2008ގެ ގާނޫނުއަސާސީއަށް މަގުފަހިވެ، އެ ގާނޫނުއަސާސީ އެކުލަވައިލެވުމަކީ އެމެރިކާގެ ސިޔާސީ ޢިލްމުވެރިޔާ، ފްރާންސިސް ފުކުޔަމާގެ ބަހުންނަމަ، ހެޔޮވެރިކަމެއް ޤާއިމުކުރުމަށް މެދުވެރިވި “މަގުވަރެވެ.] ފްރާންސިސް ފުކުޔަމާ ބަޔާންކުރާ ގޮތުގައި ގައުމުތަކުގެ ނިޒާމުތައް އިސްލާހުވެ، ހެޔޮވެރިކަމެއް ޤާއިމުކުރުމަށް ވަކި ކަންތައްތަކެއް ފުރިހަމަވާންޖެހެއެވެ. އެކަންކަމަކީ ރައްޔިތުން ސިޔާސީ ގޮތުން ހަރަކާތްތެރިކުރުވާ ކަންކަމެވެ. ރައްޔިތުން ސިޔާސީ ގޮތުން ހަރަކާތްތެރިވުމަކީ ފުކުޔަމާ ބަޔާންކުރާ ގޮތުގައި، އިޖުތިމާއީ އަދި ސިޔާސީ ހާލަތުތައް ބަދަލުވުމުގެ ސަބަބުން، ރައްޔިތުން ސިޔާސީ ގޮތުން ހޭވެރިކަންވެ، ހަރަކާތްތެރިވެ، ޖަމާއީ ހަރަކާތްތަކުގެ ގޮތުގައި ހަރަކާތްތެރިވުމެވެ.1 މި ބީދައިން ރައްޔިތުން ހަރަކާތްތެރިވެ، ނިޒާމު އިސްލާހުކުރުމުގެ ވަކި މަގުވަރެއް ވެއެވެ. ދިވެހިރާއްޖޭގެ ސިޔާސީ ތަރައްގީގެ މަގުވަރަކީ ޒަމާނުއްސުރެ ދިވެހި ސިޔާސީ މަސްރަހުގައި އޮންނަ ވާދަވެރިކަމެކެވެ. ވަރަށް ފަހަކާ ޖެހެންދެން މި ވާދަވެރިކަމުގައި ދިވެހި ރައްޔިތުންގެ މާބޮޑު ބައިވެރިވުމެއް ނެތްނަމަވެސް، ވާދަވެރިކަމުގެ ސަބަބުން ހައްގުތައް ލިބިދީ، ވެރިކަމުގެ ބާރުތައް ހަނިވެ، އަދި ޒިންމާދާރުކުރުމުގެ އިޖުރާއާތުތައް އުފަންވެފައިވެއެވެ. އެ ގޮތުން، އެންމެ ފުރަތަމަ ގާނޫނުއަސާސީ އުފަންވުމުގައި ވެސް އޮތީ “ކޮއިލުތެރޭގެ] ވާދަވެރިކަމެކެވެ. އެ ގާނޫނުއަސާސީއާއި ރައްޔިތުންނާ މާބޮޑު ގުޅުމެއް ނެތް ނަމަވެސް، އެ ގާނޫނުއަސާސީގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ކަނޑައެޅި، ވެރިކަމުގެ ބާރުތައް ހުދޫދުކުރެވި، ވެރިކަން ހިންގުން ގާނޫނުގައި ބަނދެލެވުނެވެ. އެއަށް ފަހު ޒަމާނަކުން ޒަމާނަކުން ދިވެހި ގާނޫނީ ހަޔާތް އެކި ގޮތްގޮތަށް ފުރޮޅި ބަދަލުވެފައި ވެއެވެ.
މިއިން ކޮންމެ ބަދަލަކާ ގުޅިފައިވަނީ މައިގަނޑު ގޮތެއްގައި ވާދަވެރިންގެ މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަމެކެވެ. އެކަކު ސިޔާސީ މަސްރަހުގައި ބާރުގަދަ ވެއްޖެނަމަ، ނަތީޖާއަކީ އެކެއްގެ އަތުގައި ބޮޑެތި ބާރުތަކެއް އޮންނަ، ހުދުމުޚުތާރު ކަމެއް ގާއިމުވުމެވެ. 2000ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހި ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވެ، ސިޔާސީ ގޮތުން ވާދަވެރިންތަކެއް ހަރަކާތްތެރިވާން ފެށިއެވެ. ނަތީޖާއަކީ، އޭރުގެ ސަރުކާރު ހިނގުމުގެ ނިޒާމުގެ ތެރެއިން، ވާދަވެރިން ކޮންޓުރޯލުކުރުމަށް ސަރުކާރު ނުކުޅެދުމެވެ. ނަތީޖާއަކަށްވީ، ވާދަވެރިކަން އިތުރުވެ، ސިޔާސީ ގޮތުން އެންމެންގެ މެދުގައި ބާރުތައް ބެލެންސް ކުރުމަށް ނިޒާމީ ބަދަލެއް އަންނަން ޖެހުމެވެ. އެ ބަދަލަކީ ސިޔާސީ ޕާޓީތައް އެކުލަވައިލުމާއި ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބުމާއި 2008ގެ ގާނޫނުއަސާސީއެވެ. ނަތީޖާއަކީ ވެރިކަން ކުރުމަކީ ސިޔާސީ ގޮތުން ކާމިޔާބުވާ މީހަކަށް އޮންނަ ކަމެއް ކަމުގައި ކަނޑައެޅިގެންދިޔުމެވެ. އެކަމުގެ ސަބަބުން ވެރިކަން އޮންނަނީ ވަކި މީހަކަށް ނޫނެވެ؛ “ވެރިކަން އޮންނަނީ ރައްޔިތުންގެ ރުހުން އޮންނަ މީހަކަށެވެ.” މި ނިޒާމާއެކު، ވެރިކަން ބޭނުންވާ މީހުންނަށް މަޖުބޫރުވަނީ ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ ރުހުން ހޯދައިގެން ވެރިކަމަށް އިންތިޚާބުވުމެވެ. ވެރިކަން ކުރަން ބޭނުންވެއްޖެނަމަ، ރައްޔިތުންގެ ރުހުން ހޯދަންޖެހުމުގެ ނަތީޖާއަކީ، ރައްޔިތުން ސިޔާސީ ގޮތުން ބާރުވެރިވެ ހަރަކާތްތެރިވުމެވެ. މި ބާރުވެރިކަމަކީ ރައްޔިތުންނަށް ނޭނގި ތިއްބައި ރައްޔިތުންނަށް [ލައްވާލި ރޯއްޖެކެވެ.] ދިވެހި ސިޔާސީ ވާދަވެރިކަމުގެ ސަބަބުންނެވެ. ހެޔޮވެރިކަމެއްގެ ގެރެންޓީއަކީ ސިޔާސީ ވާދަވެރިކަމެވެ. ސިޔާސީ ވާދަވެރިކަން އޮތުމުގެ އެންމެ ބޮޑު ގެރެންޓީއަކީ ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ހައްގާއި މިނިވަންކަން އޮތުމެވެ. 2008ގެ ގާނޫނުއަސާސީއާއި، އެއާ ވިދިގެން ވުޖޫދުކުރެވުނު ގާނޫނުތަކުގެ ރޫޙަކީ ހެޔޮވެރިކަމެއް ގާއިމުކުރުމެވެ. ހައްގުތަކާއި މިނިވަންކަން ޔަގީންކޮށްދިނުމެވެ. ފަސާދައާ ދުރުން ދައުލަތް ހިންގުމުގެ އުސޫލުތަކެއް ކަނޑައެޅުމެވެ. މި ހުރިހާ ބަދަލަކާ އެކު މުޅި މަސްރަހުގެ ހަގީގީ ކާމިޔާބުވެރި ފަރާތަކީ ސިޔާސީ މަސްރަހުގެ ވާދަވެރިކަމެވެ. އެއް ގޮތަކުން ބަލާއިރު، ސިޔާސީ ވާދަވެރި ކަމަކީ ހެޔޮވެރިކަމުގެ ގެރެންޓީއަކަށް ވާއިރު، އަނެއް ގޮތަކުން އެއީ ހެޔޮވެރިކަމަށް އޮންނަ ނުރައްކާ ވެސްމެއެވެ. މިކަން ބިނާވަނީ ނިޒާމު ތަރުތީބު ވެފައިވާ ގޮތެއްގެ މައްޗަށެވެ.
ހެޔޮވެރިކަމަށް އޮންނަ ނުރައްކަލަކަށް ސިޔާސީ ވާދަވެރިކަން ވާގޮތަކީ ސިޔާސީ ވާދަވެރިކަމާ އެކު ނިޒާމު ހިންގުމުގެ އުސޫލުތަކަކީ އެ ވާދަވެރިކަން ދުޅަހެޔޮ ގޮތެއްގައި މަސައްކަތްކުރުމަށް އެކަށީގެންވާ އުސޫލުތަކަކަށް ނުވުމެވެ. މިހާރު ދިވެހި މަސްރަހުގައި އޮންނަ ވާދަވެރިކަން ދެމެހެއްޓުމުގެ އުސޫލަކީ އަޣުލަބިއްޔަތުގެ ރިޔާސީ ނިޒާމެވެ. އަޣުލަބިއްޔަތާ ބެހޭ ބަހުސްތައް އިސްވެ ބަޔާންކުރެވިއްޖެއެވެ. ނަމަވެސް މި މައުލޫއަށް މުހިންމު ނުކުތާއަކީ، އަޣުލަބިއްޔަތުގެ ސަބަބުން، ސިޔާސީ މަސްރަހު ދެ ބަޔަކަށް ބައިވެ، ސިޔާސީ ތަފާތުވުންތަކަކީ ހަމައެކަނި ސަރުކާރުގައި އޮންނަ ބަޔަކާއި، އެއާ އިދިކޮޅަށް ތިބޭ ބަޔަކު ކަމުގައިވުމެވެ. ސިޔާސީ މަސްރަހު ދެބައިވުމުގެ ނަތީޖާއަކީ، ސަރުކާރުގެ ބާރުތައް އޮންނަ އިރު، ސަރުކާރުގެ ބާރުތައް ހިތަކަށް، އެއްކޮށް ލިބުމެވެ. އިދިކޮޅުގައި އޮންނަ އިރު އެއްވެސް ބާރުވެރިކަމެއް ނެތުމެވެ. ސަރުކާރު ބަދަލުވެ، އިދިކޮޅުގައި ތިބި ވާދަވެރިކަން ސަރުކާރުގެ ބާރުވެރިކަން ލިބުމުގެ ހަމައެކަނި ސިޔާސީ މަސްރަހުގެ ކޮޅުބަދަލުވެއެވެ.
