާލީގައި ހުންނަވަނިކޮށް ރަދުން ވިދާޅުވެގެން ރާއްޖެ ވަޑައިގަތުމުން، 1884ވަނަ އަހަރު ބޮޑުބަނޑޭރިކަން ދެއްވައިފިއެވެ.

ސިޔާސަތުތަކުގައި ބޮޑުންގެ ވާދަވެރިކަން

ކިލެގެފާނު ބޮޑުބަނޑޭރިކަމާ ހަވާލުވެވަޑައިގެން، ރާއްޖޭގެ [ދަރަނީ ހާލަތު ރަނގަޅުކުރެއްވުމަށް] ސިޔާސަތެއް އެކުލަވައިލެއްވިއެވެ. އެ ސިޔާސަތަކީ ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރިކުރުން މަނާކޮށް، އެ ކިލެގެފާނަށް ތާއީދުކުރާ ބިދޭސީ ވިޔަފާރިވެރިއަކާ، އަހަރަކު 80،000 ރުފިޔާއަށް މުދާއެތެރެކުރުމާއި ބޭރުކުރުން ހަވާލުކުރުމަށެވެ. އަދި ވަކި ބާވަތްތަކަކުން ޑިއުޓީއާއި ޓެކްސް ނެގުމަށެވެ. މި ސިޔާސަތާ ބޮޑުވަޒީރު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު ގަބޫލުފުޅެއްނުވިއެވެ. ހެންވޭރުގޭ ޙަސަން ހަކުރާ މަނިކުފާނާއި ރަދުން ވެސް ތާއީދުކުރެއްވީ ބޮޑުވަޒީރަށެވެ. މިކަމާ ކޮއިލުތެރޭގައި އޮތީ ދެ ބަޔަކަށް ބެހިފައެވެ. ނަމަވެސް، ދޮށިމޭނާ ކިލެގެފާނަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިކަމާ ހިތްޕުޅާނުވެ، 1886ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 28ވަނަ ދުވަހު، ދޮށިމޭނާ ކިލެގެފާނުގެ ފަރާތުގެ ބޮޑުންތައް ބަންޑާރަ ފިހާރައަށް ޖަމާވެ، އާންމުންނާއި، ހަވަރު އެއްކުރައްވައިފިއެވެ. އެއަށް ފަހު ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވެއްޖެއެވެ. ދޮށިމޭނާ ކިލެގެފާނުގެ އެދުމުގެ މަތިން، ހަވަރުން ރަދުންގެ އަރިހުން އެދުނީ ހަކުރާ މަނިކުފާނު މަގާމުން ވަކިކޮށްދެއްވުމަށެވެ. ނުވަތަ ރަސްކަމުން އިސްތިއުފާދެއްވުމަށެވެ. ބޮޑުންނާ މަޝްވަރާކޮށް، ހަކުރާ މަނިކުފާނު މަގާމުން ވަކިކުރެވެން ނެތްކަމަށް ރަދުން ވިދާޅުވުމުން މައްސަލަ ހޫނުވެއްޖެއެވެ. އެއާ އެކު ބޮޑުވަޒީރު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު ހަވަރާ އެއްބައިވެއްޖެއެވެ. ބޮޑުވަޒީރު މި ފަދައިން ކަންތައްކުރެވި ސަބަބަކީ، ބޮޑުވަޒީރުގެ ބަހަށް ވުރެ، ހަކުރާ މަނިކުފާނުގެ ބަހަށް ރަދުން އިސްކަންދެއްވުމެވެ.13 އަދި ނިމެމުންދާ ރަސްކަމުގައި ނުހުންނަވާންވެގެންނެވެ. ހަވަރުގެ އެދުމުގެ މަތީން ރަދުން ޚިޔާރުކުރެއްވީ ރަސްކަމުން އިސްތިއުފާދެއްވުމަށެވެ. އެއާ އެކު، ރަދުންގެ ބޭބޭފުޅުގެ ދަރިކަލުން، ކުޑަކިބާ މަނިއްޕުޅު، މުޙައްމަދު މުޢީނުއްދީނުގެ (ދެވަނަ) ގޮތުގައި ރަސްކަމަށް އިސްކުރެވިއްޖެއެވެ. މިއީ މަޝްހޫރު ކުޑަބަންޑާރައިންނެވެ. ރަސްކަން ބަދަލުވި ނަމަވެސް، ބޮޑުބަނޑޭރިކަމާއި ބޮޑުވަޒީރުކަން އޮތީ އޮތްގޮތަށެވެ.

މި ހިސާބަކުން ދެ އާއިލާގެ ސިޔާސީ ބޮޑުންގެ މެދުގައި އޮތް ވާދަވެރިކަމަށް ނިމުމެއްނާދެއެވެ. ބޮޑުން ބައިވެރިވެގެން ރަސްކަން ބަދަލުވުމާ އެކު، ރަސްކަމުގެ [ގޮނޑިކޮއްކޮ] ސިފަ އިތުރަށް ގަދަވެ، ދައުލަތް ހިނގުމުގައި ބޮޑުންގެ ނުފޫޒުގަދަވީއެވެ. ނަމަވެސް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އުންމީދުކުރެއްވި މިންވަރަކަށް ސިޔާސަތުތައް ކަނޑައެޅުމުގެ ބާރުވެރިކަމެއް ލިބިވަޑައެއްނުގަތެވެ. އެ ކިލެގެފާނު ކުރިން ހުށަހެޅުއްވި އިގުތިސާދީ ސިޔާސަތު ކުޑަބަންޑާރައިންގެ ރަސްކަމުގައި 3 ޖަނަވަރީ 1887ގައި އަނެއްކާވެސް ބައެއް ބަދަލުތަކާ އެކު ހުށަހަޅެއްވިއެވެ. މި ފަހަރުގެ ސިޔާސަތުގައި އޮތީ، ހުރިހާ ވޯރާ ވިޔަފާރިވެރިން އަހަރަކު އެއްލައްކަ ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. ވޯރާ ވިޔަފާރިވެރިންނާ ކަކާގެއާ އޮންނަ ގުޅުމުގެ ސަބަބުން، ބޮޑުވަޒީރު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި ރަދުން ވެސް މި ސިޔާސަތާ ދެކޮޅުހެއްދެވިއެވެ. [ދޮށިމޭނާ ކިލެގެފާނުގެ މި ސިޔާސަތަކީ ހަގީގަތުގައި ވެސް ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުންތޯ ނުވަތަ ދޮށިމޭނާ ކިލެގެފާނުގެ ބައްޕާފުޅަށް ގޮންޖައްސަވައި، މުސްކުޅިބަންޑާރައިންނާއި ބޮޑުވަޒީރުކަން ކުރެއްވި ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު، ވޯރާ ވިޔަފާރިވެރިންނަށް ރާއްޖޭގައި ދާއިމީކޮށް ވިޔަފާރީކުރުމުގެ ހުއްދަދެއްވީމައި ބަދަލުހިފުންތޯއެވެ..؟ ބޮޑުހުޅުގެ ހާދިސާއަށް ފަހު، އިބްރާހީމް ނޫރައްދީނުގެ ދެވަނަ ރަސްކަމާއި، ޙާޖީ ޢިމާދުއްދީނުގެ ރަސްކަމުގެ ކުރީކޮޅުގައާއި ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ދޮށިމޭނާ ކިލެގެފާނު، އެ ހުރިހާ ދުވަހު ބޮޑުވަޒީރުކަން ކުރެއްވިއިރު ވެސް މި މައްސަލައެއް ނުނަންގަވައެވެ.] ހަގީގީ މަގުސަދަކީ ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ބޭރުކުރުމެވެ.14

ބޮޑުންގެ ވާދަވެރިކަމާއި މިނިވަންކަން ގެއްލުން

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދުނު ހުޅުޖެހުމުގެ ޖަރީމާތައް ހިންގާފައިވަނީ 1887ވަނަ އަހަރުގެ ފެބުރުއަރީ މަހާއި ސެޕްޓެންބަރު މަހާ ދެމެދުއެވެ.15 މި ހާދިސާތައް ހިނގަމުން ދިޔައިރު، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބޮޑުބަނޑޭރިކަމުން އިސްތިއުފާދެއްވައިފިއެވެ. ހުޅުޖެހުމުގެ ޖަރީމާތައް ތަހުގީގުކުރެވުނު އިރު، ބޮޑުންގެ ތެރެއިން އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެ ޖަރީމާތަކުގައި ބައިވެވަޑައިގަތް ކަމަށް ސާބިތުވިއެވެ. ހުޅުޖެހުން ހިނގަމުން ދިޔައިރު، ވޯރާއިންގެ ފިހާރަތަކުގައި ހުޅުޖަހައި ގެއްލުން ދީފައިވާތީ ސިލޯނުގެ އިނގިރޭސި ސަރުކާރުން އެކަން ތަހުގީގުކުރަން ވެސް ފަށައިފައިވެއެވެ. މިކަން ވެފައި އޮތީ، އިނގިރޭސީންގެ އަތްދަށަށް ދިވެހިރާއްޖެ ގެންދިޔުމަށް އިނގިރޭސީންނަށް ލިބުނު ފުރުސަތަކަށެވެ. މި ހާދިސާއަށް ފަހު، އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން، އަޙްމަދު ދޮށިމޭނާ ކިލެގެފާނު ސިލޯނުގައި ހުންނަވައި، އިނގިރޭސީން ރާއްޖެއާ ބެއްސުމުގެ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ބޮޑުހުޅުން އިނގިރޭސީންނަށް ދައްކުވައިދިން މަންޒަރަކީ، ރަދުންނަށާއި ކަކާގޭ ބޮޑު ވަޒީރަށް ގައުމުގެ އަމަންއަމާންކަން ޤާއިމުނުކުރެވޭ ކަމެވެ.16 ކަންވެފައިވާ ގޮތުގެ ޚުލާޞާއަކީ، [ބޮޑުހުޅު ތަހުގީގުކުރުމަށް ޓަކައި ސިލޯނު ސަރުކާރުން ތެދުވީ، ތެދުވާހިތުން އިންދައި، ދިވެއްސަކު އަތުގައި ހިފައި ނެގީމައެވެ.]17

