ގާނޫނުއަސާސީއެއްގެ ބޭނުމަކީ ނިޒާމެއް ކަނޑައެޅިގެންވާ ގޮތެއްގައި ހިންގުމެވެ. ގާނޫނުއަސާސީގެ އެންމެ މުހިންމު މަސައްކަތަކީ ކަންތައްތަކެއް ޔަގީންކޮށްދިނުމެވެ. ނިޒާމުން ކަމެއް ގެރެންޓީކޮށްދިނުމެވެ. ގާނޫނުއަސާސީން ގެނެވިފައިވާ ރިޔާސީ ނިޒާމުގެ ސަބަބުން، ގައުމުގެ ސިޔާސީ މަސްރަހު ހިނގަމުންދަނީ ބުރެއްގައި، ދެ އޮއިވަރެއްގެ މެދުގައެވެ. ބުރެއްގެ ތެރޭގައި މި ދެ އޮއިވަރު ބަދަލުވާ ކޮންމެ ފަހަރަކު ދައުލަތުގެ މުހިންމު މުއައްސަސާތަކާއި، މާލިއްޔަތާއި، ޚަރަދުތަކާއި، ސިޔާސަތުތަކާއި، މަޝްރޫއުތަކަށް ބޮޑެތި ލޮޅުންތަކެއް އާދެއެވެ. އެއްވެސް ކަމެއްގައި، ޚާރިޖީ ސިޔާސަތު ވިޔަސް، ދެމެހެއްޓެނިވި ހިންގުމަކީ އުނދަގޫ ކަމެކެވެ.
ދިވެހި ސިޔާސީ މަސްރަހުގައި އޮތް ހުދުމުޚުތާރުކަމާ މެދު ވިސްނާ އިރު، 2008ގެ ފަހުން ހުދުމުޚުތާރުކަން ނިމުމަކަށް އައިސްފައިވާ ކަމަށް ދުށުމަކީ ސިޔާސީ ވިސްނުމަކުން ގޯހެކެވެ. ސިޔާސީ ވާދަވެރިކަން ނެތުމާއި، އެއްވެސް ގާނޫނީ ހުއްޖަތެއްނެތި މީހުން ހައްޔަރުކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމަކީ ހުދުމުޚުތާރު ވެރިކަމެއްގެ ހަމައެކަނި ސިފަތަކެއް ނޫނެވެ. ހުދުމުޚުތާރުކަމަކީ ވަކި މީހަކަށް ލިބިފައި އޮންނަ ހުދޫދެއް ނެތް ބާރުވެރިކަމަކުން ވެރިކަން ހިގުމަކީވެސް ހުދުމުޚުތާރުނިޒާމެކެވެ؛ ތިމާއަށް ފެންނަ ގޮތަކަށް ވެރިކަން ހިންގުމުގެ ނިޒާމެވެ. ސިޔާސީ ވާދަވެރިކަން ނެތުމާއި، އެއްވެސް ގާނޫނީ ހުއްޖަތެއްނެތި މީހުން ހައްޔަރުކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމަކީ ހުދުމުޚުތާރުކަމުގެ ސަބަބުން އިންސާނީ ހައްގުތަކުގެ މަންހަޖަށް ލިބޭ ގެއްލުމެވެ. އޭގެ އިތުރަށް، އިދާރީ ހިންގުމުގައި އޮންނަ ހުދުމުޚުތާރުކަމަކީ ވެސް ހުދުމުޚުތާރުކަމުގެ އަސާސީ މާނައިގައި ހިމެނޭ ހުދުމުޚުތާރުކަމެވެ.
