ސިޔާސީ މަސްރަހުގެ ޕާޓީތަކުގެ ދައުރަކީ މުހިންމު ދައުރެކެވެ. ސިޔާސީ ޕާޓީތަކުގެ ބޭނުމަކީ ރައްޔިތުން ސިޔާސީ ގޮތުން ހަރަކާތްތެރި ކުރުވުމެވެ. އެއީ ޖަމާއީ ގޮތެއްގައި އަޑު އުފުލުމާއި، ޖަމާއީ މަސްލަހަތުތައް ނެގެހެއްޓުމުގެ ވަސީލަތެއް ގޮތުގައެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ބަލާއިރު، އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ކަނޑައެޅިގެން ވަކި ފިކުރެއްގެ ސިޔާސަތުތަކެއް ލިބިގެންވާ ޕާޓީތަކެއް ވާކަމަށް ބަޔާންކުރުމަކީ އުނދަގޫ ކަމެކެވެ. މިކަން ދެނެގަތުމަށް ޕާޓީތަކުގެ މެނިފެސްޓޯތަކާއި، އެ ޕާޓީތަކަށް ސިޔާސަތު ކަނޑައެޅުމުގެ ބާރުވެރިކަން ލިބިގެންވާ އިރު ސިޔާސަތުތައް ބައްޓަންވާ ގޮތް ތަހުލީލުކުރަންޖެހެއެވެ. މިހާތަނަށް ޕާޓީގެ ހަރަކާތްތެރިކަން ފެނިފައިވަނީ އިދިކޮޅު ހަރަކާތެއް ގޮތުގައި، ބަދަލަކަށް މަސައްކަތްކުރާ ހަރަކާތެއް ގޮތުގައެވެ. ސިޔާސަތުތަކަކަށް ވުރެ ބޮޑަށް މަޝްރޫއުތަކެއްގެ ޕާޓީތަކެއް ގޮތުގައެވެ. އެހެން ނަމަވެސް، ސިޔާސީ ޕާޓީތައް ދިވެހި ސިޔާސީ މަސްރަހުގައި އަދާކުރާ ދައުރަކީ ވަރަށް މުހިންމު، ބޭނުންތެރި ދައުރެކެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ދައުރު ފުޅާކޮށް، ޕާޓީތައް ހަރުދަނާކުރަންޖެހެއެވެ.
ސިޔާސީ ޕާޓީތަކަކީ މިހާރު އޮންނަ ގޮތުން، އިންތިޚާބުތަކުގައި ކެންޑިޑޭޓުން ވާދަކޮށް، އިންތިޚާބުތައް ކާމިޔާބުކުރުމުގެ ވަސީލަތެކެވެ؛ ހަމައެކަނި ވަސީލަތެކެވެ. މި ފޮތުގެ މައުލޫއަށް ބަލާއިރު، ސިޔާސީ ޕާޓީތައް ހަރުދަނާކޮށް، ސިޔާސީ މަސްރަހުގައި ޕާޓީތަކުގެ ބައިވެރިވުން އޮތުމުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ ފުރަތަމަ ކަމަކީ، ސަރުކާރު ހިންގުމުގައި ޕާޓީތަކުގެ މެދުގައި އިއްތިފާގުވުމުގެ ތެރެއިން ސިޔާސަތުތައް ކަނޑައެޅުމެވެ. ދެވަނަ ކަމަކަށް ސިޔާސީ މަސްރަހުގައި ސިޔާސަތު ހިންގުމުގައި ވީހާވެސް ފުޅާ ދައުރެއް ޕާޓީތަކަށް އޮންނަންޖެހެއެވެ. ބަރުލަމާނީ ނިޒާމަކީ އިއްތިފާގުގެ ނިޒާމަކަށް ވާއިރު، އިއްތިފާގު ގޮތެއްގައި ސިޔާސީ މަސްރަހު ދެމެހެއްޓޭނީ އެކަމަށް އެކަށީގެންވާ މިންގަނޑަކަށް ސިޔާސީ ޕާޓީތައް ހަރުދަނާ ކުރެވިގެންނެވެ. އެހެންނަމަވެސް، ސަރުކާރު ހިންގުމާއި ސިޔާސީ މަސްރަހުގައި މި ފަދަ ބޮޑު ދައުރެއް ޕާޓީތަކަށް ދޭއިރު، ޕާޓީތަކުގެ ބައްޓަން އިސްލާހުކުރުމަށް ބައެއްކަންކަން ގާނޫނުން ހަމަޖައްސަންޖެހެއެވެ.