ނަތީޖާއަކީ އިނގިރޭސި މަނަވަރެއްގެ ބަޑިތައް މާލެއަށް އަމާޒުކޮށް، މަޖުބޫރުން ހިމާޔަތުގެ އެއްބަސްވުމެއްގައި ރަދުން، ސުލްޠާން މުޙައްމަދު މުޢީނުއްދީން ލައްވައި ސޮއިކުރުވުމެވެ. އެއާ އެކު އިނގިރޭސީންގެ ނުފޫޒާ އެކު، ދިވެހި ސިޔާސީ މަސްރަހުގައި އަތިރީގޭ އާއިލާގެ މެންބަރުން ބޭނުންހާ ކަމެއް ކުރުމުގެ ފުރުސަތު ލިބުނެވެ. އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ރަސްކަމަށް އިސްކުރެވޭ ރަދުންނަށް އިނގިރޭސީންގެ ރުހުން ވެސް އޮންނަން ޖެހެއެވެ. ނަތީޖާއަކަށްވީ 1888ވަނަ އަހަރުގެ ޑިސެންބަރު މަހު އިނގިރޭސި އޮފިސަރުންނާ އެކު، އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި ދަރިކަލުން އަޙްމަދު ދީދީ މާލެ ވަޑައިގެން، ސުލްޠާން މުޙައްމަދު މުޢީނުއްދީން ރަސްކަމުން ޢަޒުލުކޮށް، ސުލްޠާން އިބްރާހީމް ނޫރައްދީން ރަސްކަމަށް އިސްކުރުމެވެ. އަދި ބޮޑުވަޒީރުކަމަށް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އައްޔަންކުރުމެވެ. މިއީ ހިމާޔަތުގެ ސިޓީގައި ރަދުން ސޮއިކުރައްވާފައިވާ ގޮތެވެ؛ ދިވެހި ރަސްކަމުގެ ރަދުންނަށް އިނގިރޭސީންގެ ރުހުން އޮތުމެވެ؛ އެ ގޮތުން ސުލްޠާން މުޙައްމަދު މުޢީނުއްދީނަށް ރުހުން ނެތީއެވެ. މިއާ އެކު، ދިވެހި ސިޔާސީ މަސްރަހުގެ ނުފޫޒު އަތިރީގެ އާއިލާއަށް އެނބުރުނެވެ. 1893ވަނަ އަހަރު މުޙައްމަދު ޝަމްސުއްދީން ރަދުން ރަސްކަމަށް އިސްވެވަޑައިގަތުމާ އެކު، ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ.

ބޮޑުންގެ ވާދަވެރިކަން އިޢާދަވެ، ބެލެންސެއް އެކުލަވައިލުން

ދިވެހި ތާރީޚުން ފެންނަން އޮތީ، ޒަމާނަކަށް ފަހު ޒަމާނެއްގައި ރަދުންގެ ބާރުތައް ހަނިކުރެވި، ބޮޑުންގެ ނުފޫޒު ސިޔާސީކަންކަމުގައި ގަދަވެގެން ގޮސްފައިވާތަނެވެ. މި “ކަންތައްގަނޑު” އިންތިޒާމުކުރެވިފައިވަނީ ނުފޫޒުންނެވެ؛ ގާނޫނަކުން، ނިޒާމަކުން ނޫނެވެ. ޙިމާޔަތުގެ ދަށަށް ދާންދެން އެކަން އޮތީ އެހެނެވެ. 1930ގެ އަހަރުތައް ފެށުނުތަނާ އަނެއްކާ ވެސް ބޮޑުންގެ މެދުގައި ވާދަވެރިކަން އިތުރުވެއްޖެއެވެ. އެންމެ ފުރަތަމަ ގާނޫނުއަސާސީ، 1932ވަނަ އަހަރު ތައާރަފުކުރުމުގެ ސަބަބަކީ މި ވާދަވެރިކަން އިންތިޒާމުކުރުމެވެ.18

އިނގިރޭސީންގެ ހިމާޔަތުން ފެށިގެން ޝަމްސުއްދީން ރަދުން ރަސްކަމުގައި ވެސް ރަސްކަން ހިންގުމުގައި ބާރު އޮތީ އަތިރީގޭ އާއިލާ އަށެވެ.19 ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އެކުލަވައިލުމަށް މެދުވެރިވީ ބޮޑުންގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމާއި [ކޯޅުމެވެ.] ތާރީޚީ ލިޔުންތަކަށް ބަލާއިރު، ގާނޫނުއަސާސީ އެކުލަވައިލުމަށް މެދުވެރިވި ތަފާތު ސަބަބުތައް ވެއެވެ. އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ބޮޑުވަޒީރުކަން ކުރައްވަމުން ގެންދެވި ގޮތާ މެދު ހިތްޕުޅާނުވާ ބޮޑުންގެ ތެރޭގައި، ގަލޮޅުގޭ އައްނަބީލް މުޙަންމަދު ދީދީ -އާއި ބޮޑުވަޒީރުގެ އެއްބަފާ ބޭބެ އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި އެއްބަނޑު އެއްބަފާ ކޮއްކޮ އައްނަބީލް ޢަބްދުލްޙަމީދު ދީދީއާއި ދޮށީދަރިކަލުން އައްނަބީލް މުޙަންމަދު ފަރީދު ދީދީއާއި އެއްބަނޑު ކޮއްކޮ އަލްފާޟިލް އަޙްމަދު ކާމިލް ދީދީއާއި ކަކާގޭ ޙުސައިން ޙިލްމީ ދީދީއާއި އަލްޤާޟީ ޙުސައިން ޞަލާޙުއްދީނާއި، ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނާއި، އަދި ސިލޯނުގައި ހުންނެވި ދިވެހި ސަފީރު، އައްނަބީލް ޢަބްދުލްޙަމީދު ދީދީ ހިމެނިވަޑައިގަތެވެ.20 ބޮޑުވަޒީރުގެ މުށުގެ ތެރޭގައި ދައުލަތުގެ ހިންގުމުގެ ބާރުތައް ޖަމާވެފައި އޮތް އިރު، ރަދުންގެ މަސްލަހަމަސްލަހަތަކަށް ވާނީ، ބޮޑުވަޒީރާ ދެކޮޅަށް އޮންނަ ސިޔާސީ އޮއިވަރެއްގައި ބައިވެރިވުމެވެ. ބޮޑުވަޒީރާ ދެކޮޅު އޮއިވަރުގައި ސުލްޠާން މުޙައްމަދު ޝަމްސުއްދީނު ބައިވެރިވެވަޑައިގެންނެވީ މި ވިސްނުންފުޅުގެ ތެރެއިންނެވެ. ދިވެހިރާއްޖެ އޮތީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި، ސިލޯނުގެ ބެލުމުގެ ދަށުގައެވެ. ރާއްޖޭގެ ދާޚިލީ ކަންކަން ހުރިނެތް ގޮތް އިނގިރޭސީން ދިޔައީ އަބަދުވެސް ބަލަމުންނެވެ. ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރުގެ އަރިހަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ޝަކުވާ ހުށަހެޅިއްޖެއެވެ؛ ދިވެހީން ބޭނުންވަނީ ޑިމޮކްރަސީގެ ވެރިކަމެއް ކަމަށް ބުނެއެވެ. އެއާ އެކު 1931ގައި ރާއްޖޭގައި އޮންނަ ގާނޫނުއަސާސީއެއްގެ ފަރުމާ އިނގިރޭސީން ހުށަހެޅިއެވެ. ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވީ ރަދުންގެ އަމުރުފުޅަށް ޤަނޫނުއަސާސީ ލިޔެވެމުން ދިޔަ ދުވަސްވަރުއެވެ. ދެން ސަރުކާރުގެ ހިންގުން ހަވާލުކުރެވުނީ އަލްއަމީރު މުޙަންމަދު ފަރީދު ދީދީއާއެވެ.21

ގާނޫނުއަސާސީއެއް އެކުލަވައިލުމުގެ ހަގީގީ ސަބަބެއްކަމުގައި، 1981ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ޝާއިޢުކުރި، [ދިވެހިރާއްޖޭގެ ގާނޫނީ ޙަޔާތް] ފޮތުގައި ވަނީ، [މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދަރިކަލުންނާ (އަލްއަމީރު ޙަސަން ޢިއްޒުއްދީން) ދައުލަތް ހިންގަން ހުރި ވެރިއަކާ ދެމެދު އޮމާން ނޫން ޚިޔާލުތަކަކާއި ގުޅުންތަކެއް މައްޗަށް ބިނާވެފައިވާ ނޭއްގާނީ ކަމެއްގެ އަސަރު ޚުދު ރަދުންނާއި ބޮޑުވަޒީރާ ދެމެދަށް ވާސިލުވުމެވެ.]22 އަދި މީގެ އިތުރުން، އަލްއަމީރު ޙަސަން ޢިއްޒުއްދީނަށް ރަސްކަން ވާރުތަވުން މަނާކުރުމުގެ އޮއިވަރެއް ވެސް ބޮޑުންގެ ތެރޭގައި އޮތެވެ.

ޝަމްސުލް ފަލާޙް ލިޔުއްވާފައިވ ގޮތުގައި، ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ތާރަފުކުރުމުގެ ބޭނުމަކީ ރަސްގެފާނު ހިމެނޭހެން، ބޮޑުންގެ މެދުގައި ބާރުތައް ހަމަހަމަ ކުރުމެވެ؛ ސިޔާސީ ބެލެންސެއް ގެނައުމެވެ. އެހެނީ ގާނޫނުއަސާސީއަކާ އެކު، ރަދުންނަށް ތަޚުތު ހިމާޔަތްކުރެވެއެވެ. ގާނޫނުއަސާސީގައި ރަސްގެފާނުގެ ބަރުތަކާއި، ބޮޑުވަޒީރުގެ ބާރުތައް ބަޔާންކުރެވެއެވެ. އެހެންކަމުން ކޮންމެ ބަޔަކަށް ވެސް އެބަޔަކު ބޭނުންވި ހިއްސާއެއް ލިބެއެވެ.23 ބާރުތައް ބަހައިލުމުގެ ނަތީޖާއަކީ ރަދުންނަށް ހަނި ބާރުތަކެއް ލިބުމެވެ. އަދި ބޮޑުވަޒީރުގެ ސިޔާސީ ނުފޫޒު ދަށްވެ ބާރުތައް ހަނިވުމެވެ.24 ޢަބްދުލްޙަކީމް ޙުސައިން މަނިކު ބަޔާންކުރި ގޮތުގައި، 1932ގެ ގާނޫނުއަސާސީގެ ބޭނުންމަކީ، ބޮޑުން އިސްނަގައިގެން ބޮޑުވަޒީރު، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ބާރުތައް ހަނިކުރުމެވެ.25 ސިޔާސީ ބެލެންސެއް އަންނާނީ މި ފަދަ ގޮތަކަށެވެ؛ ބާރުތައް ލިބިފައިވާ ބަޔަކާ އެއް ހަމައަކަށް ބާރުތައް ލިބިފައި ނުވާ މީހުންނަށް ބާރުތަކެއް ލިބުމެވެ؛ ނުވަތަ ބާރުތައް ލިބިފައިވާ ބައެއްގެ އަތުން ބާރުތަކެއް އަތުލެވި، ބާރުތަކެއް ލިބިފައި ނުވާ ބަޔަކާ އެއްހަމައަކަށް އައުމެވެ. 1932ގެ ގާނޫނުއަސާސީ އެކުލަވައިލުމަށް އިނގިރޭސީންގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ވެސް ކަން އޮތީ ބާރުތައް ބެލެންސްވެފައި އޮންނަ މަޖިލީހަކުން ވެރިކަން ހިންގުމުގެ ނިޒާމެއް އެކުލަވައިލުމެވެ.26 1932ގެ ގާނޫނުއަސާސީން ހަގީގަތުގައި މިސްރާބު ހުރީ ޖުމްހޫރިއްޔާއަކާ ދިމައަށެވެ. ސަބަބަކީ އެ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވޭ މަޖިލިސްތައް ކަމުގައިވާ، ވަޒީރުންގެ މަޖިލީހާއި، ގާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް ކުރެ، ރައްޔިތުންގެ މަޖިލިސް ސީދާ ރައްޔިތުންގެ ފަރާތުން އިންތިޚާބުވުމެވެ. އިންތިޚާބުވުމަށް ބަލާއިރު، މިއީ މި ޒަމާނުގައި އޮންނަ ފަދަ ޑިމޮކްރަސީގެ އުސޫލުތަކުން ކުރެވޭ ކަމެއް ނޫނެވެ. ސަބަބަކީ އޭރު އެކަން ހަމަޖެހިފައި އޮންނަ ގޮތުން، ވޯޓު ލެވެނީ ޢަރަބި އަކުރުން ލިޔަން ދަންނަ މީހަކު ކަމުގައިވުމާއި ފިރިހެނަކު ކަމުގައި ވުން ފަދަ ޝަރުޠުތައް ފުރިހަމަވާނަމަވެއެވެ. މި ޒަމާނުގެ މިންގަނޑުން ބަލާއިރު އެކަމުގެ ސަބަބުން ގިނަ ބަޔަކު ވޯޓު ދިނުމުގެ ގިންތިން މަޙުރޫމުވެއެވެ. 1932ގެ ގާނޫނުއަސާސީގެ ދަށުން ރަދުން ވެސް އިންތިޚާބުކުރެވެނީއެވެ. އެއީ ރަސްކަމަށް އިސްކުރާ މީހަކު މަޖިލީހަކުން ޢައްޔަނުކޮށް، ރައްޔިތުން އެއްކޮށް، އެ މީހަކަށް ރުހުން އޮތްތޯ އެހުމެވެ. ނަމަވެސް، ހަގީގަތުގައި، ފޮތުގެ މައުލޫއަށް މުހިންމީ، 1932 ގާނޫނުއަސާސީން ފުރަތަމަ ފަހަރަށް [ޢާންމު ރައްޔިތުން] ދައުލަތުގެ ހިންގުމުގައި ގާނޫނީ ގޮތުން ބައިވެރިކުރެވުމެވެ. މިއީ [ބޮޑުންނާއި،] ރަސްގެފާނާއި ރައްޔިތުންނާ މެދު އޮންނަ ގުޅުން ފުރަތަމަ ފަހަރަށް އެއް ހިނދެއްގައި ފާޅުވުން ކަމުގައި ބުނެވިދާނެއެވެ. ނަމަވެސް އެ ގާނޫނުއަސާސީއަށް ރަނގަޅަށް އަމަލުނުކުރެވި އުޅެނިކޮށް ގާނޫނުއަސާސީ އުވައިލެވުނީ 1933ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ގާނޫނުއަސާސީ އުވައިލުމާ އެކު ރަދުންނަށް ކުރިން ލިބިފައި އޮންނަ ހުދުމުޚުތާރު ބާރުވެރިކަން ލިބުނެވެ. އަދި ރައްޔިތުންގެ މަޖިލިސް އުވައިލައި، އޭގެ ބަދަލުގައި މާލެ ތެރެއިން ހޮވައިލެވިފައިވާ 68 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެއް އެކުލަވައިލެވުނެވެ.27 [މޮބު ނިކުމެ ގާނޫނުއަސާސީ ވީދާލި] ފަހުން މާލެ ތެރޭގައި ކަންކަން ދިޔައީ ގޯސްވެގެންނެވެ. ގާނޫނުއަސާސީ ވީދައިލެވުނު އިރު، އެ ވަގުތު ދިވެހި ސިޔާސީ މަސްރަހަށް ބަލާއިރު މި މޮބު ނެރެގެން ހިންގި ހަމަނުޖެހުމެއް ހިންގުމުގެ ކުޅަދާނަކަން ލިބިގެންވީ ހަމައެކަނި ރަދުންނަށެވެ.28 ނަމަވެސް ފަހުން ރަދުން ވެސް މޮބުން އެދުނު ގޮތަށް ކަންކަން ހިންގަވާން ޖެހިވަޑައިގަތެވެ. އެ ގޮތުން، ޙުސައިން ޞަލާޙުއްދީނާ މެދު މޮބުންގެ މެދުގައި އޮތް ރުޅިވެރިކަމުގެ ސަބަބުން، އެމަނިކުފާނުގެ ދަރިކަލުން މުޙައްމަދު ސަޢީދު ދީދީއަށް އޮތް ފަނޑިޔާރުކަން، ބޮޑު ފެންވަޅުގޭ ސީދީއަށް ދީފީއެވެ. ހަމަ ވަގުތުން ފަތްކޮޅު ލިޔެ ތަސްދީގުކުރައްވައި ސިޓީ މަތިގެއަށް ގެންނަވައި ފަތްކޮޅު ދެއްވައިފިއެވެ.29 އަދި ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު މިޞުރުން އަނބުރައި ރާއްޖެ ގެންނަވައި ބޮޑުވަޒީރުކަން ދިނުމަށް މޮބުން އެދުމުން، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުށަހެޅުއްވި ކަމަކަށް ރުހިވަޑައިގެން ބޮޑުވަޒީރުކަން ދެއްވަން ވެސް ޖެހިވަޑައިގަތެވެ. މި ސިޔާސީ ގަޑުބަޑުގެ ތެރެއިން ރަންނަބަނޑޭރި ކިލެގެފާނަށް ކާމިޔާބު ލިބިވަޑައިގަތީ އިނގިރޭސީންގެ ރުހުން ވެސް އޮތުމުގެ ސަބަބުންނެވެ.30 ބޮޑުވަޒީރުކަން ލިބުމާ އެކު، ގާނޫނުއަސާސީ އަލުން ހިންގުމަށް އިސްލާހުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. 11 ޖޫން 1934ގައި ރަދުން ގާނޫނުއަސާސީ ތަސްދީގުކުރެއްވިއެވެ. ގާނޫނުއަސާސީއާ ވިދިގެން އަޙުކާމުލްޢާންމަ އެކުލަވައިލެވި، 14 ޖުލައި 1934ގައި ތަޞްދީޤުކުރުމަށް ރަދުންނަށް ހުށަހެޅުނެވެ. ހުށަހެޅުމުން ތަސްދީގުކުރެއްވީ [ރަދުންނަށް ގެއްލުންލިބިވަޑައިގެންފާނޭ ކަމުގައި ކުރެވުނު އިންޒާރުގެ] ސަބަބުންނެވެ.31 ވެރިކަމުގެ ކަންކަން ހަމަޖެއްސެވުމަށް ފަހު، ރަންނަބަނޑޭރި ކިލެގެފާނު މިޞްރަށް ފުރާވަޑައިގަތުމާ އެކު، ވަޒީރުއްދާޚިލިއްޔާ ކަމުގައި ހުންނެވި ޙަސަން ފަރީދު ދީދީ ހަތަރު އަވަށު މައިޒާނަށް މީހުން އެއްކުރައްވައި، ރަންނަބަނޑޭރި ކިލެގެފާނުގެ ނާއިބެއް ގޮތުގައި އައްޔަންވުމަށް ހުށަހަޅުއްވައިފިއެވެ. އެއާ އެކު އެއްވެ ތިބި މީހުން އެކަމަށް ތާއީދުކޮށްފިއެވެ. ރަންނަބަނޑޭރި ކިލެގެފާނު މިޞްރަށް ފުރާވަޑައިގަތީ، ދެ މަގާމެއް ގަގަބޫލުފުޅުކުރައްވައިފައެވެ؛ އެއީ ދިވެހި ރައްޔިތުންގެ ވެރި މީހާގެ މަޤާމާއި ދިވެހި ދައުލަތުގެ މުސްތަޝާރުލް އަޢުޒަމު ކަމުގެ މަޤާމެވެ. ގާނޫނުއަސާސީ އެކުލަވައިލެވި، ރަދުންގެ ބާރުތައް ގެއްލި، ބޭނުންފުޅުވާ ގޮތަކަށް ގައުމު ހިންގުމުގެ ބާރުވެރިކަން ރަންނަބަނޑޭރި ކިލެގެފާނަށް ލިބުމާ އެކު، ރަދުން ރޭއްވެވީ ދުސްތޫރާ ދެކޮޅަށް ބަޣާވާތެއް ހިންގަވާށެވެ.32 އަޙުކާމުލްޢާންމު ތަސްދީގުކުރުމަށް ފަހު، 1935ވަނަ އަހަރުގެ ފަހުކޮޅު، ގާނޫނުއަސާސީއާ ދައުލަތުގެ ވެރިންނާ ދެކޮޅަށް ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ރޭވުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރެވުނެވެ. ތަހުގީގުން ސާބިތުވީ، މިކަންކަން ރޭއްވެވުމުގެ ފަހަތުގައި ހުންނެވީ ޝަމްދުއްދީނު ރަދުންކަމެވެ. ނަތީޖާއެއްގެ ގޮތުން، 1934ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު، ވަޒީރުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހާއި، އަދި ޚާއްސަ މަޖިލިސް އެއްކުރެވި ރަދުން ޢަޒުލުކުރުމަށް ފާސްކުރިއެވެ. ރަދުން ޢަޒުލުކުރުމަށް ފަހު ދައުލަތް ހިންގުން ވަޒީރުންގެ މަޖިލީހާ ހަވާލުކުރުމަށް ފާސްވީ ވެސް މި ޖަލްސާގައެވެ.33