މި އޮއިވަރުގެ ސަބަބުން ދުވަހުންދުވަހަށް ސިޔާސީ މަސްރަހުގައި ދުސްތޫރީ، ގާނޫނީ، އަދި ސިޔާސީ ހަމަނުޖެހުން ހިނގައެވެ. އެއް ހާދިސާއަކީ 2018ވަނަ އަހަރުގެ ފެބުރުވަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. މި އަމުރުގައި ވަނީ ސިޔާސީ ސަބަބަށް ޓަކައި ހައްޔަރުކޮށްފައިވާ 13 ބޭފުޅުން ދޫކޮށްލުމަށާއި، ފުލޯ ކްރޮސްކުރިކަމަށް ބުނެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑި އަލުން އިއާދަކުރުމަށެވެ. އެ އަމުރަކީ ޣައިރު ދުސްތޫރީ އަމުރެއް ކަމަށް ބުނެ، ސަރުކާރުން އެ އަމުރުތަންފީޒުކުރުމަށް ދެކޮޅުހަދައި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ރިޝްވަތުގެ ތުހުމަތުތަކާ އެކު އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކުރިއެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލުކޮށް އެހެން އަމުރެއް ނެރެފައެވެ. މި މައްސަލަ ސިޔާސީ މަސްރަހުގައި ބޮޑު މައްސަލައަކަށް ވެ، ގިނަ ދުސްތޫރީ އަދި ނިޒާމީ ސުވާލުތަކެއް ކުރިމަތިވިއެވެ.
މި ފަދަ އަނެއް ހާދިސާއަކީ ރައީސް މުޢިއްޒުގެ ސަރުކާރު ހުވައިކޮށް މާ ގިނަ ދުވަހެއް ނުވެ، ރައީސުލްޖުމުހޫރިއްޔާއާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ޢަޒުލުކުރުމަށް ބޮޑު އަޣުލަބިއްޔަތު އޮތް އެމް.ޑީޕީން ނިންމުމެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ މެންބަރަކު ޕޮޕިއުލިސްޓު ބަހުރުވައަކުން ވިދާޅުވީ، “މިހާރުގެ ރައީސް އަޒުލުކުރުމުގެ މަސައްކަތް ފަށަން ނުވޭތޯ ދިވެހި ދިދަ އަޅުގަނޑުމެންނާ މުޚާތަބު ކުރާތަން އެބަ ފެނޭ].. އެވެ.2 ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 19ވަނަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. ނަވާރަވަނަ މަޖިލިސް ފެށުނު އިރު، އެ މަޖިލިހުގައި ޖުމްލަ 87 މެންބަރުން ތިއްބެވި އެވެ. ނަމަވެސް، 2023 ގެ ރިޔާސީ އިންތިޚާބުން ރައީސް މުޢިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމަށް އިންތިޚާބުވުމާ އެކު ވަރަށް ގިނަ މެންބަރުން އިސްތިއުފާ ދެއްވިއެވެ. އެމް.ޑީ.ޕީ ޕާލިމެންޓަރީ ގުރޫޕުގައި އޭރު ތިއްބެވީ 56 މެންބަރުންނެވެ. ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އެމް.ޑީ.ޕީން ނިންމިއެވެ. އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން އިސްލާހު ހުށަހެޅީ، މަޖިލީހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ޖުމުލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށެވެ. އެ ގޮތުން، ގަވާއިދުގެ 49ވަނަ މާއްދާ އިސްލާހުކޮށް މަޖިލީހުގެ މެންބަރަކު އިސްތިއުފާ ދެއްވުމުން، އިތުރު މެންބަރަކު އިންތިޚާބު ކުރެވެންދެން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ މެންބަރުން އުނިކުރާ ގޮތަށް، 18 ޑިސެންބަރު 2023ވަނަ ދުވަހު ބަދަލުކުރިއެވެ. މި އިސްލާހާ އެކު، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އޮތް އެމް.ޑީ.ޕީގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީ.އެން.ސީއާ 28 ޑިސެމްބަރު 2023ގައި ގުޅުނެވެ. ނަތީޖާއެއްގެ ގޮތުން، އެމް.ޑީ.ޕީއަށް މަޖިލީހުގައި އޮތް ބޮޑު އަޣުލަބިއްޔަތު ގެއްލުނެވެ. އެއާއެކު، ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޑުޖެހުނެވެ. އޭގެ ފަހުން، 49ވަނަ މާއްދާއަށް ގެނެވުނު އިސްލާހުތައް، 19 ފެބުރުވަރީ 2024ގައި ގަވާއިދަށް ގެނެވުނު އިސްލާހުން އުވައިލެވުނެވެ. މަޖިލީހުގެ ގަވާއިދެއް އިސްލާހުކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. މެންބަރުން ޕާޓީ ބަދަލުކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާ ކަމެއް ނޫނެވެ. ރައީސުލްޖުމުހޫރިއްޔާގެ އިތުބާރުނެތްކަމުގެ މައްސަލަ ހިންގުމަކީ ވެސް ގާނޫނުއަސާސީގައި ބަޔާންވެފައިވާކަމެކެވެ. އެހެން ނަމަވެސް، މި ހުރިހާ ކަމެއް ގުޅުވުމުން ފެންނަނީ ސިޔާސީ ހަތުރުވެރިކަމެވެ. ދިވެހި ނިޒާމުގައި އުފެދިފައި މިވާ ސިޔާސީ ހަތުރުވެރިކަމުގެ ސަބަބުން، ނިޒާމުގެ ގާނޫނުތަކާއި ހަމަތައް އެ ހަތުރުވެރިކަމުގެ ހަތިޔާރަކަށް ވެފައިވާ މަންޒަރެވެ. މިއިން ހައްގުގައި ތިބީ ކޮން ބައެއްކަން ނުވަތަ އެ ކަންކަމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްކަން ނުވަތަ ނޫންކަމުގެ ބަދަލުގައި، ނިޒާމީ ވިސްނުމަކުން މިކަންކަމާ މެދު ވިސްނާނަމަ އުފެދޭނެ ސުވާލަކީ، ދިވެހި ސިޔާސީ މަސްރަހު މި ހާލަތަށް ވެއްޓުނީ ނިޒާމުގެ ކޮން ކަމެއްގެ ސަބަބުން ހެއްޔެވެ…؟ މި ފަދަ ސިޔާސީ ކޮޅިގަނޑުތަކަކީ ހަގީގީ މައްސަލައެއްނޫނެވެ؛ ނަމަވެސް، ހަގީގީ މައްސަލައިގެ އަސަރުތަކެވެ.
2008ގެ ގާނޫނުއަސާސީއާ އެކު ހިންގުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި ވީ ނަމަވެސް، އޭގެ ފަހުން، ކޮންމެ ބަޔަކަށް ވެސް ސަރުކާރުގެ ބާރުތައް ލިބި، އެ ބައެއް ބޭނުންވާ ގޮތަށް އަދި ސިޔާސީ މަސްލަހަތު ހިމާޔަތް ވާނެ ގޮތަށް ގާނޫނުތަކާއި، ގަވާއިދުތަކާއި ހިންގުމުގެ އުސޫލުތައް ބަދަލުކުރެއެވެ. މިކަމުގެ ފޮނިމީރުކަން ލިބެނީ ސަރުކާރުގައި ތިބޭ ބަޔަކަށެވެ. އެ ގޮތުން ބަދަލު ގެނެވޭ ކަންކަމުގެ ތެރޭގައި، ސަރުކާރާ އިދިކޮޅު ފަރާތާ ދެކޮޅަށް ސަރުކާރުގައި ތިބޭ އިރު އެކި ގޮތްގޮތުން ކުރެވޭ ކަންކަން ވެސް ހިމެނެއެވެ. މި ހުރިހާ ކަމަކީ ސަރުކާރުގައި ތިބޭ ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމެވެ. ސަރުކާރާ އިދިކޮޅު އޮތުމުގެ ނަތީޖާއަކީ، އިދިކޮޅަށް ސަރުކާރުގެ ބާރުތައް ލިބޭ އިރު، އޭގެ ކުރިން ސަރުކާރު ހިންގި މީހުން ކޮށްފައި ހުންނަ ކަންކަމުގެ ފައިދާ ފަހުން ސަރުކާރާ ހަވާލުވާ ބަޔަކަށް ވެސް ލިބުމެވެ. އެހެންކަމުން، އިސްލާހުކުރުމުގެ ހަރަކާތެއްގެ ބަދަލުގައި، އަބަދުވެސް ދައުލަތް ހިންގުމުގެ އުސޫލުތަކާއި ހަމަތައް އެ ދަނީ ގޯސްވަމުންނެވެ. އެއް ބަޔަކު ކޮށްފައި ހުންނަ ކަންކަމަކީ އޭގެ ފަހުން އަންނަ ބަޔަކަށް ވެސް އެ ކަމުގެ ސިޔާސީ މަންފަ ހާސިކުކުރެވޭ ކަމަކަށްވުމެވެ.
(ހ) އެއްވެ އުޅުމުގެ މިނިވަންކަމާއި، އެ މިނިވަންކަމާ ގުޅިފައިވާ ޚިޔާލުފާލުކުރުމުގެ މިނިވަންކަން
2008ގެ ގާނޫނުއަސާސީއަށް ފަހު ދިވެހިންނަށް ލިބިފައިވާ ދުސްތޫރީ އެންމެ މުހިންމު މިނިވަންކަން ކަމުގައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި، އެ މިނިވަންކަމާ ގުޅިފައިވާ ޚިޔާލުފާލުކުރުމުގެ މިނިވަންކަން މި ވަނީ ދުވަހެއް ދުވަހަކަށް ހަނިކުރެވިފައެވެ.
1968 އަދި 1998ގެ ގާނޫނުއަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، މިނިވަންކަން އޮތީ [ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގައި އެކަންކުރުން] ގައި ބަނދެވިފައެވެ. އަދި މި މިނިވަންކަން ފުރިހަމަ ވެގެން ދިޔައީ، 2008ގެ ގާނޫނުއަސާސީން ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން [މުތުލަގުގޮތެއްގައި] ލިބުނު ހިސާބުންނެވެ؛ ގާނޫނުގައި މިނިވަންކަމާއި ހައްގުތައް ބަނދެވިފައި އޮތް އޮތުން ނިމުމަކަށް ގެނައުމުންނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފެށިފައިވަނީ 1932ގެ ގާނޫނުއަސާސީންނެވެ. 1998ގެ ގާނޫނުއަސާސީގައި، [ދިވެހިރާއްޖޭގެ އަމިއްލަވެރިކަން ދެމެހެއްޓުމާއި އާންމު މަސްލަހަތު ހިފެހެއްޓުމާއި އިސްލާމްދީނުގެ އަސްލުތަކަށް ރައްކާތެރިވުމަށް ޓަކައި ގާނޫނު މަނާނުކުރާހާ ހިނދަކު] ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިއްބައިދީފައިވެއެވެ. ނަމަވެސް، 2008ގެ ގާނޫނުއަސާސީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނެއްގައި ބަނދެވިފައި އޮތް އޮތުމަށް ނިމުމެއް ގެނެސްފައިވެއެވެ.
ތާރީޚުގައި ގާނޫނުއަސާސީތަކެއް އެކުލަވައިލެވި މިނިވަންކަމާއި ހައްގުތަކެއް ލިޔެވިފައިވީ ނަމަވެސް، މިކަންކަން ތަންފީޒުކުރުން އޮންނަނީ އެ ދުވަސްވަރެއްގެ ސިޔާސީ މަސްރަހު އޮންނަ ގޮތަކާ ގުޅިފައެވެ. ޚާއްސަ ގޮތެއްގައި ސިޔާސީ ވާދަވެރިކަމުގެ މައްޗަށެވެ. އެ ގޮތުން، 1968 އަދި 1998 ގެ ގާނޫނުއަސާސީގައި ވެސް މި ދެ މިނިވަންކަމުގެ ވާހަކަ ބަޔާންކުރެވިފައި ވީނަމަވެސް، މިއީ ޕުރެކްޓިކަލް މިނިވަންކަމެއް ނޫނެވެ. ސަބަބަކީ އެކަށީގެންވާ މިންވަރަކަށް ސިޔާސީ ވާދަވެރިކަން އުފެދިފައި ނެތުމެވެ. އެ މިނިވަންކަމުގެ ބޭނުންހިފައި، އެއިރެއްގެ ސަރުކާރުގެ ފަރާތުން މިނިވަންކަން ހިފަހައްޓަން މަސައްކަތްކުރާ އިރެއްގައި އެ ކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލުމުގެ ސިޔާސީ ވަރުގަދަ އޮއިވަރެއް ނެތުމެވެ. އެހެން ނަމަވެސް، 2008ގެ ގާނޫނުއަސާސީއާއި ކުރީގެ ގާނޫނުއަސާސީތަކާ ތަފާތުވާ ކަމަކީ، 2008ގެ ގާނޫނުއަސާސީ ވުޖޫދުވާން މެދުވެރިވީ ވެސް ދިވެހި ސިޔާސީ މަސްރަހުގައި ވަރުގަދަ ސިޔާސީ ވާދަވެރިކަމެއް އުފެދުނު ހިސާބުންނެވެ.
2008ގެ ގާނޫނުއަސާސީން މި ދެ މިނިވަންކަން ފުރިހަމަ ގޮތެއްގައި ލިއްބައިދީފައި ވާއިރު، މި ދެ މިނިވަންކަން [އިތުރަށް ތަންޒީމުކުރުމަށް] ވުޖޫދަށްގެނެވޭ ގާނޫނަކުން ނިކުންނާނެ ހަމައެކަނި ނަތީޖާއަކީ މިނިވަންކަން ހަނިވުމެވެ. މިކަމުގައި ބަޔާންކުރެވިދާނެ އުސޫލަކީ، ގާނޫނެއްގައި މަނާކުރެވިފައިވާ ކަންކަން ފިޔަވައި ކޮންމެ ކަމަކީ ރައްޔިތުންނަށް ހުއްދަ ކަންކަމެވެ؛ ސަރުކާރެއްގެ ނިސްބަތުން، ގާނޫނެއްގައި ހުއްދަކުރެވިފައި ނުވާ ކޮންމެ ކަމަކީ ކުރުން މަނާ ކަންކަމެވެ. މިއީ އުސޫލުކަމުގައި ވީއިރު، އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ލިބިގެންވާ މިނިވަންކަމަކަށް ވީހިނދު، އިތުރު ގާނޫނަކުން މިކަންކަން އިތުރަށް ތަންޒީމުކުރާނަމަ، އެ މިނިވަންކަން އިތުރަށް ހަނިވެއެވެ. ސަބަބަކީ 2008ގެ ގާނޫނުއަސާސީން މި ދެ މިނިވަންކަން ދިވެހި އިސްލާމީ މުޖުތަމައުގައި މިނިވަންކޮށް ދޫކޮށްލެވޭނެ އެންމެ ބޮޑަށް ދޫކޮށްލާފައިވާތީއެވެ.
އެއްވެއުޅުމުގެ މިނިވަންކަމަކީ ޒިންމާދާރު ސަރުކާރެއް އޮތުމަށް މުހިންމު މިނިވަންކަމެކެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ފުރަތަމަ ވެސް ފާސްކުރެވުނު ގާނޫނަކީ، 2013ވަނަ އަހަރު ފާސްކުރެވުނު [ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު] އެވެ. ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން މި ގާނޫނުގެ ސަބަބުން ވަރަށް ބޮޑަށް ހަނިވިއެވެ. އެ ގޮތުން، އެއްވުމުގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތަށް ނޯޓިސް ދިނުން ފަދަ އިދާރީ ކަންކަން މި މިނިވަން ބޭނުންހިފުމުގައި ފުރިހަމަކުރަންޖެހޭ ގޮތަށް ކަނޑައެޅުނެވެ. އަދި ހަމަ މި ގާނޫނުން، އެއްވެއުޅުމުގެ މާނައާއި ވައްތަރުތަކާއި، ކިއްސަރުތަކާއި، އެއްވުން މަނާކުރެވޭ ހާލަތްތައް ކަނޑައެޅުނެވެ. މީގެ އިތުރުން، އެއްވުން ބޭއްވުމަށް ހުއްދަ ނަގަންޖެހޭ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ހާލަތް ހިމެނޭ ގޮތުން އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރެވޭނެ ވަރަށް ސާފުނޫން (vague) ހަ ސަބަބެއް ކަނޑައަޅާފައިވެއެވެ.
އެއްވެއުޅުމުގެ ހައްގު ތަންޒީމުކުރުމަށް، އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރަށް، ރައީސް ޔާމީންގެ ސަރުކާރުގައި، 2016ވަނަ އަހަރު އެ ގާނޫނަށް އިތުރު އިސްލާހެއް ގެނެވި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަނުގައި އެކަނި ކަމުގައި ކަނޑައަޅާފައިވެއެވެ. އެހެނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ޒިންމާދާރުކުރުމަށް ޓަކައި އެއްވުން ބާއްވާނެ ތަނެއް ވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި އިސްލާހުގެ ސަބަބުން އޭރުގެ އިދިކޮޅު ޕާޓީ ކަމުގައިވާ އެމް.ޑީ.ޕީން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ރައްޔިތުންގެ މިނިވަންކަން ބަނދެލުމަށް ބޭނުންކުރުމަށް އޮތް އެންމެ ފަސޭހަ ހުއްޖަތަކީ [ގައުމީ ސަލާމަތަށް ނުރައްކާވުމުގެ] ހުއްޖަތެވެ. އެހެނީ ގައުމު ނެތިއްޖެނަމަ ހުރިހާ ކަމެއް ނެތި ދިޔައީއެވެ. އެހެންކަމުން ގައުމު ހިމާޔަތްކުރުމަކީ ކޮންމެހެން ވެސް، ކޮންމެ ގޮތަކަށް ވެސް ގާނޫނުން ކުރަންޖެހޭ ކަމެކެވެ. އަދި ގާނޫނުތަކުގައި ވެސް ގައުމީ ސަލާމަތުގެ ސަބަބަކީ ބަޔާންކުރެވި އެއަށް އިއުތިރާފުވެފައިވާ ސަބަބެކެވެ. ނަމަވެސް [ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ސަބަބު]ގެ ނުރައްކާ ކަމަކީ އެ މަފްހޫމަކީ ސާފުކޮށް ކަނޑައެޅޭ މަފްހޫމަކަށް ނުވުމެވެ. އެހެނީ ގައުމީ ސަލާމަތަށް ނުރައްކާވާނީ ކިހައި ހިސާބަކަށް ކަންތައް ދިޔުމުން ކަމުގައި ގާނޫނެއްގައި ކަނޑައެޅުމަކީ މުސްތަހީލުކަމާ ގާތްކަމެކެވެ. އެހެންކަމުން، ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބު ކަނޑައެޅުން ދޫވެފައި އޮންނަކީ ތަންފީޒީ އިދާރެއްގެ އަތްމައްޗަށެވެ. މިހާ ހިސާބުން މިއީ ރައްޔިތުންގެ މިނިވަންކަން ހިފެހެއްޓުމަށް ސަރުކާރަށް ލިބިގެންދާ ފުރުސަތެކެވެ.