2008ގެ ކުރިން ވެސް ހުދުމުޚުތާރުކަމެވެ. 2008ގެ ފަހުން ވެސް ހުދުމުޚުތާރުކަމެވެ. ހަގީގަތުގައި ނުރައްކަލީ 2008ގެ ފަހުގެ [ހުދުމުޚުތާރުކަމެވެ.] މިކަމުގައި ވަރަށް ގިނަ ސަބަބުތައް ވެއެވެ. އެއް ސަބަބަކީ، 2008ގެ ފަހުގެ ހުދުމުޚުތާރުކަމަކީ ސިޔާސީ ގޮތުން އަދި ގާނޫނީ ގޮތުން ގަބޫލުކުރެވިފައިވާ (ޖަސްޓިފައިކުރެވިފައި) ހުދުމުޚުތާރުކަމަކަށް ވުމެވެ. 2008ގެ ކުރީގެ ހުދުމުޚުތާރުކަން ގަބޫލުކުރެވިފައި ނުވަނީ، ސިޔާސީ ވާދަވެރިކަމަށް ޖާގަދެވިފައި ނެތުމުންނެވެ؛ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމުންނެވެ؛ ހައްޔަރުވާ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޚަބަރެއް ނުވާތީއެވެ. ނަމަވެސް، 2008ގެ ފަހުގެ ހުދުމުޚުތާރުކަން ހުއްދަކުރެވިފައިވަނީ މިހުރިހާ ކަންކަމެއް އިސްލާހުކުރެވި، ޒަމާނީ ޑީމޮކްރަސީގެ އުސޫލުން ހިނގާ ސަރުކާރެއް ގޮތުގައެވެ. ދެވަނަ ސަބަބަކީ، 2008ގެ ފަހުގެ ހުދުމުޚުތާރުކަމަކީ އެއްވެސް މީހަކާ ގުޅުން ހުރި، އަދި އެއްވެސް މީހެއްގެ ސިފައެއްނޫނެވެ. ނަމަވެސް، ނިޒާމު އަތުރާލެވިފައި އޮންނަ ގޮތުން، ތަންފީޒީ ބާރާ ހަވާލުވާ ކޮންމެ މީހަކު މަސައްކަތްކުރަންޖެހޭ ވެށީގެ ސިފައެކެވެ. ސިޔާސީ ވާދަވެރިކަން އޮތް ނަމަވެސް، ހުދުމުޚުތާރުކަމުގެ ސިފަ ސަރުކާރު ހިންގުމުގައި އޮންނަނީ އެ ސަބަބަށް ޓަކައެވެ.
މި ފަދައިން ހިނގާ ސަރުކާރަކީ ރައްޔިތުންގެ ބައިވެރިވުމާ އެކު ހިނގާ ސަރުކާރެއް ކަމާމެދު ސުވާލު އުފެދެއެވެ. ރައްޔިތުންނަށް އޮންނަ ހަމައެކަނި އިޚުތިޔާރަކީ ސަރުކާރެއް އިންތިޚާބުކުރުމަށް ވޯޓެއް ދިނުމެވެ. ދެން އަންނަ އިންތިޚާބަކާ ޖެހެންދެން ބޭނުންވާ ކަމެއް، ބޭނުންވާ ގޮތަކަށް ކުރުމުގެ ފުރިހަމަ ބާރުވެރިކަން، އެއްވެސް ހުދޫދެއް ނެތި ސަރުކާރަކާ ހަވާލުވާ ބަޔަކަށް ލިބިފައިވެއެވެ.
މިކަމުގައި ސިޔާސީން ކުށްވެރިކުރުމަކީ އިންސާފެއްނޫނެވެ. ރައްޔިތުން ކުށްވެރިކުރުމަކީ ވެސް އިންސާފެއްނޫނެވެ. ދެ އޮއިވަރު ކުށްވެރިކުރުމަކީ ވެސް އިންސާފެއްނޫނެވެ. ހަގީގަތުގައި މިއިން ކޮންމެ ބައެއްގެ ސުލޫކު ބައްޓަންވެފައިވަނީ ނިޒާމުގެ އުސޫލުތަކުގެ މައްޗަށެވެ. ކޮންމެ ބަޔަކު ވެސް މަސައްކަތްކުރަނީ ނިޒާމުގެ އުސޫލުތަކަށް ތަބާވެއެވެ. ކުރިން ބަޔާންކުރެވުނު ވަށްބުރަކީ ނިޒާމުގެ ނަތީޖާއެވެ. ނިޒާމުގައި، ސިޔާސީން އެބައިމީހުންގެ މަސްލަހަތު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އުފެދިފައވާ ބުރެކެވެ. އެހެންކަމުން، މިނޫން ގޮތަކަށް ނިޒާމު މަސައްކަތްކުރާނީ، އެ ނިޒާމުގެ އުސޫލުތައް ބަދަލުކޮށްގެންނެވެ.