ގާނޫނުއަސާސީ އުވިދިޔުމުން، ރައްޔިތުންގެ އާންމު ބައިވެރިވުމާ އެކު ސަރުކާރުގެ ހިންގުން އެކުލަވައިލުމަށް އެކަށައެޅުނު އުސޫލުތައް އުވިދިޔައީއެވެ. 1900ގެ ކުރީކޮޅު ދިވެހި ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލަކީ، ސިޔާސީ ވާދަވެރިކަން އަތިރީގެއާއި ކަކާގެއާ ދެމެދު އޮތް އޮތުން ނިމުމަކަށް އައިސް، އެ ވާދަވެރިކަން ބޮޑުންގެ މަސްލަހަތުތަކަށް ބިނާވުމެވެ. މިކަމުގެ ހެއްކަކީ، ބޮޑުވަޒީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާ ދެކޮޅަށް ތިއްބެވި ބޭކަލުންގެ ތެރޭގައި ބޮޑުވަޒީރުގެ އެއްބަފާ ބޭބޭފުޅު، އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އައްނަބީލް ޢަބްދުލްޙަމީދު ދީދީއާއި ދޮށީދަރިކަލުން އައްނަބީލް މުޙަންމަދު ފަރީދު ދީދީއާއި އެއްބަނޑު ކޮއްކޮ އަޙްމަދު ކާމިލް ދީދީ ހިމެނިވަޑައިގަތުމެވެ.

ޝަމްސުއްދީން ރަދުން ރަސްކަމުން ޢަޒުލުކުރުމަށް ފަހު، ދެން ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)، 1935 ގައެވެ. ރައްޔިތުންގެ ވެރިއަކީ އަދި މުސްތަޝާރުލް އަޢުޒަމަކީ ރަންނަބަނޑޭރި ކިލެގެފާނެވެ. ބޮޑުވަޒީރަކީ އަލްއަމީރު މުޙައްމަދު ފަރީދެވެ. ވަޒީރުއް ދާޚިލިއްޔާ، އަލްއަމީރު ޙަސަން ފަރީދު ޗުއްޓީއެއް ނެންގެވުމާ ވިދިގެން، ވަގުތީ ގޮތުން ވަޒީރުއް ދާޚިލިއްޔާކަމުގައި 12 ޖަނަވަރީ 1942ގައި އައްޔަންކުރެވުނީ މުޙައްމަދު އަމީނެވެ. ހަނގުރާމައާ ގުޅިގެން 1940ވަނަ އަހަރު ގާނޫނުއަސާސީ އުވައިލެވުނެވެ. އެއަށް ފަހު ގާނޫނުއަސާސީއެއް ވުޖޫދަށް ގެނެވުނީ 1942ވަނަ އަހަރުއެވެ. އެ ގާނޫނުއަސާސީގައިވާ ގޮތުން ދައުލަތުގެ ބާރުތައް ލިބިގެންވަނީ ރަދުންނަށާއި (ބޮޑުވަޒީރާ އެކު)، ދާޚިލީ ވަޒީރަށާއި ރައްޔިތުންގެ މަޖިލީހަށެވެ.34 އެހެނިހެން ވަޒީރުން އައްޔަންކުރައްވަނީ ދާޚިލީ ވަޒީރެވެ. އަދި ދައުލަތް ހިންގުން ހަވާލުކުރެވިފައިވަނީ ވަޒީރުއް ދާޚިލިއްޔާ އައްޔަންކުރައްވާ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ [ދައުލަތް ހިންގާ މަޖިލީހާއެވެ.] މުޙައްމަދު އަމީން ބަޔާންކުރައްވާފައިވާ ގޮތުގައި، [މިއީ ގާނޫނުއަސާސީއެކޭ ވެސް ކިޔުން އެކަށީގެންނުވާ ފަދަ ގާނޫނެކެވެ؛]35 ދައުލަތުގެ އެންމެ އިސްވެރިންގެ ގޮތުގައި އޮތީ ރަދުންނާއި ބޮޑުވަޒީރެވެ. މިކަން މިހެން އޮއްވައި، 1942ވަނަ އަހަރުގެ އޭޕުރީލު މަހު ރަދުންނާއި ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅަކުން، އެ ގާނޫނުއަސާސީގެ 16ވަނަ މާއްދާގެ ދަށުން، ވަޒީރުއް ދާޚިލިއްޔާކަމުގައި ހުންނެވި މުޙައްމަދު އަމީނާ ދައުލަތް ހިންގުން ހަވާލުކުރެވިއްޖެއެވެ.36 06 އޭޕުރީލު 1943ވަނަ ދުވަހު ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރެވުނެވެ. އެ މާއްދާގައި ވާގޮތުން، ރަސްކަލަކު ނެތް އިރެއްގައި ވެރިކަން ހިންގާނީ ޚާއްސަ މަޖިލީހުން އައްޔަންކުރާ ކޮމިޓީއަކުންނެވެ. ހަމަ މި ދުވަހު، ރަދުންނާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފިއެވެ. ރަދުންނާއި ބޮޑުވަޒީރުގެ އިސްތިއުފާއަށް ފަހު ރަސްކަލަކު އިންތިޚާބުކުރެވެންދެން ދައުލަތް ހިންގުމަށް ހަތަރު މެންބަރުންގެ ވަލީ ކޮމިޓީއެއް ޚާއްސަ މަޖިލީހުން އައްޔަންކުރިއެވެ.37 އިސްތިއުފާ ދެއްވިތާ ތިން ދުވަސް ނުވެ، ގާނޫނުއަސާސީއަށް އިޞްލާހެއް ގެނައުމަށް ވަޒީރުއްދާޚިލިއްޔާ މުޙައްމަދު އަމީނު ހުށަހަޅުއްވައިފިއެވެ. އެ އިސްލާހުގައި އޮންނަ ގޮތުން، ދައުލަތުގެ އެންމެހައި ކަންކަން ސުލްހަވެރިކަމާ އެކު ހިންގެވުމުގެ ވަލީ ލިބިގެންވަނީ ރަދުންނަށެވެ. އަދި ރަސްކަލެއްގެ ކިބަފުޅުގައި ހުންނަންޖެހޭ ސިފަފުޅުތަކަށް ބަދަލު ގެނެވެނެވެ.38 މިއީ ކުރިން، އޮތް ގޮތް ކަމުގައިވާ ރަދުންނާ ބޮޑުވަޒީރަށް އެންމެ މަތީ ވެރިކަން ލިބިގެންވާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ރަދުންނަށް ބާރުތައް ދިނުމެވެ. މިއާ ވިދިގެން 10 އޭޕުރީލު 1943ގައި ރަސްކަލެއް ގޮތުގައި ދެން އިންތިޚާބުކުރެވުނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ؛ ނަމަވެސް ތަޚުތުގައި ވެޑުވުމުގެ ބަދަލުގައި ރަންނަބަނޑޭރި ކިލެގެފާނު ޤާއިމުވެ ހުންނެވީ މިޞްރުގައެވެ. ވެރިކަން ހިންގެވީ ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅުގައި ވަލީ ކޮމިޓީންނެވެ. ރަންނަބަނޑޭރި ކިލެގެފާނު އެކުލަވައިލައްވައި، 11 ޖޫން 1934ގައި ރަދުން ތަޞްދީޤުކުރެވި ގާނޫނުއަސާސީ އިސްލާހުކޮށް އަލުން އައަމަލުކުރަން ފެށުނީ 28 އޮކްޓޫބަރު 1944 ގައެވެ؛ އެއީ އޭރު އައަމަލުކުރަމުން ދިޔަ ގާނޫނުއަސާސީ ކަމުނުގޮސްގެންނެވެ. މިއާ އެކު، ވަޒީރުލްއަޢުޒަމުގެ މަސްއޫލިއްޔަތުތައް ވަޒީރުއްދާޚިލިއްޔާ، މުޙައްމަދު އަމީން ދީދީއާ ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. އެކުލަވައިލެވުނު 11 ވުޒާރާގެ ތެރެއިން 5 ވުޒާރާއެއްގެ ވެރިއެއް ގޮތުގައި ހުންނެވީ ވެސް މުޙައްމަދު އަމީން ދީދީއެވެ.39