ރައީސް ޔާމީނުގެ ސަރުކާރުގެ ހުށަހެޅުމަށް، އެއްވެއުޅުން ތަންޒީމުކުރުމުގެ ގާނޫނު ފާސްކުރުމާ އެކު އެ ގާނޫނު އެމް.ޑީ.ޕީގެ ސަރުކާރެއްގައި އުވައިލާނެކަމުގައި އެ ޕާޓީން ބަޔާންކޮށްފައިވެއެވެ. އިސްލާހުގެ ސަބަބުން އޭރުގެ އިދިކޮޅު ޕާޓީ ކަމުގައިވާ އެމް.ޑީ.ޕީން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވީ ނަމަވެސް، 2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެ، 2019ގެ މަޖިލިސް އިންތިޚާބުގައި އެ ޕާޓީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނު ނަމަވެސް އިސްލާހާާ މެދު ގޮތެއް ނިންމައިފައެއް ނުވެއެވެ.
2008ގެ ފަހުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ބޭނުން އެކި ގޮތްތަށް ހިފައި، އަދި އެ ގާނޫނުގެ ކުރިން ވެސް އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ކޮންމެ ސަރުކާރަކުން ވެސް އެކި ގޮތްގޮތުން ހަނިކޮށްފައިވެއެވެ. 2019ވަނަ އަހަރު، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އެމް.ޑީޕީއަށް އޮތް އިރު، ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު 19ވަނަ ރައްޔިތުންގެ މަޖިލީހުގެ 47ވަނަ ޖަލްސާއަށް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީން ލިބިދޭ އެއްވެއުޅުމުގެ ހައްގުގެ މިނިވަންކަން މި ގާނޫނުން ވަރަށް ބޮޑަށް ހަނިވެގެންދާތީ، ފުރިހަމަ ޑިމޮކްރަސީގެ ވެށްޓެއް ދިވެހިންނަށް ޔަގީންކޮށްދެއްވުމުގެ މަގުސަދުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެމް.ޑީ.ޕީގެ ވޯޓާ އެކު އެ ބިލު ވަނީ އަނބުރައި ކޮމިޓީއަށް ފޮނުވައިލާފައެވެ. ރައްޔިތުންގެ މަޖިލީހުގައި 2019ވަނަ އަހަރު ހުށަހެޅުނު މި ބިލު ފާސްވެފައެއް ނުވެއެވެ.
2008ގެ ގާނޫނުއަސާސީގެ ފަހުން ދިވެހިން ތަޖުރިބާ ކުރި ދުވަސްތަކަކީ ދުސްތޫރީ ގޮތުން ދިވެހިންގެ މިނިވަންކަމާއި ހައްގުތައް އެންމެ ފުރިހަމައަށް ލިބިފައި އޮތް ދުވަސްވަރެވެ. ނަމަވެސް، 2008 ގެ ފަހުން ދުވަހެއް ދުވަހަކަށް މިނިވަންކަން ހަނިވެފައިވެއެވެ. 2008ގެ ގާނޫނުއަސާސީން ލިބިފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ފަހުން މިވަނީ 1968 އާއި 1998 ގެ ގާނޫނުއަސާސީގައިވާ ފަދައިން ވަކި ގާނޫނެއްގައި ބަނދެވިފައެވެ؛ އެއީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ގާނޫނެވެ. އެއް ސަރުކާރަކުން ރައްޔިތުންގެ ހައްގުތައް ހަނިކޮށް ފާސްކުރާ ގާނޫނަކީ އޭގެ ފަހުން އަންނަ ސަރުކާރަކަށް ވެސް އޭގެ ފޮނި މީރުކަން ލިބިގެންދާނެ ގާނޫނެކެވެ. ސަރުކާރާ އިދިކޮޅު ހަރަކާތާ ދެކޮޅަށް އެ އިރެއްގެ ސަރުކާރަށް ލިބޭ ހަތިޔާރެކެވެ.
(ށ) ދައުލަތުގެ ޕްރޮކިއުމަންޓު އުސޫލަށް އައިސްފައިވާ ބަދަލު
ދައުލަތުން މުދަލާއި ޚިދުމަތް ހޯދުމުގައި އައަމަލުކުރަންޖެހޭ އާންމު އުސޫލަކީ އާންމުކޮށް ހުޅުވާލައިގެން މުދަލާއި ޚިދުމަތް ހޯދުމެވެ. އެހެންނަމަވެސް ބައެއް ހާލަތްތަކުގައި [ސިންގަލް ސޯސް ޕްރޮކިއުމަންޓް]ގެ ގޮތުގައި މުދަލާއި ޚިދުމަތް ހޯދެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓަކީ ވާދަވެރިކަމަށް ހުޅުވައިނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ؛ ނުވަތަ މަސައްކަތެއް ކުރުވުމެވެ. މާލިއްޔަތުގެ ގަވާއިދު 19 ސެޕްޓެންބަރު 2023ގައި ފުރަތަމަ ވުޖޫދަށް ގެނެވުނު އިރު، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ތަކެތި ގަނެވޭ ނުވަތަ ޚިދުމަތް ހޯދޭ ހާލަތްތަކުގެ ގޮތުގައި 10.20ވަނަ މާއްދާގައި އޮތީ 6 ހާލަތެކެވެ. އޭގެ ތެރެއިން، އެއް ހާލަތަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާ ހާލަތެވެ. މި ހާލަތުގައި އައަމަލުކުރަންޖެހޭ ގޮތްތައް އެ މާއްދާގައި ބަޔާންވެފައިވެއެވެ. އޭގެ ތެރޭގައި މަސައްކަތް ސަބް-ކޮންޓްރެކްޓު ނުކުރެވުމާއި، އެ މާއްދާގެ ދަށުން ހަވާލުކުރެވޭ ޕްރޮކިއުމަންޓް މަސައްކަތުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުން ފަދަ ޝަރުތުތައް ހިމެނެއެވެ. އެހެން ނަމަވެސް، އެ ގަވާއިދަށް 9 ސެޕްޓެމްބަރު 2024ގައި ގެނެވުނު ދެވަނަ އިސްލާހުގައި، އެ މާއްދާ އިސްލާހުކުރެވިފައި ވަނީ އަންނަވިނި ފަދައިންނެވެ؛ [ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން، ވަކި ބަޔަކު ނުވަތަ ވަކި ހާއްސަ ފަރާތެއް ކަނޑައެޅުން]، މިއެވެ. އަދި މި ހާލަތުގައި އައަމަލުކުރަންޖެހޭ ގޮތްތައް ވަނީ އުވައިލެވިފައެވެ.
ގަވާއިދުގައި ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ މަގުސަދު އޮތް ނަމަވެސް، 3ވަނަ އިސްލާހުގައި އެ މަގުސަދަށް ބެލުމެއް ނެތި ސިންގަލް ސޯސް ޕްރޮކިއުމަންޓް ހިންގޭ ގޮތަށް ބަދަލުކޮށްފައިވެއެވެ. އެ ގޮތުން، މަސައްކަތްތައް ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން ކުރިއަށް ގެންދެވިދާނެ ކަމަށް ކަނޑައަޅާފައި ވެއެވެ. ނަމަވެސް 4ވަނަ އިސްލާހުގައި މި އިޖުރާއާތު އިތުރަށް [ފަސޭހަކުރެވި]، ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހެޅުމުމުގެ ބަދަލުގައި ސީދާ ވަޒީރުންގެ މަޖިލީހަށް ހުށަހަޅާ ގޮތަށް ބަދަލުކުރެވިފައިވެއެވެ. ހަމަ އެ އިސްލާހުގައި، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ތަކެތި ގަނެވޭ ނުވަތަ ޚިދުމަތް ހޯދޭ ހާލަތްތަކުގެ ގޮތުގައި އިތުރު ހާލަތެއް އިތުރުކުރެވުނެވެ. އެއީ، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ މަޝްރޫއެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ހާލަތްތަކުގައެވެ. އަދި އެ ހާލަތުގައި މަޝްރޫއެއް ހިންގާ ބަޔަކު ވެސް ކަނޑައެޅުމުގެ އިޚުތިޔާރު 4ވަނަ އިސްލާހުން ލިއްބައިދޭ ގޮތަށް އެ މާއްދާ ބަދަލުކުރެވުނެވެ. އެ ގޮތުން، ވަކި މަޝްރޫއުތަކަކީ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ މަޝްރޫއެއްގެ ގޮތުގައި ހަމައެކަނި ކަނޑައެޅުމުގެ ބަދަލުގައި، ވަކި ބަޔަކު ނުވަތަ ވަކި ފަރާތެއްވެސް އެ މަޝްރޫއަކަށް ކަނޑައެޅުމުގެ އިޚުތިޔާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް މާއްދާ ބަދަލުކުރެވިފައިވެއެވެ. މި ހުރިހާ އިސްލާހުތަކެއް ގެނެވިފައިވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގުރެސްގެ (ޕީ.އެން.ސީ) ކެނޑިޑޭޓް މުޙައްމަދު މުޢިއްޒު ރައީސްކަމަށް އިންތިޚާބުވުމަށް ފަހު، ރައީސް މުޢިއްޒުގެ ސަރުކާރުގައެވެ. މި އިސްލާހުތަކާ ގުޅިގެން އިދިކޮޅު ޕާޓީ ކަމުގައިވާ އެމް.ޑީ.ޕީން އެ އިސްލާހުތައް ކުށްވެރިކޮށް، ސަރުކާރުން ފަސާދައަށް މަގުފަހިކުރުމުގެ ގޮތުން ގެނެސްފައިވާ އިސްލާހުތަކެއްކަމަށް ތުހުމަތުކޮށްފައިވެއެވެ.3 މި އިސްލާހުތަކުގެ ދަށުން، އެއްވެސް ގޮތަކަށް ބިޑުކުރުމެއް ނެތި، 216 މަޝްރޫއު އަމިއްލަ ކުންފުނިތަކަކާ ރައީސް މުޢިއްޒުގެ ސަރުކާރުން ހަވާލުކުރީ 2025ވަނަ އަހަރުގެ ނޮވެންބަރު މަހު އެވެ.4
(ނ) ސަރުކާރުތަކުގެ ސިޔާސީ މުވައްޒަފުންގެ ބުރަ
ސިޔާސީ މުވައްޒަފުންގެ ބަހުސަކީ ކޮންމެ ސަރުކާރެއްގައި ވެސް ކުރެވޭ ބަހުސެކެވެ؛ ސިޔާސީ ވަޒީފާތައް ގިނަ ވާހަކައެވެ. އެކަމަށް ޚަރަދުވާ ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ ދަރަނީގެ ވާހަކައެވެ. އެހެންނަމަވެސް، ސިޔާސީ މަގާމުތައް އުފައްދައި، ސިޔާސީ މުވައްޒަފުން އައްޔަންކުރުމަކީ ކޮންމެ ސަރުކާރަކަށް ވެސް ފަހި ފުރުސަތެކެވެ. އެ ސަރުކާރަކަށް ތާއީދުކުރާ، އެ ސަރުކާރެއްގެ ނުފޫޒު ދެމެހެއްޓުމަށް، އަދި ބައެއް ފަހަރު އެ ސަރުކާރަކުން ތަންފީޒުކުރަންޖެހޭ ސިޔާސަތެއް ތަންފީޒުކުރުމަށް އައްޔަންކުރަންޖެހޭ ބަޔަކު އައްޔަންކުރުމުގެ ފުރިހަމަ މިނިވަން ލިބިގެންވާކަމަށް ގާނޫނު މާނަކުރެވި، ކޮންމެ ސަރުކާރަކުންވެސް އައަމަލުކުރަނީ ދާދި އެއް ގޮތަކަށެވެ. ސިޔާސީ މުވައްޒަފުންގެ މަގާމުތައް އުފައްދައި މީހުން އައްޔަންކުރެވެނީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ވާގޮތުން، “ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމާއި، އެ މަގާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުން،] އެއީ ރައީސަށް ލިބިދީފައިވާ ބާރެއް ކަމުގައެވެ. އެހެންނަމަވެސް، މީހުން އައްޔަންކުރުމަށް ރައީސުލްމުޖުހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ވުޒާރާތަކުގެ އެކި ގިންތިތަކުގައި މީހުން މަގާމުތަކަށް އައްޔަންކުރެވެއެވެ. މިއީ 2008 އިން ފެށިގެން ކޮންމެ ސަރުކާރަކުން އަމަލުކޮށްފައިވާ ގޮތެވެ.