ސިޔާސީ ޕަޓީތަކުން ރައްޔިތުންނަށް ހަގީގީ ބައިވެރިވުމެއް ލިބޭނީ، ސިޔާސީ ޕާޓީ ވުޖޫދުވުމުގެ ސަބަބެއް އޮވެގެންނެވެ. މިހާރު ނިޒާމު އޮންނަ ގޮތުން އަބަދު ވެސް އޮންނަނީ ސަރުކާރުގައި ތިބޭ ބަޔަކާއި އިދިކޮޅު ބައެކެވެ. ކޮންމެ ގޮތަކުން ވެސް އިންތިޚާބުގައި އަޣުލަބިއްޔަތު ހޯދަން މަޖުބޫރުވެފައި ވާތީ، އެ ޕާޓީތަކުން، ނުވަތަ ޕާޓީން ވައުދުވާ ކަންކަމަކީ، އެއްވެސް ސިޔާސަތުގެ ވިސްނުމެއް ނެތި، އެއްވެސް މަސްލަހަތެއް ނެތި (ކޯޒް) ނެތި، ހަމައެކަނި މަޝްރޫއުތަކެކެވެ. އިއްތިފާގީ ނިޒާމެއްގައި، އެއް ޕާޓީއަކުން، އަޣުލަބިއްޔަތު ހޯދަން ލާޒިމެއްނޫނެވެ. އަދި، ހުރިހާ ކަމެއް ވައުދުވާކަށް ވެސް ލާޒިމެއް ނޫނެވެ. ވަކި މަސްލަހަތަކަށް ޚާއްސަވެ، ވަކި ދާއިރާ ދާއިރާއަކުން ނުވަތަ އެ މަސްލަހަތަކަށް ޝައުގުވެރިވާ ރައްޔިތުންގެ ވޯޓާ އެކު، އަޣުލަބިއްޔަތާނުލައި ވެސް ސަރުކާރު ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. މީގެ މިސާލަކީ، މަސައްކަތްތެރިންގެ ހައްގުތަކަށް ޚާއްސަވެފައިވާ ޕާޓީން، ހުރިހާ ދާއިރާއެއްގެ ހުރިހާ ވައުދެއް ވުން ލާޒިމު ނުވުމެވެ. އެ ފަދަ ޕާޓީއަކުން، މަސައްކަތްތެރިންގެ ވޯޓާ އެކު މަޖިލީހުގެ މައިނޯރިޓީއެއްގެ ގޮތުގައި، މަޖިލީހަށް އިންތިޚާބުވެދާނެއެވެ. ދެން، ސަރުކާރު އެކުލަވައިލުމަށް ކޯލިޝަން ހެދުމަށް ބޭނުންވާ ޕާޓީއަކަށް މަޖުބޫރުވަނީ، މަސައްކަތްތެރިންގެ ޕާޓީގެ ރުހުން ނުވަތަ ތާއީދު ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ބޭނުންނަމަ، އެ ޕާޓީގެ ސިޔާސަތުތައް ސަރުކާރުން ހިންގުމަށް އެއްބަސްވުމެވެ. ނަޒަރީ ގޮތެއްގައި އިއްތިފާގީ ނިޒާމެއް މަސައްކަތްކުރާނީ މި ބައްޓަމަށެވެ.