މިހެންމިކަން އޮއްވައި، މި ސިޔާސީ ތަރުތީބަށް އިންގިލާބެއް އައީ 1951ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުން މުޙައްމަދު އަމީނާ ވެރިކަން ހިންގުން ހަވާލުކުރި ހިސާބުންނެވެ. މުޙައްމަދު އަމީނުގެ ޒައާމަތުގެ ދަށުން ރަސްކަން ނިމުމަކަށް ގެނެސް، އާންމު ވޯޓަކާ އެކު ދިވެހިރާއްޖޭގެ ނިޒާމު ޖުމްހޫރީ ނިޒާމަކަށް ފުރޮޅައިލެވުނެވެ. މި ނިޒާމު އެކަށައެޅުނީ 1953ވަނަ އަހަރުގެ ޖެނުއަރީ މަހު އައަމަލުކުރަން ފެށުނު ގާނޫނުއަސާސީންނެވެ. އެ ގާނޫނުއަސާސީގެ ދަށުން، ޚުދު މުޙައްމަދު އަމީނަށް ވަލިއްޔުލްއަމްރުކަން ލިބިވަޑައިގަތީ އިންތިޚާބުވެގެނެއް ނޫނެވެ؛ ގާނޫނުއަސާސީގައި، ފުރަތަމަ ވަލިއްޔުލްއަމްރަކީ މުޙައްމަދު އަމީނު ކަމަށް ލިޔެވިގެންނެވެ. ވަޒީރުލްއައުޒަމާއި ވަޒީރުން އައްޔަންކުރައްވާނީ ވަލިއްޔުލްއަމްރެވެ. [ރައްޔިތުންގެ ގެ]ގެ ރުހުމާ އެކު ވަޒީރުލްއައުޒަމުގެ ދައުރު ވެސް ވަލިއްޔުލްއަމްރަށް އަދާކުރެވެއެވެ.40 ސެނެޓުގެ 18 މެންބަރުން ކުރެ 9 މެންބަރުންނަކީ ވަލިއްޔުލްއަމްރު އައްޔަންކުރައްވާ މެންބަރުންނެވެ. މި މަޖިލިސް އުވައިލުމުގެ ބާރު ވެސް ވަލިއްޔުލްއަމްރަށް ލިބިގެންވިއެވެ. އުއްތަމަފަނޑިޔާރު އިޚުތިޔާރުކުރައްވާނީ ވެސް ވަލިއްޔުލްއަމްރެވެ. މިއީ [ޖުމްހޫރިއްޔަތޭ ކިޔާ ޑިކްޓޭޓަރޝިޕް] އެކެވެ.]41

12 ޖަނަވަރީ 1942ގައި މުޙައްމަދު އަމީނު ވަޒީރުއް ދާޚިލިއްޔާގެ ގޮތުގައި އައްޔަންކުރެވުނީއްސުރެ، އެކެއްގެ އަތުގައި ބާރުތައް ޖަމާވަމުން ދިޔައެވެ. މިކަން ވަމުން ދިޔައީ ސިޔާސީ ނުފޫޒާއި ބާރުވެރިކަމުގެ ތެރެއިންނެވެ. މީގެ އިތުރުން، މުޙައްމަދު އަމީނަށް އެ ފަދަ ބާރުވެރިކަމެއް ލިބުމުގެ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތުމާއި، އެ ދުވަސްވަރު ދިވެހި ތަޚުތަށް އިންތިޚާޚާބުވެފައިވާ، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް އިނގިރޭސީން ދެއްވި ހިމާޔަތެވެ؛ މުޙައްމަދު އަމީނު އިނގިރޭސީންނާ ބެހެއްޓެވި ގާތްކަމެވެ؛ ޙިމާޔަތުގެ އެއްބަސްވުމުގައި އޮންނަ ފަދައިން، ދިވެހި ރަސްކަން ހިންގާ ބަޔަކަށް އިނގިރޭސީންގެ ރުހުން އޮތުން ލާޒިމުވުމެވެ. މިހެން މިކަން އޮތުމުގެ ސަބަބުން، ކޮއިލުގެ ތެރެއިން މުޙައްމަދު އަމީނުގެ [ވެރިކަމާ] ދެކޮޅަށް ވާދަވެރި ބަޔަކު ނިކުމެ ކާމިޔާބު ހޯދުމަކީ ވުން ދުރުކަމެކެވެ. މިހެން މިކަން އޮތް އިރު، ދިވެހިރާއްޖެއާ އިނގިރޭސީންނާ ދެމެދުގައި އޮތް ޙިމާޔަތުގެ އެއްބަސްވުމަށް ބަދަލު ގެންނެވުމަށް، މުޙައްމަދު އަމީން ނިންމެވީ، [އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ގުޅިފައިވާ މަތިވެރި ގުޅުމަށް ބަދަލެއް ނާންނާނެ ގޮތުގެ މަތީން،] ހަމައެކަނި ދިވެހި ދައުލަތުން އިނގިރޭސީންނަށް ފޮނުވަމުން ދިޔަ ޖިޒީ ކަނޑައިލެއްވުމަށެވެ.42 މިގޮތުގެ މަތީން އެކުލަވައިލެވުނު އައު އެއްބަސްވުމުގައި ސޮއިކުރެވުނީ 24 އޭޕުރީލު 1948 ގައެއެވެ. 1953ގެ ގާނޫނުއަސާސީގެ ތަރުތީބުގެ ސަބަބުން، ބޮޑުންގެ މެދުގައި އޮތް ބެލެންސް ގެއްލި، އެކެއްގެ އަތަށް ހުރިހާ ބާރުތަކެއް [ގާނޫނީ ގޮތުން] ޖަމާވިއެވެ. ސިޔާސީ ވާދަވެރި ފަރާތްތައް، ކުރީގެ ބަހުންނަމަ ބޮޑުން، ވެރިކަން ހިންގުމުގައި ބައިވެރިވުމުން މަހުރޫމުކުރެވުނީއެވެ. މިކަން ނިމުމަކަށް އައީ އެ އަހަރުގެ އޮގަސްޓުމަހު ވެރިކަން ފުރޮޅައިލުމާ އެކުއެވެ. 1954ވަނަ އަހަރު އައު ޤާނުނޫނުއަސާސީއަކަށް އަމަލުކުރެވެން ފެށިއެވެ. ދިވެހިރާއްޖޭގެ ވެރިކަން އިންތިޚާބީ ރަސްކަމެއް ކަމުގައި މި ގާނޫނުއަސާސީން ކަނޑައެޅިއެވެ؛ ރައްޔިތުންގެ މަޖިލީހެއް އެކުވައިލައި، އެ މަޖިލީހުގައި ރަދުންގެ 6 މެންބަރުން ތިއްބަވާ ގޮތަށް ކަނޑައެޅިއެވެ. އަދި ވަޒީރުލްއައުޒަމް އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ލަފައާ އެކު، ރަދުންނެވެ. އެހެނިހެން ވަޒީރުން އައްޔަންކުރަނީ ވަޒީރުލްއައުޒަމެވެ. ރަދުންނަށް ދެވިފައި އޮތީ ރަމްޒީ ދައުރެކެވެ. މި ގާނޫނުއަސާސީން އެކަށައެޅުނު ނިޒާމުގައި، ސިޔާސީ ވާދަވެރިންގެ މެދުގައި އޮތް ބެލެންސް އަނބުރައި ސިޔާސީ މަސްރަހަށް ގެނެވުނެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވި ބާރުތަކާއި، ދުވަހުންދުވަހަށް ސަރުކާރު ހިންގުމުގެ މަސްއޫލުވެރި ފަރާތް ކަމުގައި ވަޒީރުލްއައުޒަމު އައްޔަންކުރުމުގެ އިޖުރާއާތުތަކުގެ ތެރެއިންނެވެ. މި ނިޒާމުގައި ސިޔާސަތު ކަނޑައެޅުމާއި ހިންގުން ބިނާވެފައި އޮތީ ސިޔާސީ ވާދަވެރިންގެ މެދުގައި އޮންނަ އޮއިވަރެއްގެ މައްޗަށެވެ. މިކަމުގެ މިސާލަކީ، އައްޑު އަތޮޅު ގަން، އިނގިރޭސިންނަށް 100 އަހަރަށް ކުއްޔަށް ދިނުމަށް ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވި، ވަޒީރުލްއައުޒަމް، އިބުރާހީމް ފާމުލަދޭރި ކިލެގެފާނު އަމިއްލަފުޅަށް ނިންމެވުމާއި، އެކަމާ ގުޅިގެން ސިޔާސީ މަސްރަހުގައި އުފެދުނު ހަލަބޮލިކަމެވެ. 100 އަހަރަށް ގަމާއި ހިތަދޫން ބައެއް އިނގިރޭސިންނަށް ދިނުމަށް ދިވެހި ސަރުކާރުގެ ނަމުގައި [އިނީޝިއަލް އެގުރީމެންޓް] ގައި ފާމުލަދޭރި ކިލެގެފާނު ސޮއިކުރެއްވި އިރު އެކަމާ ބެހޭ ގޮތުން ރަސްގެފާނަކާ ނުވަތަ ރައްޔިތުންގެ މަޖިލީހަކާ މަޝްވަރާއެއް ނުކުރައްވައެވެ. މި އެއްބަސްވުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުން، އެއްބަސްވުމާ ދެކޮޅަށްވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަމުގައިވާ، ސާހިބުއްސަޢާދާ އިބްރާހީމް ނާޞިރާއި ސާހިބުއްސަޢާދާ އިބްރާހީމް ރުޝްދީ އެއްބަސްވުމާ ދެކޮޅަށް ވާހަކަދެއްކެވިއެވެ. އެހެންކަމުން، އެއްބަސްވުމުގެ އަޞްލު ފާސްވާގޮތެއް ނުވިއެވެ.43 މި ނިޒާމަކީ އެކަކަށް ފެންނަ ގޮތަކަށް ކަންތައް ކުރެވޭނެ ނިޒާމެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރަދުން ކަމުގައި ވެފައި، ބޮޑުވަޒީރަކު ވެރިކަން ހިންގެވި ނަމަވެސް، ވަޒީރުންގެ މަޖިލީހުގައި ބޮޑުންގެ ނުފޫޒު ގަދަވުމެވެ. މި ހާދިސާއަށް ފަހު ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުވާ ދެއްވެވީ ވެސް ކުރިމަތިލެއްވި ސިޔާސީ މަޖުބޫރުކަމެއްގެ ސަބަބުންނެވެ.44