2018 އިން 2023 އަށް އޮތް އެމް.ޑީ.ޕީގެ ސަރުކާރުގައި، 2021ވަނަ އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 967 އެވެ. 2022ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ ޖުމުލަ އަދަދު ހުރީ 1045 ގަ އެވެ.5 އެއީ 2021ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ އަދަދަށް ވުރެ 78 މަގާމުގެ އިތުރުވުމެކެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވުމާ އެކު، ޕީ.އެން.ސީގެ އިންތިޚާބީ ރައީސް މުޢިއްޒު ނިންމަވާފައިވަނީ އައު ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނަ ނުކުރުމަށެވެ. ނަމަވެސް، 2025ވަނަ އަހަރުގެ ޖުލައި މަހު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ ގޮތުން، އެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުންނެވެ.6
(ރ) ދައުލަތުގެ ބަޖެޓު ޑެފިސިޓު
ކޮންމެ ސަރުކާރެއް ވެސް އިންތިޚާބުވަނީ ވަރަށް ގިނަ ވައުދުތަކާ އެކުއެވެ. ޚާއްސަ ގޮތެއްގައި، ސަރުކާރުތަކުގެ ވައުދުތައް ބިނާވެފައި އޮންނަނީ ވަކި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ މައްޗަށެވެ. ހަގީގަތުގައި، ސަރުކާރުތަކުން ވަކި ސިޔާސަތެއް ހިންގުމަށް ވުރެ، އިސްކަން ދީފައި އޮންނަނީ އެކި މަޝްރޫއުތައް ހިންގުމަށެވެ. ނަތީޖާއަކީ، މި ވައުދުތައް ފުއްދުމަށް ކޮންމެ ސަރުކާރެއްގައި ވެސް ދައުލަތުގެ ޚަރަދު ބޮޑުވުމެވެ. އަބަދުވެސް ސަރުކާރު އެއް ބައެއްގެ އަތުން އަނެއް ބައެއްގެ އަތަށް ފުރޮޅެމުންދާ ނިޒާމެއްގައި، ބޮޑެތި ޚަރަދުތަކާ އެކު މަޝްރޫއުތައް ހިންގުމަކީ ވެސް ވާދަވެރި ކަމެކެވެ. މި ކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރަނީ ދައުލަތުގެ ބަޖެޓަށެވެ.
މަޞްދަރު: މިނިސްޓްރީ އޮފް ފިނޭންސް، ބަޖެޓު ހިސާބުތައް، 2010، 2018، 2023، 2025.
ބަޔާންކުރެވުނު ހިސާބުތަކުން ދައްކައިދެނީ 2008ގެ ގާނޫނުއަސާސީއަށް ފަހު، އަހަރު ނިމި، ހަގީގަތުގައި ލިބުނު މިންވަރާއި ޚަރަދުވި މިންވަރު ހިސާބުކުރެވި ޑެފިސިޓުގެ މިންވަރު ކަނޑައެޅިފައިވާ ހިސާބުތަކެވެ. މިއިން ސާބިތުވަނީ މައިގަނޑު ގޮތެއްގައި ދައުލަތުގެ ބަޖެޓު ޑެފިސިޓު ކޮންމެ ސަރުކާރަކާ އެކު މަތިވަމުން ދިޔުމެވެ. ޚާއްސަ ގޮތެއްގައި އިންތިޚާބުވުމަށް ފަހު، ބަޖެޓެއް އެކުލަވައިލުމަށް އައު ސަރުކާރަށް ލިބޭ ފުރުސަތުގައި ޑެފިސިޓު ބޮޑުވާކަން ސާބިތުވެއެވެ. އެ ގޮތުން، 2015، 2020، އަހަރުގެ ބަޖެޓު ފާހަގަކުރެވެއެވެ. މި ދެ އަހަރަކީ އައު ސަރުކާރުން އަލަށް ބަޖެޓެއް ފާސްކޮށް ބޭނުންކޮށްފައިވާ އަހަރުތަކެވެ. 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވުމާ އެކު، އައު ސަރުކާރުން މަޖިލީހަށް ހުށަހެޅި ފުރަތަ ބަޖެޓަކީ 2025ވަނަ އަހަރަށް ހުށަހެޅުނު 9.4 ބިލިއަން ރުފިޔާ ޑެފިސިޓު ބަޖެޓެވެ. މި ޑެފިސިޓުގެ މިންވަރަކީ އޭގެ ކުރީ އަހަރަށް ވުރެ ދަށް މިންވަރެކެވެ. މިއީ ހަމައެކަނި މަޖިލީހަށް ސަރުކަރުން ހުށަހަޅާފައިވާ ބަޖެޓެއްކަމުން، އަހަރު ނިމި، ހަގީގަތުގައި ލިބުނު މިންވަރާއި ޚަރަދުވި މިންވަރު ހިސާބުކުރާ އިރު، ޑެފިސިޓަށް ބަދަލު އަންނާނެއެވެ.
ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ވެފައިވާ ގޮތަށް ބަލާއިރު ފާހަގަކުރެވެނީ، ކޮންމެ ސަރުކާރެއްގައި ވެސް ދައުލަތުގެ ޑެފިސިޓު މަތިވެފައިވުމެވެ. ކޮންމެ ސަރުކާރެއްގެ އަމާޒަކަށް ވެފައި އޮންނަނީ އެ ސަރުކާރެއްގެ މަޝްރޫއުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމަށް ބަޖެޓެއް ކަނޑައެޅުމެވެ. ދައުލަތުގެ ޑެފިސިޓު ބޮޑުވުމަކީ، ދައުލަތުގެ މާލިއްޔަތަށް އެކަމުގެ އަސަރުކުރާނެ ކަމެކެވެ. އެ ގޮތުން، ޑެފިސިޓުން އަރައިގަތުމަށް މުސްތަގުބަލުގައި އާމްދަނީ އިތުރު ކުރުމުގެ ސިޔާސަތުތަކާއި، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހިންގަންޖެހެއެވެ (އޮސްޓެރިޓީގެ ސިޔާސަތުތައް). އެއް ސަރުކާރެއްގެ މާލީ ސިޔާސަތުތަކަކީ ހަމަ އެކަނި އެ ސަރުކާރަކަށް ޚާއްސަ ކަމަކަށް ހަގީގަތުގައި ނުވެއެވެ. އެހެންނަމަވެސް، ދިވެހި ސިޔާސީ މަސްރަހުގައި މިވަގުތު ތަންޒީމުކުރެވިފައިވާ ނިޒާމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ކަނޑައެޅުމުގައި ވެސް ސަރުކާރުތަކުގެ މެދުގައި ވިލަރެސްކުރުމަކީ އުނދަގޫ ކަމެކެވެ. އަދި ސިޔާސީ ގޮތުން މުސްތަޙީލުކަމެކެވެ. ކޮންމެ ރިޔާސީ އިންތިޚާބަކީ ބަޖެޓަށް ބާރު ބޮޑުވާ ބުރެކެވެ؛ އައު ސަރުކާރަކާ އެކު އައު ތަސައްވުރެކެވެ؛ އައު މަޝްރޫއުތަކެކެވެ.