ސިޔާސީ ޕާޓީތައް އިސްލާހުކުރުމަށް ކުރަންޖެހޭ ބައެއް ކަންކަން
(ހ) ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މާލީ އެހީ ދޭ އުސޫލު ބަދަލުކޮށް، މެންބަރުންގެ އަދަދަށް ކޮންމެވެސް މިންވަރެއްގެ މާލީ އެހީ ދިނުމާ އެކު، މަޖިލީހުގެ ގޮނޑި ކާމިޔާބުވާ ނިސްބަތަކުން މާލީ އެހީ ދިނުން:
މިހާރު ސިޔާސީ ޕާޓީގެ ގާނޫނުގައި އޮންނަ ގޮތުން، ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުންނެވެ. ސިޔާސީ ޕާޓީއަކީ އެއްވެސް ބައެއްގެ އާމްދަނީގެ މަސްދަރުކަމުގައި ވެގެންނުވާނެއެވެ. ސިޔާސީ ޕާޓީ ވާންވާނީ ހަގީގަތުގައި ސިޔާސީ މަސްރަހުގައި ހަރަކާތްތެރި، އަދި އެކަމުގެ ސަބަބުން ރައްޔިތުން ބަލައިގަންނަ، އަދި އެކަމުގެ ނަތީޖާގެ ގޮތުގައި ސިޔާސަތުތަކުގެ ބައިވެރިވުމުގެ ފުރުސަތު އޮންނަ ބަޔަކަށެވެ. ސިޔާސީ ޕާޓީގެ ކާމިޔާބީއަކީ އެ ޕާޓީއަކުން މަޖިލީހުގައި ބައިވެރިވުމަށް،ރައްޔިތުން ޕާޓީއަށް ވޯޓު ދިނުމެވެ. އެހެންކަމުން، ޕާޓީތަކަށް އެންމެ އިންސާފުވެރި ގޮތަކަށް ދައުލަތުން މާލީ އެހީ ދެވޭނެ ގޮތަކީ، މިހާރު އޮންނަ ގޮތަށް މެންބަރުންގެ އަދަދުގެ މައްޗަށް ބިނާވެ މާލީ އެހީ ދިނުމުގެ ބަދަލުގައި، މަޖިލީހުގައި ތަމްސީލުކުރާ ނިސްބަތެއްގެ މައްޗަށް މާލީ އެހީ ދިނުމެވެ. މި އުސޫލު ކާމިޔާބު ވާނީ ބަރުލަމާނީ ނިޒާމު ފަދަ ކުދި ޕާޓީތަކަށް ފުރުސަތު އޮންނަ ނިޒާމެއްގައެވެ. ރިޔާސީ ނިޒާމެއްގައި ދިވެހި ތަޖުރިބާއިން ފެންނަން އޮތީ ކޮންމެ ގޮތެއްގައި ވެސް ކުދި ޕާޓީތަކުގެ ދައުރު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާ ތަނެވެ.
(ށ) ސިޔާސީ ޕާޓީތަކުގެ މުހިންމު މަގާމުތަކާއި ކެންޑިޑޭޓުންނަކީ އާންމު މެންބަރުން އިންތިޚާބުކުރާ ބަޔަކަށް ހެދުން ލާޒިމުކުރުން:
ޕާޓީތައް ވާންވާނީ ވަކި ސިޔާސީ މަސްލަހަތެއް ހާސިލުކުރުމަށް މަސައްކަތްކުރާ ޖަމާއީ ހަރަކާތަކަށެވެ. މި އުސޫލުގެ ދަށުން، އެއްވެސް ޕާޓީއަކީ ވަކި މީހެއްގެ މިލްކެއް ގޮތުގައި، އޭނާގެ ސިޔާސީ މަސްލަހަތަށް، ނުވަތަ [ކަލްޓް]ގެ ގޮތުގައި އޮންނަ ހަރަކާތަކަށް ވެގެންނުވާނެއެވެ. ޕާޓީ ވުޖޫދުވުމުގެ ސަބަބަކަށް ވާންވާނީ ސިޔާސަތެވެ. އިއްތިފާގީ ނިޒާމެއްގައި ސިޔާސީ ބެލެންސަކީ އެ ނިޒާމުގެ ޖައުހަރަށް ވާއިރު، މި ބެލެންސް ދެމެހެއްޓުމަށް، ރައްޔިތުން ނިންމާ ގޮތް ހުރިހާ ގިންތިއެއްގައި އޮތުން ލާޒިމެވެ. އެ ގޮތުން، އެންމެ އަސާސީ ގިންތިއަކީ، ސިޔާސީ ޕާޓީއެއްގެ މުހިންމު މަގާމުތަކާއި އެ ޕާޓީން ބައިވެރިވާ އިންތިޚާބުތަކަށް ކެންޑިޑޭޓުން އައްޔަންކުރުމުގެ މަރުހަލާއެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގެ މުހިންމު މަގާމުތަކާއި އެ ޕާޓީން ބައިވެރިވާ އިންތިޚާބުތަކަށް ކެންޑިޑޭޓުން އައްޔަންކުރަންވާނީ ޕާޓީގެ އެތެރޭގެ އިންތިޚާބަކުން ކަން ކަނޑައަޅަންޖެހެއެވެ. އަދި މިކަންކަމަކީ ޕާޓީގެ ގަވާއިދުތަކުގައި ކަނޑައެޅިފައި އޮންނަ ކަމެއް ގޮތުގައި ގާނޫނުގައި ބަޔާންކުރަންޖެހެއެވެ. ބައިނަލްއަޤުވާމީ ގޮތެއްގައި ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމުގައިވާ، [ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް] އިން ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ތަރައްގީކުރުމަށް ހުރި ހުރަސްތަކާއި ފުރުސަތުތަކާ ބެހޭ ގޮތުން ކުރި ދިރާސާއެއްގައި ވެސް އިސްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އެތެރެ ޑިމޮކްރަސީގެ އުސޫލުން ހިންގުން ފާހަގަކޮށްފައިވާ ކަމެކެވެ.1
(ނ) މަޖިލިސް އިންތިޚާބުގައި ވަކި ސަރަހައްދުތަކަށް ނިސްބަތްވާ ޕާޓީތަކަށް ހުއްދަ ދިނުން:
ވީހާ ވެސް ގިނަ ރައްޔިތުން މާނަހުރި ގޮތެއްގައި ސިޔާސީ މަސްރަހުގައި ބައިވެރިކުރެވޭނީ، ޕާޓީތައް ދާއިރާތަކަށް ޚާއްސަވެގެންނެވެ. އެއް ދާއިރާއަކީ، ޖޯގުރަފީގޮތުންނެވެ.ސިޔާސީ ޕާޓީގެ ގާނޫނު މިހާރު އޮންނަ ގޮތުން، ޕާޓީގެ ނަމުގެ ގޮތުގައި ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމެނުމަކީ މަނާ ކަމެކެވެ. ސިޔާސީ ޕާޓީތަކަކީ ގައުމީ ހަރަކާތްތަކެއް ގޮތުގައި އޮތުމުގެ ވަކި ސަބަބެއް އޮވެދާނެއެވެ. އެންމެ މުހިންމު ސަބަބަކީ ގައުމު ބައިބައިވެ، ގައުމުގެ ސިޔާސަދަތަށް ލޮޅުން އަންނާނެ ހާލަތަށް ސިޔާސީ ހަރަކާތްތެރިކަން ނުދިޔުމެވެ. އެހެން ނަމަވެސް، ދިވެހިރާއްޖެ ފަދަ، ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމުމުގެ އިންތިޒާމު ތަރައްގީކުރެވޭ ގައުމެއްގައި، އަދި އިޖުތިމާއީ ގޮތުން އެއްބައެއް ހިމެނޭ ގައުމެއްގައި (ހޮމޮޖީނަސް) ސިޔާސީ ޕާޓީތައް ވަކި ސަރަހައްދުތަކަކަށް ނިސްބަތްވުމަކީ ހާސިލުކުރަން ބޭނުންވާ ސިޔާސީ މަސްލަހަތަށް ބަލާއިރު ކުރަންޖެހޭ ކަމެކެވެ. އެ މަސްލަހަތަކީ، ރައްޔިތުންގެ ސިޔާސީ ބައިވެރިވުން ވީހާ ވެސް ގާތުގައި އުފައްދައި، ލާމަރުކަޒީ ނިޒާމަށް ފަހިވާނެ ފަދަ ގޮތަކަށް ސިޔާސީ ހަރަކާތްތެރިކަން ކުރިއެރުވުމެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ސިޔާސީ ހަރަކާތްތައް އުފެދި، ލާމަރުކަޒީ އިންތިޒާމަކަށް ވަކާލާތުކުރުމެވެ. ލާމަރުކަޒީ ނިޒާމެއްގައި ވެސް، ސަރަހައްދީ ސިޔާސީ މަސްރަހުގައި އެންމެ މުހިންމު ވާނީ ސިޔާސީ ވާދަވެރިކަމެވެ. ސިޔާސަތު އިސްލާހުގެ މަގުގައި ހިންގުމުގެ މަގަކީ ސިޔާސީ ވާދަވެރިކަމެވެ.