އޭގެ ފަހުން އަނެއްކާ ވެސް، ސިޔާސީ މަސްރަހުގެ ބެލެންސް ގެއްލުނީ، ސާހިބުއްސަޢާދާ އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް، 1968ގެ ގާނޫނުއަސާސީން ތަންފީޒީ ބާރު، ރިއާސަތަށް ކަނޑައެޅުމުންނެވެ. މި ގޮތުގައި، އެކިއެކި ގާނޫނުއަސާސީ ތާރަފުކުރެވި، އެ ގާނޫނުއަސާސީތަކަށް އެކިއެކި ބަދަލުގެނެވުނު ނަމަވެސް ނިޒާމު ބައްޓަންވެފައި އޮތީ ސިޔާސަތުތައް ކަނޑައެޅުމާއި ހިންގުމުގައި ފުޅާ ތަންފީޒީ ބާރުތަކެއް ލިބިގެންވި، ރިޔާސަތެއް އޮތުމަށެވެ؛ ރައީސުލްޖުމުހޫރިއްޔާއަށް ޚާއްސަވެފައި އޮތުމެވެ. 1968ގެ ގާނޫނުއަސާސީގައި ވާގޮތުން ރައީސުލްޖުމުހޫރިއްޔާގެ 8 މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައެވެ. އަދި ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމުހޫރިއްޔާއަށް ލިބިގެންވާ އިޚުތިޔާރެކެވެ. މި ފަދަ ގޮތަކަށް މުޅި ނިޒާމު ބަދަލުކުރުމުގެ ސިޔާސީ ބާރުވެރިކަމެއް ސާހިބުއްސަޢާދާ އިބްރާހީމް ނާޞިރަށް ލިބިވަޑައިގެންނެވި ގޮތާ މެދު ބަހުސްކުރެވިދާނެއެވެ؛ އަދި އެކަމަކީ އިނގިރޭސީންގެ އަތްދަށުން މިނިވަންވުމަށް ކުރެއްވި މަސައްކަތްފުޅުގެ ސަބަބުން ލިބިވަޑައިގަތް ސިޔާސީ މަގުބޫލުކަން ކަމުގައި ބަޔާންކުރެވިދާނެއެވެ.

ދިވެހި ސިޔާސީ މަސްރަހަށް ލިބުނު ކުރިއެރުމަކީ ދެވަނަ ފަހަރަށް ސިޔާސީ ޕާޓީތައް ތާރަފުވުމެވެ. ސިޔާސީ މަސްރަހުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މުހިންމެވެ. ސިޔާސީ ވާދަވެރިކަމަކީ ރައްޔިތުންގެ ބައިވެރިވުމާ އެކު އޮންނަންޖެހޭ ކަމަކަށް ވާއިރު، ރައްޔިތުން ސިޔާސީ ގޮތުން ހަރަކާތްތެރިކުރުވައި، ވަކި މަސްލަހަތުތަކެއް ނުވަތަ ސިޔާސަތުތަކެއް ބޭނުންވާ ރައްޔިތުން އެއްބައިވަންތަ ކުރުވައި، އެބައިމީހުން ބާރުވެރިކުރުމަކީ ދިވެހި ސިޔާސީ މަސްރަހުގައި ޕާޓީތަކުން އަދާކޮށްފައިވާ އެންމެ މުހިންމެ ދައުރެވެ. 2008ގެ ގާނޫނުއަސާސީ އުފަންވީ، މި ބަޔާންކުރެވުނު ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރިއިރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ވޯޓެއް ނެގުނެވެ. ސިޔާސީ މަސްރަހު އޭރު އޮތް ގޮތުން، މި ވޯޓު ހަގީގަތުގައި ވެފައި އޮތީ ވަކި ނިޒާމަކާ މެދު ގޮތެއް ނިންމުމަށް ވުރެ، ސިޔާސީ ގޮތުން ވާދަވެރި ދެފަރާތެއްގެ ވާދައަކަށެވެ. ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ނިމުމާ އެކު، ރައްޔިތުންގެ މަޖިލީހުގައި ގާނޫނުއަސާސީ އެކުލަވައިލުމުގެ ބަހުސްތައް ކުރިއަށް ދިޔައިރު، ދައުލަތުގެ ތިން ބާރު، ޚާއްސަ ގޮތެއްގައި ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރާ ދެމެދު އޮންނަ ގުޅުން ތަންޒީމުކުރުމާ ބެހޭ ގޮތުން ވަރަށް ބޮޑަށް ބަހުސްކުރެވުނެވެ.

ފަހުގެ ދިވެހި ތާރީޚުން ފެންނަން އޮތީ އެ އިރެއްގެ ސިޔާސީ ވާދަވެރިކަމާ މުނާސަބު ގޮތަކަށް ނިޒާމު ބައްޓަންކުރެވިފައިވުމެވެ. އެ ގޮތުން ވާދަވެރިކަން ފަނޑުވި ޒަމާނެއްނަމަ، ވެރިކަން ހިންގުމުގެ އުސޫލުތައް ވެސް އަމިއްލަ ބާރުވެރިކަމެއް ހިންގުމަށް ބައްޓަންކުރެވިފައިވެއެވެ. މިކަންކަމުގެ މިސާލަކީ 1932ގެ ގާނޫނުއަސާސީއެވެ؛ 1953ގެ ގާނޫނުއަސާސީއެވެ؛ 1968ގެ ގާނޫނުއަސާސީއެވެ. 1998ގެ ގާނޫނުއަސާސީން ވެސް، ނިޒާމީ ނަޒަރަކުން ބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެއަށް ފަހު، 2008ގެ ގާނޫނުއަސާސީ ވެސް އެކުލަވައިލުމުގެ ސަބަބަކީ އެހައިތަނަށް އުފެދެމުން ދިޔަ ސިޔާސީ ވާދަވެރިކަމެވެ.

ސިޔާސީ ވާދަވެރިކަމަށް 2008ގެ ގާނޫނުއަސާސީން ފުރުސަތުދެވުނެވެ. އެހެން ނަމަވެސް ނިޒާމު އެކުލަވައިލެވުނީ ސިޔާސީ ވާދަވެރިކަމަށް މުނާސަބުކޮށެއްނޫނެވެ. ގާނޫނުއަސާސީގެ މަގުސަދަކަށް ވެފައި އޮތީ ހަމައެކަނި ދައުލަތުގެ ބާރުތައް ތަންޒީމުކުރުމެވެ. ސިޔާސީ ވާދަވެރިކަމަކީ ގާނޫނުއަސާސީން ޔަގީންކޮށްދީފައިވާ ކަމަށް ވީއިރު، ވާދަވެރިކަން ހިނގަންޖެހުނީ މުނާސަބުނޫން ވެށްޓެއްގައެވެ.