(ބ) ތަރައްގީގެ މަޝްރޫއުތައް ބަދަލުވުން
ތަރައްގީގެ ޕުލޭނުތައް އެކުލަވައިލުމާއި ތަންފީޒުކުރުމުގައި ދިމާވާ ކަންކަމުގެ ވާހަކަ އިސްވެ ބަޔާންކުރެވިއްޖެއެވެ. ތަރައްގީގައި ގައުމީ ޕުލޭނެއް ނެތުމުގެ ނަތީޖާއަކީ، ގައުމީ ބޮޑެތި ކަންކަމުގައި ވަކި ޕާޓީއެއްގެ ވިސްނުމާ އެއްގޮތަށް ނިންމުންތައް ނިންމުމެވެ. އެއް ސަރުކާރެއްގެ ނިންމުންތައް އަނެއް ސަރުކާރަކުން ބަދަލުކުރުމެވެ. އޭގެ ސަބަބުން ރައްޔިތުންގެ ފައިސާއާއި ވަސީލަތްތައް އިސްރާފުވުމެވެ. މި ކަމަކީ ސިޔާސަތުތައް ވަކި ބެލެންސެއްގައި ހިފެހެއްޓުމަށް ނިޒާމު ނުކުޅެދުމުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.
މާލޭގެ ވިޔަފާރި ބަނދަރު ބާރުބޮޑުވެ، އިތުރަށް ބޮޑު ކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް އެންމެ ފުރަތަމަ ނިންމީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. ސަރުކާރު ބަދަލުވުމާ އެކު ރައީސް ޞާލިޙުގެ ސަރުކާރުގައި އެ ނިންމުން ބަދަލުކޮށް، ގުޅީފަޅުން ބިން ހިއްކައިގެން ވިޔަފާރި ބަނދަރު އެތަނަށް ބަދަލުކުރަން ނިންމިއެވެ. އަދި ވިޔަފާރި ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފެށިގެންދިޔައެވެ. ގުޅީފަޅުގައި ވިޔަފާރި ބަނދަރު ގާއިމުކުރުމަށް ބޭނުންވާ ބިމުގެ ފުރަތަމަ ބައި 2020ވަނަ އަހަރުގެ ތެރޭގައި ހިއްކައި ނިންމާފައިވެއެވެ. އަދި ގުޅީފަޅުގައި ވިޔަފާރި ބަނދަރު ގާއިމުކުރުން ބޭނުންވާ 400 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) އޭގެ ކުރީ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުން ހަމަޖެއްސިއެވެ. ނަމަވެސް 2023ގައި އިންތިޚާބުވި ރައީސް މުޢިއްޒުގެ ސަރުކާރުގައި ބަނދަރު ހެދުން އަލުން ތިލަފުށްޓަށް ބަދަލުކުރިއެވެ.
ރައީސް ޞާލިޙުގެ ސަރުކާރުގައި ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލު ކުރަން ރައީސް މުޢިއްޒުގެ ސަރުކާރުން ނިންމިއެވެ. ސަރުކާރު ބަދަލުވުމާ އެކު މިގޮތަށް ނިންމާފައިވަނީ ގަމުގައި ގާއިމު ކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލްގެ ދިރާސާތައް ވެސް ވަނީ ނިމިފަ އެވެ.
މިއީ ސަރުކާރުތައް ބަދަލުވުމާ އެކު ދައުލަތުން ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކަށް އަންނަމުންދާ ބަދަލުތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. މި މައްސަލައިގައި ވެސް މި މައުލޫއަށް މުހިންމީ ބަނދަރު ތިލަފުށީގައި ހެދުން ގޯސްވުން، ނުވަތަ ރަނގަޅުވުމެއްނޫނެވެ. ނަމަވެސް މައްސަލައަކީ، ވަކި ބަޔަކަށް އޮންނަ ސިޔާސީ ބާރުވެރިކަމެއްގެ ތެރެއިން، އެބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ އިޚުތިޔާރު ދިވެހި ސިޔާސީ ނިޒާމުގައި އޮތުމެވެ.
(ޅ) ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވުން
ސްޕްރިމް ކޯޓަށް ސިޔާސީ މީހުންގެ ސަމާލުކަން ލިބޭ އެއް ސަބަބަކީ، އެ ކޯޓުގެ އަޞްލީ އިޚުތިޞާޞެވެ. މިއީ ދައުލަތުން ކުރާ ކަންކަމާއި ނިންމާ ނިންމުތަކުގެ ދުސްތޫރިއްޔަތުގެ މައްޗަށް ޙުކުމްކުރުމަށް ވެސް ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެކެވެ. އެ ގޮތުން ތަންފީޒީ ބާރުން ނިންމާ ނިންމުމެއް، ނުވަތަ ވެރިކަން ހިންގާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހަކުން ފާސްކުރާ ގާނޫނެއްގެ ދުސްތޫރިއްޔަތު ކަނޑައެޅުމުގައި ސުޕްރީމް ކޯޓަށް ބާރުތަކެއް ލިބިގެންވެއެވެ.
2008ގެ ގާނޫނުއަސާސީ ވުޖޫދަށް ގެނެވުނު އިރު، ސސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުންނެވެ. ނަމަވެސް، 2010ވަނަ އަހަރު ރައީސް ނަޝީދުގެ ދައުރުގައި، ގާނޫނުއަސާސީ އިސްލާހުކުރެވި، ފަނޑިޔާރުންގެ އަދަދު ހަތް ފަނޑިޔާރުންނަށް ބަދަލުކުރެވުނެވެ. ރައީސް ޔާމީނުގެ ދައުރުގައި، 2014ވަނަ އަހަރު ފަނޑިޔާރުންގެ އަދަދު ދަށްކޮށް، ފަސް ފަނޑިޔާރުންނަށް ބެންޗު ބަދަލުކުރިއެވެ. ސިޔާސީ ނުފޫޒުން ކޯޓުތައް ސަލާމަތްކުރުމަށް، ޖުޑިޝަލް ސާވިސްކޮމިޝަން (ޖޭ.އެސް.ސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގަތެވެ. އެހެންނަމަވެސް، 2019ވަނަ އަހަރު ރައީސް ޞާލިޙުގެ ދައުރުގައި ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް ބަދަލުކުރެވުނެވެ. ސިޔާސީ ނުފޫޒުން މިނިވަންކުރުމަށް، ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު 2020ވަނައަހަރާއި 2021ވަނަ އަހަރު ހުށަހެޅުއްވިއެވެ. ނަމަވެސް، އެ ހުށަހެޅުން އެމް.ޑީ.ޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ބަލައިގެންފައެއް ނުވެއެވެ. ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް 2023ވަނަ އަހަރުގެ ޖޫން މަހުއެވެ. މަޖިލީހަށް ހުށަހެޅި އެ އިސްލާހުގައި ވާގޮތުން ޖޭ.އެސް.ސީގެ މެންބަރުންގެ އަދަދު ހަތަކަށް މަދުކުރެވޭނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އައްޔަންކުރާ މެމްބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭ.އެސް.ސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް އިސްލާހުގައި ވެއެވެ. އަދިވެސް މި ބިލު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.
އެންމެ ފަހުން ބެންޗު ފަސް ފަނޑިޔާރުންނަށް ބަދަލުކުރެވިފައިވަނީ ރައީސް މުޢިއްޒުގެ ދައުރުގައި، 2025ވަނަ އަހަރުއެވެ. މިފަހަރު ކޯޓުގެ ބެންޗަށް ބަދަލު ގެނެވިފައިވަނީ، ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭ ހައިސިއްޔަތު ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ރައީސް މުޢިއްޒު ނިސްބަތްވެލައްވާ ފީ.އެން.ސީން އިސްވެ ހުށަހެޅި އިސްލާހާ އެއްގޮތަކަށް ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނުއަސާސީގައި އެކަން ކަނޑައަޅާފައިވާތީ، އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއް އެ ކޯޓުގައި ހިނގަމުންދަނިކޮށެވެ.
2008ގެ ގާނޫނުއަސާސީގެ ފަހުން ރިޔާސީ ކޮންމެ ދައުރެއްގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުއައިސްފައި ވެއެވެ. މިއީ ސިޔާސީ ވާދަވެރިކަން ނޫން އެހެން ކަމެއް ކަމުގައި ބެލުމަކީ އުނދަގޫ ކަމެކެވެ. ސިޔާސީ މަގާމުތަކުގެ މެންބަރުން ނުހިމެނޭ ގޮތަށް ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް ގޮވައިލެވޭ ގޮވައިލެވުންތަކާއި ހުށަހެޅޭ ހުށަހެޅުންތަކުގައި އޮންނަނީ އެ ސަބަބަށް ޓަކައެވެ. ނަމަވެސް، ސަރުކާރަކުން އިސްވެ، މަޖިލީހަށް ހުށަހެޅޭ ބިލަކުން، ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ، ރައީސަކަށް ހުންނަވާ މީހަކު، ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުން ކަހަލަ ކަމެކެވެ. އެހާވެސް ނާދިރު ކަމެކެވެ. އަތުގައިވާ ބާރުވެރިކަން ގެއްލޭނެ ކަމެކެވެ. އެކަން އެ ގޮތަށް ވާނެނަމަ، ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވައުދުވި އެމް.ޑީ.ޕީގެ ސަރުކާރުގައި އެކަން ވީހެވެ. ނަމަވެސް، ސަރުކާރުން އެކަން ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ ދައުރުގެ ފަހު އަހަރުއެވެ.
ސިޔާސީ ނުފޫޒު ނުވަންނާނެ ގޮތަކަށް ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ވުން ދުރުކަމެކެވެ. ސިޔާސީ މީހުންގެ ނުފޫޒު ކެނޑިގެން ދިޔުމަށް ސިޔާސީ މީހުން ބޭނުން ނުވާނެތީއެވެ. އަދި އެކުލެވިގެންވާ ގޮތް ބަދަލުކުރަން ތިބި ބަޔަކީ ވެސް ސިޔާސީ މީހުން ކަމަށް ވާތީއެވެ. ހަގީގަތުގައި މައްސަލައަކީ ޖޭ.އެސް.ސީ ސިޔާސީ ވުމެއްނޫނެވެ. ހަގީގީ މައްސަލައަކީ ނިޒާމުގެ އޮއިވަރާ އެއްގޮތަށް ޖޭ.އެސް.ސީ ހިނގާ އިރު، ބުރެއްގެ ތެރޭގައި އޮންނަ އޮއިވަރެއްގެ މައްޗަށް ބިނާވެ މުޅި ނިޒާމު ހިނގުމެވެ. އަބަދު ވެސް އޮންނަނީ ސަރުކާރުގެ ފަޅިއާއި، އިދިކޮޅު ފަޅިއެވެ. ރިޔާސީ ނިޒާމުގެ ސަބަބުން، ސިޔާސީ މަސްރަހުގެ އޮއިވަރު ބައްޓަންވެފައިވަނީ ދެ އޮއިވަރެއްގެ މައްޗަށެވެ. މި އޮއިވަރުގެ ސަބަބުން ޖޭ.އެސް.ސީއަށް އެކަމުގެ އަސަރު ވެސް އަންނަނީއެވެ. ފާއިތުވެ ދިޔަ ތަނުގައި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވެފައިވާ ގޮތަށް ބެލުމުން އެކަން ޔަގީންވެއެވެ.