(ރ) އިންތިޚާބީ ދާއިރާތަކުންނާއި ޕާޓީތަކަށް ލިބޭ ގޮނޑިން ރައްޔިތުންގެ މަޖިލިސް އެކުލަވައިލުން:
ޕާޓީތަކުގެ ދައުރު ހަރުދަނާކުރުމަށް، މަޖިލީހުގައި ޕާޓީތަކަށް ލިބިގެންވާ ބާރުވެރިކަން ފެންނާނެ ގޮތަކަށް މަޖިލިސް އިންތިޚާބުކުރަންޖެހެއެވެ. އެ ގޮތަކީ، މިހާރު އޮންނަ ގޮތަށް، މަޖިލީހުގެ އެއްބަޔަކީ އިންތިޚާބީ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުވާ ބައެއްގެ އިތުރުން، މަޖިލީހުގެ އަނެއްބައި ޕާޓީތަކުން އައްޔަންކުރާ މެންބަރުންނަށް ހެދުމެވެ. އެހެންކަމުން، އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ޖެހޭނީ، މި ދެބަޔަށެވެ. އެއީ، ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އެ ރައްޔިތަކު އިޚުތިޔާރުކުރާ ކެނޑިޑޭޓަކަށް ދޭ ވޯޓަކާއި، އަދި މަޖިލީހުގައި ބައިވެރިވާން އެދޭ ޕާޓީތަކުން ކުރެ، އެ ރައްޔިތަކު އެދޭ ޕާޓީއަކަށް ދޭ ވޯޓެކެވެ. ޕާޓީތަކުން މި ގޮނޑިތަކަށް މެންބަރުން އައްޔަންކުރަންވާނީ، އިންތިޚާބުގެ ކުރިން އިއުލާނުކޮށްފައިވާ ލިސްޓެއްގައި އޮންނަ ތަރުތީބަކުންނެވެ. ޕާޓީތަކަށް ޚާއްސަ ގޮނޑިތަކުން މަޖިލީހަށް ވަންނަ މެންބަރުންނަކީ ވަކި ދާއިރާ ތަކަކަށް ނިސްބަތްނުވާ މެންބަރުންނެވެ. ޕާޓީތަކަށް މަޖިލީހުގެ ގޮނޑިތައް ބަހާނީ، ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތުންނެވެ. ޕާޓީތަކަށް ޚާއްސަވާ ގޮނޑި އެ ޕާޓީއަކަށް ލިބޭނީ ޖުމުލަ ވޯޓުގެ ވަކި އިންސައްތައެއް އެ ޕާޓީއަކަށް ލިބިގެން ކަމުގައި ކަނޑައެޅުމަކީ ނިޒާމު އިސްތިޤުރާރުކުރުމަށާއި، އިންތިޒާމުވެގެންވާ ގޮތެއްގައި ސިޔާސަތު ހިންގުމަށް މުހިންމު ކަމެކެވެ.