އާދަކާދައިގެ މައްޗަށް ބިނާވެ ރަސްކަން ހިންގި ޒަމާނުން 1932ގެ ގާނޫނުއަސާސީން މިއަދާ ހަމައަށް އާދެވުނު އިރު، އެންމެ ފާހަގަކުރެވޭ ކަމަކީ، ހިންގުމުގެ ސުލޫކު ވަކި ހަމަތަކެއްގައި ހިފެހެއްޓިފައިވާ ކަމެވެ. 1932ގެ ފަހުން ގާނޫނުގެ ދައުރު ފުޅާވެ، ވެރިކަން ހިންގުން އޮތީ ގާނޫނުގެ މައްޗަށް ބިނާވެއެވެ؛ [ގާނޫނުގެ ވެރިކަމެވެ.[ ވެރިކަމަކީ ވަކި މީހެއްގެ މިލްކަކަށް ވުމުގެ ބަދަލުގައި، ގާނޫނުގެ ދަށުން ވެރިކަން ހިންގުން މިހާރު ހަވާލުކުރެވިފައި އޮތީ މުއައްސަސާތަކާއެވެ. ދެ ޒަމާނުގައި ދައުލަތުގެ ހިންގުމުގެ މި ތަފާތު ދެނެގަތުން މުހިންމެވެ. އިސްވެ ބަޔާންކުރެވުނު ފަދަ، ސިޔާސީ ވާދަވެރިކަމާ މުނާސަބުނުވާ ގޮތަށް އެކަށައެޅުނު ނިޒާމު މަސައްކަތް ކުރާނެ ގޮތް އެ ތަފާތަށް ވިސްނުމުން ދެނެގަނެވެއެވެ. ގާނޫނުގެ ވެރިކަން ވުޖޫދުވުމުގެ ކުރިން، ސިޔާސީ ވާދަވެރިކަމުގެ މަންޒަރަކީ ރަދުންނާ ދެކޮޅަށް ބަޣާވާތްކުރުމާއި ރަސްކަން ފުރޮޅައިލުމެވެ. މިކަންކަމުގައި ކާމިޔާބުވެއްޖެނަމަ، އެ ބައެއްގެ ވެރިކަމަކީ ސައްހަ އަދި ޝަރުޢިއްޔަތު ލިބިގެންވާ ވެރިކަމަކަށް ވެއެވެ. ސަބަބަކީ، ވެރިކަމުގެ ސައްހަކަން ބިނާވެފައިވަނީ ރަސްކަމުގެ ކޮންޓުރޯލު އޮތުމުގެ މައްޗަށެވެ؛ ބާރުގެ މައްޗަށެވެ؛ ގާނޫނުނަކަށް ނޫނެވެ. މި ހާލަތު ގާނޫނީ ވެރިކަމުގެ ނިޒާމެއްގައި ތަފާތެވެ. ކޮންމެ ބަޔަކު، ކޮންމެ ގޮތަކަށް އަމަލުކުރި ނަމަވެސް، އެ ކަމެއްގެ ސައްހަކަން ބިނާވެފައިވަނީ ގާނޫނުން އެކަމެއް ދެކޭ ގޮތެއްގެ މައްޗަށެވެ؛ ވެރިކަންކުރާ ބަޔަކާ މުޅިން ވަކި ޒާތެއް ގާނޫނަށް ލިބިގެންވެއެވެ؛ އެކަމެއް ކުރާ ބައެއްގެ ނުވަތަ، އެ ކަމެއް ރައްދުވާ ބައެއްގެ މައްޗަކަށް ނޫނެވެ. އެހެންކަމުން، ގާނޫނީ ވެރިކަމެއްގައި، ސިޔާސީ ވާދަވެރިކަމުން ނިޒާމަށް އަންނަ ލޮޅުންތައް އޮންނަނީ ފަންނީ ގޮތުން ބަލާއިރު [ގާނޫނީ އިމުގެތެރޭގައެވެ.]

ދިވެހި ތަޖުރިބާއަށް ބަލާއިރު، މި ލޮޅުންތައް ދެ ގޮތަކަށް ފެނެއެވެ. އެއް ގޮތަކީ، ގާނޫނުގެ ޒާތަށް އަންނަ ލޮޅުންތަކާއި ސިޔާސަތުގެ ލޮޅުންތަކެވެ. ގާނޫނުގެ ޒާތަށް އަންނަ ލޮޅުންތަކަކީ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ބަޔަކު އެދޭ ކަމެއް ކުރުމަށް އޮތް ހުރަހަކީ ގާނޫނުނަށް ވުމުން، އެދޭ ކަމެއް ކުރެވޭ ގޮތަކަށް ގާނޫނު ބަދަލުކުރުމެވެ. ސިޔާސީ ގޮތުން އަންނަ ލޮޅުންތަކަކީ ކޮންމެ އިންތިޚާބަކާ އެކު ވެރިކަން ބަދަލުވުމުން، ގައުމުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކެވެ. މިއިން ކޮންމެ ކަމެއް ފަހަތުގައި ވެސް ވަނީ ސިޔާސީ ވާދަވެރިކަމެވެ؛ ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރަށް ކޮންމެ އިންތިޚާބީ ދައުރެއްގައި އަންނަ ބަދަލުތަކެވެ.

ފަހުގެ ތާރީޚަށް ބަލާއިރު، ސިޔާސީ ވާދަވެރިކަމަކީ ދިވެހި ސިޔާސީ މަސްރަހުގެ ހަގީގީ ސިފައެވެ. ދިވެހި ސިޔާސީ މަސްރަހަށް ބޭނުންވަނީ ވާދަވެރިކަން ދުޅަހެޔޮގޮތެއްގައި ހިނގާނެ، ހިންގުމުގެ ނިޒާމެކެވެ. މި ފޮތުގެ ބޭނުމަކީ އެ ފަދަ މުނާސަބު ނިޒާމެއްގެ ތަސައްވުރެއް ދިނުމެވެ.


  1. H. C. P. Bell, The Maldive Islands: An Account of the Physical Features, Climate, History, Inhabitants, Productions, and Trade (Colombo: Frank Lucker, Acting Government Printer, 1882), 67; Albert Gray and H. C. P. Bell, eds., The Voyage of François Pyrard of Laval to the East Indies, the Maldives, the Moluccas, and Brazil: Volume II, Part 2 (London: Hakluyt Society, 2010), 227. ↩︎

  2. Ahmed Maniku, “The Economic Make-up of the Maldivian Society,” 200–212. ↩︎

  3. އިތުރަށް ކިޔާލުމަށް

    ރައްޔިތުންގެ މަޖިލިސް، ދިވެހިރާއްޖޭގެ ގާނޫނީ ޙަޔާތް، 1981. 11. ↩︎

  4. އަޙުމަދު ޢަލާ ދީދީ، ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީޚުން ހާދިސާއެއް: އުތީމު ދަރިކޮޅުގެ ނިމުން (ދެވަނަ ބައި)، ޢަދަދު 2025.

    https://adhadhu.com/article/66974 ↩︎

  5. ޢަބްދުﷲ ސަޢީދު، ތާރީޚުގެ ތެރެއިން ދިވެހި ވެރިކަމުގެ ނިޒާމު، 2025.

    https://abdullasaeed.com/2927./

    އަދި، މުޙައްމަދު އިސްމާޢީލް ދީދީ، މޯޓަރްބޯޓުގެ ގަޑުބަޑު (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، 2003) 10. ↩︎

  6. މުހަންމަދު ނަޝީދު، ދެރަދުން: އިންޑިއާ ކަނޑުގައި ދިވެހީން 1900-1800. ↩︎

  7. މުޙަންމަދު ނަޞީރު، އިނގިރޭސީންގެ ދަށަށްދިޔުން އަދި ބޮޑުހުޅުޖެހުން (މާލެ؛ ނޮވެލްޓީ ޕްރިންޓާރަސް އެންޑް ޕަބްލިޝާރޒް، 2010) 25-28. ↩︎

  8. މަރުޙޫމް އިބްރާހީމް ޝިހާބުގެ މުޤައްދިމާ، މޯޓަރުބޯޓްގެ ގަޑުބަޑު (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، 2003) 5. ↩︎

  9. މުހަންމަދު ނަޝީދު، ދެރަދުން: އިންޑިއާ ކަނޑުގައި ދިވެހީން 1900-1800، 19-20. ↩︎

  10. H. C. P. Bell, The Maldive Islands: An Account of the Physical Features, Climate, History, Inhabitants, Productions, and Trade (Ceylon: Frank Lücker, Acting Government Printer, 1882), 125. ↩︎

  11. މުޙައްމަދު އިސްމާޢިލް ދީދީ، ދޮންތުއްތުކަލާގެ ބައްޕަގެ ހަނދާން (މާލެ؛ ނޮވެލްޓީ ޕްރިންޓާރަސް އެންޑް ޕަބްލިޝާރޒް، 1961) 54. ↩︎

  12. މުޙަންމަދު ނަޞީރު، އިނގިރޭސީންގެ ދަށަށްދިޔުން އަދި ބޮޑުހުޅުޖެހުން (މާލެ؛ ނޮވެލްޓީ ޕްރިންޓާރަސް އެންޑް ޕަބްލިޝާރޒް، 2010) 89. ↩︎

  13. އިސްވެދިޔަ މަސްދަރު، 89-106. ↩︎

  14. އިސްވެދިޔަ މަސްދަރު، 111 އަދި 155. ↩︎

  15. އިސްވެދިޔަ މަސްދަރު، 195. ↩︎

  16. ޢަބްދުލްޙަކީމު ޙުސައިން މަނިކު، ބޮޑުހުޅުގެ ތާރީޚު (މާލެ؛ ނޮވެލްޓީ ޕްރިންޓާރަސް އެންޑް ޕަބްލިޝާރޒް، ޗާޕު 1998) 6. ↩︎