(ކ) ބަޖެޓުނުކުރެވޭ މަޝްރޫއުތައް
ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެއް ކަމުގައި ރަސްމާލެ ބިންހިއްކުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގައި ނުހިމަނައި، ދައުލަތުގެ ކުންފުނި ކަމުގައިވާ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަންގެ (އެޗް.ޑީ.ސީ) ރައުސްމާލުން ޚަރަދުކުރެވިގެން ހިންގޭ މަޝްރޫއެކެވެ. ބޭންކު އޮފް މޯލްޑިވްސުން 182 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ވެސް ހިންގަނީ ބަޖެޓުގައި ނުހިމަނައި ކުންފުނީގެ ރައުސްމާލުންނެވެ. ދައުލަތުން ކުރާ ޚަރަދާއި ދައުލަތަށް ވަންނަ އާމްދަނީ އަކީ ކޮންމެ އަހަރެއްގައި ބަޖެޓުގައި ކަނޑައަޅަންޖެހޭ ކަންކަމެވެ. ރައްޔިތުންގެ ފައިސާއަށް ވާނުވާ އެނގި ޒިންމާދާރުކުރަންޖެހޭ ބަޔަކު ޒިންމާދާރުކުރެވޭނީ، އަދި ހިސާބުކިތާބު ހަމަޖެހޭ ގޮތެއްގައި ބެލެހެއްޓޭނީ ބަޖެޓުކުރެވިގެންނެވެ. މިއީ އާންމު މާލިއްޔަތުގެ އެންމެ އަސާސީ ކަންކަމެވެ. ނަމަވެސް، ސަރުކާރުތަކުގެ މަޝްރޫއުތައް ހިންގުމަށް ފަހަކުން ތައާރަފުވެފައިވާ ކަމަކީ ބަޖުޓުނުކުރެވޭ މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ޕްރައިވެޓް އިންވެސްޓްމެންޓުގެ ގޮތުގައި ހިންގުމެވެ. ކުންފުނިތަކަށް އޮންނަ ސަރުކާރުގެ ނުފޫޒުގެ ތެރެއިން، ކުންފުނިތަކުގެ އިންވެސްޓުމަންޓުގެ ގޮތުގައި މަޝްރޫއުތައް ހިންގާނަމަ، އެކަމަށް ކުރެވޭ ހަރަދަކީ ދައުލަތުގެ ބަޖެޓުގައި ނުހިމަނައި، އެ ކުންފުނިންކުރާ ހަރަދުގެ ގޮތުގައި ހިންގޭ މަޝްރޫއުތަކެވެ. މިއީ ހަގީގަތުގައި މާލީ ހީލަތެކެވެ. ދައުލަތުގެ ކުންފުނިތަކުގެ ރައުސްމާލަކީ ރައްޔިތުންގެ ރައުސްމާލެވެ. ދައުލަތުން ކުރާ ޚަރަދަކީ ވެސް ރައްޔިތުންގެ ފައިސާއެވެ. ހަމައެކަނި ތަފާތަކީ، ދައުލަތުން ބަޖެޓުކުރެވިގެން ކުރާ ޚަރަދާ ގުޅިގެން އޮންނަ ފަދަ ޖަވާބުދާރީވުމެއް ކުންފުނިން ކުރާ ޚަރަދުގެ މައްޗަށް ނެތުމެވެ. އެހެނީ، ކުންފުނީގެ ރައުސްމާލަކީ ރައްޔިތުންގެ މުދާކަމަށް ވީނަމަވެސް، ކުންފުނީގެ މަސައްކަތުގެ މައްޗަށް ފާރަވެރިވުން އޮންނަ ހަމަތަކާއި އުސޫލުތައް ތަފާތެވެ. މި ފަދަ ހީލަތަކުން ރައްޔިތުންގެ ފައިސާ ބޭނުން ކަމަކަށް ޚަރަދުކުރެވޭނަމަ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓެއް ފާސްކުރުމުގެ ބޭނުމަކި ކޮބައިބާއެވެ؟
އިޖުތިމާއީ ތަރައްގީއާއި ހެޔޮވެރިކަމުގެ ފަރަޤު ބޮޑުވުން
2008ގެ ގާނޫނުއަސާސީގެ ދަށުން ސަރުކާރުތައް ހިންގަން ފެށި ފަހުން، ދިވެހިރާއްޖޭގެ އިޖުތިމާއީ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވުމަކީ ނަފީ ނުކުރެވޭނެ ހަގީގަތެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ އެދުންތަކަށް އިޖާބަ ދިނުމަށް ސަރުކާރުތަކަށް މަޖުބޫރުވެފައިވުމެވެ؛ [ރެސްޕޮންސިވް ގަވާރންމެންޓް]ގެ ގޮތުގައި މިކަން މާނަކުރެވިދާނެއެވެ. ރައްޔިތުންގެ ވޯޓުން ސަރުކާރު އިންތިޚާބުކުރުމުގެ ނަތީޖާއަކީ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ ވީހާވެސް ގާތުން ބެލުމާއި، އެކަންކަމަށް އިޖާބަ ދިނުމެވެ. 2008ގެ ފަހުން ސަރުކާރެއްގެ ޝަރުޢިއްޔަތު ނުވަތަ ލިޖިޓިމެސީ ބިނާވެފައިވާ އެއް އަސާސަކީ އެ ސަރުކާރަކުން ރައްޔިތުންގެ ބޭނުންތަކަށް އިޖާބާދޭ މިންވަރެއްގެ މައްޗަށެވެ.
ދިރިއުޅުމުގެ ފެންވަރު ތަސައްވުރުކުރުމަށް އެހީއަކަށް ވާނެ އެއްގޮތަކީ ދިވެހިރާއްޖޭގެ އެތެރޭގެ ޖުމުލަ އުފެއްދުންތެރިކަމަށް (ޖީ.ޑީ.ޕީ) ރިއާޔަތްކުރުމެވެ. އެތެރޭގެ ޖުމުލަ އުފެއްދުންތެރިކަމަށް ބަލާއިރު، 2000ވަނަ އަހަރުން 2024ވަނަ އަހަރަށް ރާއްޖޭގެ ޖުމުލަ އެތެރޭގެ އުފެއްދުންތެރިކަން އަހަރަކުން އަހަރަކަށް ކުރިއެރުމުގެ ނިސްބަތް ހުރީ ގާތްގަނޑަކަށް 5.6 އިންސައްތައިގައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ އިގުތިސާދު ދުވަހެއް ދުވަހަކަށް އެކަށީގެންވާ ދުވެއްޔެއްގައި ހިފެހެއްޓިފައިވާކަމަށް ގަބޫލުކުރަންޖެހެއެވެ.
އެތެރޭގެ ޖުމުލަ އުފެއްދުންތެރިކަމަށް ވުރެ މުނާސަބު އަނެއް ގޮތަކީ، ތަރައްގީއަށް ޚާއްސަކޮށްގެން ދައުލަތުން ކުރާ ޚަރަދު ދެނެގަތުމެވެ. އެކަން ދެނެގަނެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް (ޕީ.އެސް.އައި.ޕީ) އަހަރީ ބަޖެޓުގައި ޚަރަދުކުރުމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ދެނެގަނެވިގެންނެވެ. އިޖުތިމާއީ ޚިދުމަތްތަކާއި، އިގުތިސާދީ ކުރިއެރުމަށް ހިންގޭ މަޝްރޫއުތަކަށް ކުރެވޭ ޚަރަދަކީ ޕީ.އެސް.އައި.ޕީގައި ހިމެނިގެން ދައުލަތުން ކުރާ ޚަރަދެވެ. އެ ގޮތުން، އިންތިޚާބުތަކުގެ ކެމްޕޭނުތަކުގައި އެކިއެކި ރަށްރަށުގައި ހިންގުމަށް ކަނޑައެޅޭ މަޝްރޫއުތަކުގެ މާލީ ތަފުސީލު ފެންނާނީ ޕީ.އެސް.އައި.ޕީންނެވެ. 2014ވަނަ އަހަރުން ފެށިގެން ޕީ.އެސް.އައި.ޕީއަށް ކުރެވިފައިވާ ޚަރަދަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭނީ ވަރަށް ބޮޑަށް ޚަރަދު އިތުރުވެފައިވާ ތަނެވެ. އެ ގޮތުން، ޚާއްސަ ގޮތެއްގައި ރިޔާސީ ދައުރުގެ މެދުތެރެއިން ޕީ.އެސް.އައި.ޕީއަށް ސަރުކާރުތަކުން ކަނޑައަޅާފައިވާ ބަޖެޓު ބޮޑެވެ.
މަޞްދަރު: މިނިސްރީ އޮފް ފިނޭންސް، ބަޖެޓު ހިސާބުތައް 2021.