އިންތިޚާބީ ދާއިރާތަކުން ވަކި ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބުކުރުމުގެ ބޭނުމަކީ ލާމަރުކަޒީ ނުފޫޒު ދަމަހައްޓައި، ސަރަހައްދީ އަޑުތައް މަޖިލީހުގައި ދެމެހެއްޓުމެވެ. ޕާޓީތަކަށް ޚާއްސަ ގޮނޑި މަޖިލީހުގައި ކަނޑައެޅުމަކީ އިއްތިފާގުގެ ނިޒާމެއްގައި ސަރުކާރެއް އެކުލަވައިލުމުގައި މުހިންމކަމެކެވެ. އެހެންކަމުން، މަޖިލީހުގައި ޕާޓީއަކަށް ކާމިޔާބުވާ ގޮނޑިތައް ކަނޑައެޅޭނީ، ވަކި ދާއިރާތަކުން އެ ޕާޓީގެ ފަރާތުން ކުރިމަތިލައި، އިންތިޚާބުވާ ކެންޑިޑޭޓުންނާއި، ޕާޓީއަށް ވޯޓު ލިބޭ އިންސައްތައިން ޕާޓީއަށް ލިބޭ ގޮނޑީގެ އަދަދުންނެވެ. ސަރުކާރު އެކުލަވައިލުމުގައި އޮންނަ ހިއްސާ ކަނޑައެޅޭނީ ޕާޓީގެ ޖުމުލަ ބާރުވެރިކަން މަޖިލީހުގައި އޮންނަ ގޮތެއްގެ މަތިންނެވެ.
މި ބަދަލާ އެކު [އަތޮޅުވެރިކަން] ދަމަހައްޓައި ސަރަހައްދީ ސިޔާސީ ވާދަވެރިކަން ކުރިއަރުވައި، އަޅޮޅުވެރިކަމުގެ ރޫހު ދެމެހެއްޓުމަށް، މިހާރު އިންތިޚާބީ ދާއިރާތަކެއްގެ ގޮތުގައި އަތޮޅުތައް ބައިބައިކޮށް ދާއިރާތަކެއް ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަދި އާބާދީގެ ނިސްބަތުން މެންބަރުންގެ އަދަދު ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅަކުން ވަކި އަދަދެއްގެ މެންބަރުން އިންތިޚާބުކުރަންޖެހެއެވެ. މި ހާލަތުގައި މާލެ ސަރަހައްދު ވަކި ދާއިރާއެއް ގޮތުގައި ކަނޑައެޅިދާނެއެވެ.2
National Democratic Institute for International Affairs, [Assessment of the Opportunities and Challenges to the Development of Political Parties in the Maldives,] draft report, December 7, 2004, old.mvlaw.gov.mv. ↩︎
ވޯޓުލުމުގެ ހައްގު ވެސް ހަގީގަތުގައި އޮންނަންވާނީ އެ ރައްޔިތަކު އިސްތިޤުރާރުވެގެން ދިރިއުޅޭ ތަނަކަށެވެ. ދާއިމީ އެޑްރެސް އޮންނަ ތާކަށް ނޫނެވެ. އެ ތަނެއްގެ ސިޔާސަތުތަކާއި، ސިޔާސީ ނިންމުންތަކުގެ އަސަރުކުރާ ރައްޔިތަކަށް، އަދި އިސްތިޤުރާރުވެގެންވާ ގޮތުގައި އެ ތަނެއްގައި ދިރިއުޅޭ ތައްޔިތަކަށް އެތަނަކަށް ވޯޓުލުމުގެ ހައްގު އޮންނަންވާނެއެވެ. އެހެންކަމުން، ދިގުމުއްދަތަށް ރާއްޖޭ ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވޯޓުލުމުގެ ހައްގެއް ނޯންނާނެއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭނަމަ، ދިވެހިރާއްޖޭގައި ހިނގާ ސިޔާސަތަކުން މާބޮޑު އަސަރެއްނުކުރާނެއެވެ. ↩︎