  17. މުޙަންމަދު ނަޞީރު، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށްދިޔުން އަދި ބޮޑުހުޅުޖެހުން (މާލެ؛ ނޮވެލްޓީ ޕްރިންޓާރަސް އެންޑް ޕަބްލިޝާރޒް، 2010) 203. ↩︎

  18. މަރުޙޫމް އިބްރާހީމް ޝިހާބުގެ މުޤައްދިމާ، މޯޓަރުބޯޓްގެ ގަޑުބަޑު (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، 2003) 4. ↩︎

  19. ރައްޔިތުންގެ މަޖިލިސް، ދިވެހިރާއްޖޭގެ ގާނޫނީ ޙަޔާތް (1981) 12. ↩︎

  20. ޢަބްދުލްޙަކީމް ޙުސައިން މަނިކު، މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދިގު ރަސްކަމުގެ ހިތާމަވެރި ނިމުން (ސަރުނަ.އެމް.އެން.ޔޫ.އެމް.ވީ)، 9. ↩︎

  21. މުޙައްމަދު ފަރީދު ދީދީއަކީ އިބްރާހިހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ދޮންގޮމާ އަލްއަމީރާ ޢާއިޝާ (ކާށިދޫގޭ ދޮންގޮމާ) އެވެ. ↩︎

  22. ރައްޔިތުންގެ މަޖިލިސް، ދިވެހިރާއްޖޭގެ ގާނޫނީ ޙަޔާތް (1981) 17. ↩︎

  23. Shamsul Falaah, “Towards a Maldivian Nation-State: The Constitutions of 1932 and 1968,” in Constitutional Foundings in South Asia, ed. Kevin Y. L. Tan and Ridwanul Hoque (Oxford: Hart Publishing, 2021), 206. ↩︎

  24. މަރުޙޫމް އިބްރާހީމް ޝިހާބުގެ މުޤައްދިމާ، މުޙައްމަދު އިސްމާޢީލް ދީދީ، މޯޓަރްބޯޓުގެ ގަޑުބަޑު (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، 2003) 5. ↩︎

  25. ޢަބްދުލް ޙަކީމް ޙުސައިން މަނިކު، މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދިގު ރަސްކަމުގެ ހިތާމަވެރި ނިމުން (ސަރުނަ.އެމް.އެން.ޔޫ.އެމް.ވީ)، 1. ↩︎

  26. މުޙައްމަދު އަމީން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ޙަޔާތް (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، އަޞްލު ލިޔެފައިވަނީ 1951 ގައި) 4. ↩︎

  27. Shamsul Falaah, “Towards a Maldivian Nation-State: The Constitutions of 1932 and 1968,” in Constitutional Foundings in South Asia, ed. Kevin Y. L. Tan and Ridwanul Hoque (Oxford: Hart Publishing, 2021), 220. ↩︎

  28. މުޙައްމަދު އިސްމާޢީލް ދީދީ، މޯޓަރުބޯޓްގެ ގަޑުބަޑު (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، 2003) 29، އިތުރަށް، ޢަބްދުލް ޙަކީމް ޙުސައިން މަނިކު، މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދިގު ރަސްކަމުގެ ހިތާމަވެރި ނިމުން (ސަރުނަ.އެމް.އެން.ޔޫ.އެމް.ވީ)، 2. ↩︎

  29. ޢަބްދުލް ޙަކީމް ޙުސައިން މަނިކު، މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދިގު ރަސްކަމުގެ ހިތާމަވެރި ނިމުން (ސަރުނަ.އެމް.އެން.ޔޫ.އެމް.ވީ)، 20. ↩︎

  30. އިސްވެދިޔަ މަސްދަރު، 23. ↩︎

  31. މުޙައްމަދު އަމީން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ޙަޔާތް (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، އަޞްލު ލިޔެފައިވަނީ 1951 ގައި) 149. ↩︎

  32. ޢަބްދުލް ޙަކީމް ޙުސައިން މަނިކު، މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދިގު ރަސްކަމުގެ ހިތާމަވެރި ނިމުން (ސަރުނަ.އެމް.އެން.ޔޫ.އެމް.ވީ)، 52. ↩︎

  33. ޢަބްދުލް ޙަކީމް ޙުސައިން މަނިކު، މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދިގު ރަސްކަމުގެ ހިތާމަވެރި ނިމުން (ސަރުނަ.އެމް.އެން.ޔޫ.އެމް.ވީ)، 42؛ އަދި، މުޙައްމަދު އަމީން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ޙަޔާތް (ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، އަޞްލު ލިޔެފައިވަނީ 1951 ގައި) 159-160. ↩︎

  34. Shamsul Falaah, “Towards a Maldivian Nation-State: The Constitutions of 1932 and 1968,” in Constitutional Foundings in South Asia, ed. Kevin Y. L. Tan and Ridwanul Hoque (Oxford: Hart Publishing, 2021), 222. ↩︎

  35. މުޙައްމަދު އަމީން، ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި (ނޮވެލްޓީ ޕްރެސް އެންޑް ޕަބްލިޝާރޒް؛ މާލެ،2005) 92. ↩︎

  36. އިސްވެ ދިޔަ މަސްދަރު، 93.

    ގާނޫނުއަސާސީގެ 16ވަނަ މާއްދާގައި ވަނީ، [ދައުލަތަށް ޖެހޭ އާދަޔާއި ހިލާފު ޙާލުތަކުގައި، ފެންނަ ގޮތެއްގެ މަތީން ކަންތައް ހިންގުމުގެ އިޚުތިޔާރު ވަކި މީހަކަށް ދެއްވުމަކީ، ރަދުންނާއި ވަޒީރުލްއައުޒަމަށް ހުއްދަ ކަމެކެވެ.] ↩︎

  37. ވަލީ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަތީ، އަލްއަމީރު ޙަސަން ނޫރައްދީނާއި، އަލްއަމީރު މުޙައްމަދު ފަރީދު ދީދީއާއި، އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނާއި، އަދި އަލްފާޟިލް އިބްރާހިމް ޢަލީ ދީދީއެވެ. ↩︎

  38. މުޙައްމަދު އަމީން، ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި (ނޮވެލްޓީ ޕްރެސް އެންޑް ޕަބްލިޝާރޒް؛ މާލެ،2005) 200؛ ނޯޓް: 1934ގެ ގާނޫނުއަސާސީގައި ބަޔާންވެފައިވާ ގޮތުން ރަސްކަމަށް އިސްކުރެވޭ ބޭފުޅަކީ އެންމެ ފަހުން ހުންނެވި ރަސްކަލުންގެ ދަރިކަލެއް، ނުވަތަ އައްސުލްޠާން ޣާޒީ ޙަސަން އިއްޒުއްދީން ރަދުންގެ ފިރިހެއްދަރިކޮޅުން ވަޑައިގެން ރަސްކަންކުރެއްވި ބެއިފުޅަކަށް ކާފަ ވިދާޅުވާ ވަރަށް ވުރެ ދުރުނޫން ބޭފުޅަކަށް ވާންޖެހެއެވެ. 1942ގެ ގާނޫނުއަސާސީގައި ރަސްކަލެއްގެ ސިފަފުޅުތައް ނުވަތަ ޝަރުޠުތައް ބަޔާންކުރެވިފައި ނުވި ނަމަވެސް، ރަސްކަލެއް ކަމުގައި އިންތިޚާބުކުރުމަށް ގަބޫލުކުރެވޭ ޝަރުޠުތަކަށް އަމަލުކުރެވިފައިވަނީ 1934ގެ ގާނޫނުއަސާސީގައި އޮތް ގޮތަށެވެ. މިހެން ވެއްޖެނަމަ، މި ޝަރުޠު ހަމަނުވާތީވެ، ރަންނަބަނޑޭރި ކިލެގެފާނު ރަސްކަމަށް އިންތިޚާބުކުރުމަކީ ވާނެ ކަމެއް ނޫނެވެ. ↩︎

  39. މުޙައްމަދު އަމީން، ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި (ނޮވެލްޓީ ޕްރެސް އެންޑް ޕަބްލިޝާރޒް؛ މާލެ،2005) 354-358. ↩︎

  40. މަޖިލީހުގައި ހިމެނެނީ ދެ ގެއެވެ. އެއީ ސެނެޓާއި ރައްޔިތުންގެ ގެއެވެ. ↩︎

  41. ޢަބްދުﷲ މުފީދު، ދިވެހި އިނގިރޭސި ގުޅުން އަދި އައްޑޫ ބަޣާވާތް، (ނޮވެލްޓީ ޕްރެސް އެންޑް ޕަބްލިޝާރޒް؛ މާލެ،2013) 73. ↩︎

  42. މުޙައްމަދު އަމީން، ދިވެހިރާއްޖެ ހަނގުރާމައަށްފަހު (ނޮވެލްޓީ ޕްރެސް އެންޑް ޕަބްލިޝާރޒް؛ މާލެ،2001) 62. ↩︎

  43. ޢަބްދުލް ޙަކީމް ޙުސައިން މަނިކު، ޢިއްޔެ މަޖައްލާ (ނޮވެލްޓީ ޕްރެސް 1997، ވޮލިއުމް1، ނަމްބަރު 1) 116. ↩︎

  44. ޢަބްދުﷲ މުފީދު، ދިވެހި އިނގިރޭސި ގުޅުން އަދި އައްޑޫ ބަޣާވާތް، (ނޮވެލްޓީ ޕްރެސް އެންޑް ޕަބްލިޝާރޒް؛ މާލެ،2013) 12-13. ↩︎