ރައީސް ޔާމީނުގެ ސަރުކާރަށް ބަލާއިރު، އެ ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި 2015 ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ކަނޑައެޅިފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. މި ސަރުކާރުގެ ދެވަނަ ބަޖެޓުގައި 2016ވަނަ އަހަރު 7.1 ބިލިއަން ރުފިޔާ އެވެ.7 ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި 2020ވަނަ އަހަރު 5.6 ބިލިއިން ރުފިޔާއެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި 2025ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ޚާއްސަކުރެވިފައިވަނީ 12.38 ބިލިއަން ރުފިޔާ އެވެ. މި ހިސާބުތަކުން ދަށްކައިދެނީ ޕީ.އެސް.އައި.ޕީގެ ޖުމުލަ ބަޖެޓެވެ. ހަމައެކަނި މި ބަޖެޓަށް ބަލައި ވަކި ގޮތަކަށް ކަމެއް ގަބޫލުކުރެވިދާނެއެވެ. އެއީ، އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ދައުލަތުން ހިންގާފައިވާ މަޝްރޫއުތައް ދުވަހެއްދުވަހަކަށް އިތުރުވެފައިވާ ކަމެވެ؛ ނުވަތަ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ކަމެވެ. އެހެންކަމުން، ގަބޫލުކުރަންޖެހެނީ އިޖުތިމާއީ ތަރައްގީގައި ކުރިއަށް ޖެހިފައިވާ ކަމެވެ.
އިޖުތިމާއީ ތަރައްގީ މިނުމުގެ އަނެއް މިންގަނޑަކީ ގިނަ ދާއިރާތަކުގެ ފަގީރުކަން (މަލްޓި ޑައިމެންޝަނަލް ޕޯވަރޓީ) ބެލުމުގެ މިންގަނޑުން ބެލުމެވެ. އެ މިންގަނޑަކީ، ހަމައެކަނި ފަރުދުންގެ އާމްދަނީއަށް ބިނާވެ ދުވާލަކަށް ޖެހޭވަރުން ފަގީރުކަން ބެލުމުގެ ބަދަލުގައި، ލިބެން ހުންނަ އަސާސީ ޚިދުމަތްތަކާއި ދިރިއުޅުމުގެ ފެންވަރަށް ބިނާވެ ފަގީރު ކަމުގެ ނިސްބަތް ކަނޑައެޅުމެވެ. ދިވެހިރާއްޖެ ފަދަ، އަސާސީ ގިނަ ޚިދުމަތްތަކެއް ދައުލަތުން ފޯރުކޮށްދޭ، އަދި ދުވަހުން ދުވަހަށް އިޖުތިމާއީ ރައްކާތެރިކަމުގެ ތަފާތު ގޮތްތައް ތާރަފުވަމުން އަންނަ ގައުމެއްގައި ފަގީރުކަމުގެ ނިސްބަތް ބެލުމަށް އެންމެ އިންސާފުވެރި ގޮތަކަށް ވާނީ ވެސް، ހަމައެކަނި ލިބޭ އާމްދަނީއަށް ބެލުމުގެ ބަދަލުގައި، ގިނަ ދާއިރާތަކުގެ ފަގީރުކަން ބެލުމުގެ މިންގަނޑަކުން މިނައިގެންނެވެ. މި މިންގަނޑު ބަލާއިރު، 2016 އަދި 2017ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދިވެހިރާއްޖޭގައި މި ފަގީރުކަމުގެ ނިސްބަތް ހުރީ އާބާދީގެ 0.8 އިންސައްތައިގައެވެ. ދެކުނު އޭޝިއާގައި މި ނިސްބަތް ހުރީ 20.8 އިންސައްތައިގައެވެ.8 އެހެންކަމަށް ވާއިރު، ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާގެ ނިސްބަތުން އިޖުތިމާއީ ގޮތުން ވަރަށް ކުރީގައި އޮތް ގައުމެކެވެ.
ބަޔާންވެ ދިޔަ މިންތައް އެކި ގޮތް ގޮތަށް މާނަކުރެވިދާނެއެވެ؛ ޖުމުލަ އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެފައިވާ އިރު، އެ އިތުރުވުމަކީ ހަގީގީ އިގުތިސާދީ އުފެއްދުންތެރިކަމެއް ނެތި، އިގުތިސާދު ފުޅާނުކުރެވި، ހަމައެކަނި ފަތުރުވެރިކަން އިތުރުވުމާއި، ސަރުކާރުގެ ޚަރަދުތައް އިތުރުވުން ކަމަށް ހުއްޖަތް ދެއްކިދާނެއެވެ؛ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ބަލާއިރު، އެ ފަދަ މަޝްރޫއުތަކަކީ ދެމެހެއްޓެނިވިނޫން ގޮތަކަށް، ދައުލަތުގެ ދަރަނި ދުވަހެއް ދުވަހަކަށް އިތުރުވާ ގޮތަކަށް ހިންގާ މަޝްރޫއުތަކެއް ކަމުގައި ހުއްޖަތް ދެއްކިދާނެއެވެ؛ ފަގީރުކަމުގެ ނިސްބަތް ރަނގަޅު މިންވަރަކަށް ތިރިކުރެވިފައިވަނީ ދައުލަތުގެ ޚަރަދު ބޮޑު އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން ކަމުގައި ހުއްޖަތް ދެއްކިދާނެއެވެ. އެހެން ކަމުން އެއީ ދެމެހެއްޓެނިވި ގޮތަކަށް ހިންގޭނެ ސިޔާސަތެއް ނޫންކަމަށް ބަހުސްކުރެވިދާނެއެވެ. އެހެންނަމަވެސް، އެއް ހަގީގަތަކީ އިޖުތިމާއީ ތަރައްގީގައި ދުވަހެއް ދުވަހަކަށް ކުރިއަރާފައިވާ ކަމެވެ.
ހެޔޮވެރިކަމެއްގެ އުސޫލުތައް ދުވަހެއް ދުވަހަކަށް ގޯސްވުމާ ބެހޭ ގޮތުން އިސްވެ ބަހުސްކުރެއްވިއްޖެއެވެ. ރާއްޖޭ ވާސިލުވެފައިވާ ތަރައްގީއާއި ހެޔޮވެރިކަން ދުވަހެއް ދުވަހަކަށް ގޯސްވެފައިވުމުގެ އިދިކޮޅު ދެ މިސްރާބުން އަންގައިދެނީ ސިޔާސަތުތައް ހިންގަމުންދަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫންކަމެވެ. އެހެން ނަމަވެސް، ރާއްޖެއަކީ އެއް ގޮތަކުން [ކުލީގެ ގައުމެކެވެ.] ކުލީގެ ގައުމަކީ އިގުތިސާދީ މާބޮޑު އުފެއްދުންތެރިކަމެއް ނެތި، ގައުމަށް ލިބިފައިވާ ކޮންމެވެސް ވަސީލަތަކުން ލީބޭ އާމްދަނީން ހިންގޭ ގައުމެކެވެ. މި ފަދަ ގައުމުތަކުގައި ރައްޔިތުންގެ އަތުން ނެގޭ ޓެކްސްއަކުން ދައުލަތުގެ ޚިދުމަތްތައް ހަމަޖެއްސުމުގެ ބަދަލުގައި ގިނަ ޚިދުމަތެއް ފޯރުކޮށްދެވޭނީ އެއްވެސް އުޖޫރައަކާ ނުލައި ނުވަތަ ސަބްސިޑީގެ އެހީއާ އެކު ކުޑަ އަގެއްގައެވެ. މީގެ ނަތީޖާއަކީ، ސިޔާސީ ގޮތެއްގައި ދައުލަތުން ކުރާ ޚަރަދުތަކަށް ރައްޔިތުންގެ ފާރަވެރިވުން ކުޑަވުމެވެ. ރާއްޖޭގައި ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. 2023ވަނަ އަހަރު ޖީ.ޑީ.ޕީގައި ފަތުރުވެރިކަމުގެ ހިއްސާއަކީ 18.7 އިންސައްތައެވެ. މިއީ ދެވަނައަށް އެންމެ ބޮޑަށް ހިއްސާވި ދާއިރާ ކަމުގައިވާ ހޯލްސޭލް/ރީޓޭލް ވިޔަފާރީގެ އިންސައްތައިގެ ދެގުނައެވެ.9 ދައުލަތުގެ މުއައްސަސާތައް ބަލިކަށިވެ، ހިންގުން ދޯދިޔާވި ނަމަވެސް ދައުލަތަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީން ސަރުކާރުތައް ބޭނުންވާ މަޝްރޫއުތައް ހިންގެއެވެ. ހެޔޮވެރިކަމުގެ އުސޫލުތައް ގޯސްވަމުންދިޔަ ނަމަވެސް، [ތަރައްގީ] ވަމުންދާކަމަށް ފެންނަނީ އެ ސަބަބަށް ޓަކައެވެ. ހެޔޮވެރިކަމުގެ އުސޫލުތަކަކީ އިގުތިސާދީ ފައިދާ އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ލިބުންކަމުގައި ވާއިރު، ހެޔޮވެރިކަމުގެ އުސޫލުތައް ދުވަހެއް ދުވަހަކަށް ގޯސްވުމަކީ އިގުތިސާދީ ފުރުސަތުތަކާއި، ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އޮތް ގޮންޖެހުމެކެވެ.
Francis Fukuyama, The Origins of Political Order: From Prehuman Times to the French Revolution (New York: Farrar, Straus and Giroux, 2011). ↩︎
ބަޔާންވެފައިވަނީ؛
ސަން.އެމްވީ.
އެމް.ޑީ.ޕީ، ނޫސްބަޔާން: ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފު ގަވާއިދެއް ހަދައިގެން، ވަކި ބަޔަކަށް އަދި ނުއަގުގައި ޕްރޮޖެކްޓްތައް ދިނުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރުން، 2025.
ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، [މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާއި ޙަވާލުކުރެއްވި ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ،] ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، 2025.
މިނިސްޓްރީ އޮފް ފިނޭންސް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު 2022.
https://www.finance.gov.mv/public/attachments/j7acJxmRhDODKKJrQuLivUtC3kFwXvdqt2gC5XY6.pdf ↩︎
ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، [ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވީ 922 މުވައްޒަފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފި،] ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، 2025.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް 2014-2018.
https://www.finance.gov.mv/public/attachments/enQYfxJf9iaOM1BCKZahCw73DpzTAAj3lX4igfzF.pdf ↩︎
ޔޫ.އެން.ޑީ.ޕީ. މަލްޓި ޑައިމެންޝަނަލް ޕޯވަރޓީ އިންޑެކްސް 2024.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެނުއަލް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް 2024. ↩︎