މި ފޮތުގައި ބަހުސްކުރެވޭ ދެ ނިޒާމު ކަމުގައިވާ ބަރުލަމާނީ ނިޒާމާއި ރިއާސި ނިޒާމުގެ އަޞްލުތައް ދެނެގަތުމަށް އެ ދެ ނިޒާމު ނިސްބަތްވާ ސިޔާސީ މުޖުތަމައުތަކަށް އަލިއަޅުވައިލެވި، ނިޒާމީ ސިފަތަކެއް ބަހުސްކުރެވިއްޖެއެވެ. މީގެ އިތުރުން ދިވެހި ސިޔާސީ ނިޒާމު މިހާރު ބިނާވެފައިވާ އަސާސްކަމުގައިވާ ރިޔާސީ ނިޒާމުގައި ސިޔާސީ މަސްރަހު، އޭގެ ހުރިހާ ބައިތަކަކާ އެކު، ހިންގުމާއި، އެކަންކަމުގެ ނަތީޖާތަކާ ގުޅޭ ގޮތުން ބަހުސްކުރެވިއްޖެއެވެ. މި ބައިގައި ބަހުސްކުރާނީ ނިޒާމު އިސްލާހުކުރުމާ ބެހޭ ގޮތުންނެވެ. އަޅުގަނޑުމެން ސިޔާސި ބަހުސްކުރަން ވާނީ، ނުވަތަ ނިޒާމީ މައްސަލަތަކާ މެދު ބަހުސްކުރަން ވާނީ “ޔޫޓޯޕިއަން] ވިސްނުމާ ދުރުން، ވީހާވެސް ޕުރެކްޓިކަލް ވިސްނުމަކުންނެވެ. އެ ގޮތުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ނިޒާމަކުން ތަނެއް އެއްކޮށް އިސްލާހުވެ، ފަސާދަ ނެތިގެނެއްނުދާނެ ކަމެވެ. ނިޒާމެއް އެކަށައެޅުމުގެ ބޭނުމަކީ، އެ ނިޒާމެއްގެ ތެރޭގައި ހިމެނޭ އެންމެހައި ބައިތަކަށް، އޭގެ ދައުރު އެންމެ ފަހިކޮށް އަދާކުރެވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމެވެ.
ދައުލަތް ހިންގުމުގެ ނިޒާމެއް ޚިޔާރުކުރުމުގައި، މަގުސަދަކަށް ވާންވާނީ، ނުވަތަ ކުރެވެންޖެހޭ ސުވާލަކީ، ތިމާމެން ބޭނުންވަނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ އެއްނޫނެވެ؛ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމު ބައްޓަންވާންޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކަށައަޅަންޖެހޭ އިޖުރާއާތުތަކުގެ ތެރެއިންނެވެ. ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކަށައަޅަންޖެހޭ އިޖުރާއާތުތައް ކަނޑައަޅާ އިރު، އެއީ ރިޔާސީ ނިޒާމަކަށް ވެސް އަދި ބަރުލަމާނީ ނިޒާމަކަށް ވެސް ވެދާނެއެވެ. އެ ދެ ނިޒާމުގެ އަސާސީ ސިފަތަކެއް ހިމެނޭ ނިޒާމަކަށް ވެސް ވެދާނެއެވެ. މިކަން ނިންމާނީ އެ ވެށްޓެއްގައި ސިޔާސީ މަސްރަހު އޮންނަ ގޮތެއްގެ މައްޗަށް ބިނާވެއެވެ.
[މަޖިލީހުގެ ނިޒާމަކަށް]
މަޖިލީހުގެ ނިޒާމަކީ1 މިހާރުގެ ރިޔާސަތުގެ ބަދަލުގައި މަޖިލީހުގެ ތެރެއިން، އިއްތިފާގީ ގޮތެއްގައި ސަރުކާރު އެކުލަވައިލައި، ހިންގުމުގެ ނިޒާމެވެ. މިއީ އެކަކަށް ފެންނަ ގޮތަށް މުޅި ސަރުކާރު ހިންގުމުގެ ބަދަލުގައި، ގިނަ ބައެއްގެ ބައިވެރިވުމާ އެކު، އަދި އަޣުލަބިއްޔަތުގެ ބަދަލުގައި، ތަފާތު ޚިޔާލުތަކުގެ ގިނަ ބައެއްގެ މެދުގައި އޮންނަ ވާދަވެރިކަމެއްގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމެވެ. ދިވެހި ސިޔާސީ ތާރީޚުގައި އިސްތިސްނާ ޙާލަތްތަކެއްގައި، ޚާއްސަ ގޮތެއްގައި އެކެއްގެ އަތުގައި ހުރިހާ ބާރުތަކެއް ޖަމާވެފައިވާ ޙާލަތްތަކެއްގައި މެނުވީ، ވެރިކަން ހިންގާފައިވަނީ ކޮންމެވެސް ގޮތަކަށް އެކުލަވައިލެވޭ މަޖިލީހަކުން ނުވަތަ ކޮމިޓީއަކުންނެވެ. ތާރީޚުގެ ބޮޑު ބައެއްގައި، ސިޔާސި މަސްރަހުގައި އޮތް ވާދަވެރިކަން ހަންމަތަކޮށް އިންތިޒާމު ކުރެވިފައިވަނީ، ބާރުތައް ބައެއްގެ އަތްމައްޗަށް ބަހާލުމުގެ ނިޒާމަކުންނެވެ. އެކެއްގެ އަތަށް ހުރިހާ ބާރުތަކެއް އަރާފައިވާ ހުރިހާ ޒަމާނެއްގައި ވެސް ފެންނަނީ މަޖިލީހަކުން ސިޔާސަތުތައް ހިންގުމުގެ ބާރުތައް ނަގައި، އެކެއްގެ އަތުގައި ހުރިހާ އިޚުތިޔާރެއް ޖަމާވެފައިވާ ތަނެވެ. މަޖިލީހުގެ ނިޒާމަކަށް ދިޔުމުގައި ވެސް އޮތް ހުރަހަކީ މިހާރު އެކެއްގެ އަތުގައި ސަރުކާރު ހިންގުމުގެ ބާރުތައް ޖަމާވެފައިވުމެވެ. ހޯސޭ އަންޓޯނިއޯ ޝޭބުބް ބަޔާންކުރާ ގޮތުގައި، ރިޔާސީ ނިޒާމުތަކުގައި މައްސަލައަކީ، ނިޒާމީ ގޮތެއްގައި އެ ނިޒާމުގައި ހުރި މައްސަލަތަކެއްނޫނެވެ. ނަމަވެސް، ރިޔާސީ ނިޒާމު އޮންނަ މުޖުތަމައުތަކަކީ ޑިމޮކްރަސީއަށް ރައްކާތެރިނޫން މުޖުތަމައުތަކަށްވުމެވެ.2 ޝޭބުބްގެ މި ތަހުލީލަކީ ހަގީގަތާ ހިލާފު ތަހުލީލަކަށް ނުވެދާނެއެވެ. ނަމަވެސް، މީގެ އިދިކޮޅަށް ވިސްނުމުން ފެންނަ ހަގީގަތް މާ ހަރުދަނާ ކަމަށް ފެނެއެވެ. އެއީ، [ޑިމޮކްރަސީއަށް ރައްކާތެރިނޫން މުޖުތަމައުތަކުން އިޚުތިޔާރުކުރަނީ ރިޔާސީ ނިޒާމެވެ.]
މަޖިލީހުގެ ނިޒާމެއް ތަބައްނީ ކުރުމަކީ، އެކެއްގެ އަތުގައި ހުރި ބާރުތައް ގިނަ ބައެއްގެ މެދުގައި އޮންނަ ނިޒާމަކަށް ވާއިރު، އަތުގައި ހުރި ބާރުތަކެއް އަތުން ބީވެގެން ދިޔުމަކީ ސިޔާސީ ގޮތުން މީހަކު އެދޭނެ ގޮތެއް ނޫނެވެ. ދިވެހި ރައީސުލްޖުމުހޫރިއްޔާގެ ބާރުތައް ފުޅާވެފައި، މުޅި ސަރުކާރުގެ ހިންގުން އޮންނަނީ ރައީސުލްޖުމުހޫރިއްޔާގެ ބާރުގެ ދަށުގައެވެ. ނިޒާމު ބަދަލުކުރުމުގެ މަސައްކަތްތައް ފަށައި، ރައްޔިތުންގެ ވޯޓަކާ އެކު ނިޒާމު ބަދަލުކޮށް، ރައީސުލްޖުމުހޫރިއްޔާގެ ބާރުތައް މަޖިލީހަށް ލިބިގެންދާ ނިޒާމެއް ގާއިމުކުރަން އެ ވަގުތެއްގައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކު ބޭނުމެއްނުވާނެއެވެ. އަދި ނިޒާމު ބަދަލުކުރުމުގެ ކަންކަން ސަރުކާރެއްގެ އިސްނެގުމާ އެކު ނޫން ގޮތަކަށް ނުހިންގޭނެއެވެ. މިކަމުގައި ރައްޔިތުން އާންމު ރައުޔު ނިޒާމީ ބަދަލަކަށް ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން، އެއިރެއްގެ ސަރުކާރުގެ އިސްނެގުމުން ނޫން ގޮތަކަށް ނިޒާމީ ބަދަލު ހިންގުމަކީ ވާނެކަމެއް ނޫނެވެ. މި ހާލަތުގައި ވުން ގާތް ގޮތަކީ ސަރުކާރުން އާންމު ރައުޔު ކޮންޓުރޯލުކޮށް، ސަރުކާރުގެ ބާރުތަކުގެ ތެރެއިން އާންމު ރައުޔު “އޮއްބުމެވެ.] ދެން އޮތް އިހުތިމާލަކީ، ސަރުކާރާ އިދިކޮޅު، ނިޒާމީ ބަދަލަކަށް އެދޭ ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމެވެ. މި ހާލަތުގައި ސަރުކާރާ ދެކޮޅަށް، މަޖިލީހުން ނިޒާމީ ބަދަލެއް ގެނައުމަށް މަސައްކަތް ފެށުމަކީ ސިޔާސީ ގޮތުން ނުރައްކާތެރި ކަމެކެވެ. ސަރުކާރުގެ ބައިވެރިވުމެއް ނެތުމުގެ އިތުރުން، ސަރުކާރު ހިންގުމުގައި ތިބި ބަޔަކާ ދެކޮޅަށް ނިޒާމު ބަދަލުކުރުމަކީ ސަރުކާރުގައި ތިބޭ ބަޔަކު، އެބައި މީހުންނަށް ލިބިފައިވާ ގާނޫނީ ބާރުތަކުގެ ބޭރުން، މަޖިލީހުގެ ނިޒާމީ ބަދަލުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ. މިކަމުގެ ސަބަބުން، ސިޔާސީ ގޮތުންނާއި، ގާނޫނީ ގޮތުން ބޮޑެތި ގޯސްތައް ހަދައި، މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުވެއެވެ.
މިކަންކަމަށް ބަލާއިރު، ރިޔާސީ ނިޒާމަކުން މަޖިލީހުގެ ނިޒާމަކަށް ދިޔުމަކީ، ސިޔާސީ ގޮތުން [ބަދަލުގެ ކޮޅިގަނޑެއް] ނާންނަހާ ހިނދަކު މުސްތަޙީލު ކަމެކެވެ. ބަދަލުގެ ކޮޅިގަނޑަކީ، ބައެއް ފަހަރު ގާނޫނީ އަދި ދުސްތޫރީ އިޖުރާއާތުތަކުގެ ބޭރުން އަންނަ ބަދަލުތަކެވެ. އެއީ އިންޤިލާބު ފަދަ ބަދަލުތަކެވެ. އަދި ބައެއް ޙާލަތްތަކުގައި [ހަމަހިމޭން އިންޤިލާބުތަކެވެ.] ހަމަހިމޭން އިންޤިލާބަކީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލެއްގެ ސަބަބުން ސިޔާސީ ބެލެންސެއް ވުޖޫދުވެ، އެ ބެލެންސާ އެއް މިންވަރަކަށް ސިޔާސީ ނިޒާމު ޤާއިމުކުރަންޖެހުމެވެ. 2008ގެ “ދުސްތޫރީ އިންޤިލާބު” ފަދައިންނެވެ. ރައީސުލްޖުމުހޫރިއްޔާގެ ބާރުތައް މަޖިލީހަކަށް ބަހައިލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ފުރުސަތު ދިވެހި ނިޒާމުގައި އޮތުމުގެ ފުރުސަތު އެންމެ ބޮޑީ ކޮންމެވެސް އިންޤިލާބެއްގެ ވަގުތެއްގައެވެ.
ނިޒާމީ ބަދަލެއް ގެނައުމުގެ އެންމެ މުހިންމު ސަބަބަކީ ރައްޔިތުންގެ ހަގީގީ ބައިވެރިވުމާ އެކު ސަރުކާރު އެކުލަވައިލައި ހިންގުމެވެ. މި ފަދަ ނިޒާމެއް ގެނައުމަށް އަޣުލަބިއްޔަތުގެ ބަދަލުގައި، ހަގީގަތުގައި ރައްޔިތުން ރުހޭ ގިނަ ބައެއްގެ މެދުގައި އޮންނަ އިއްތިފާގުގެ ތެރެއިން ސިޔާސަތުތައް ކަނޑައަޅައި ހިންގުމުގެ ނިޒާމެއް އެކުލަވައިލަންޖެހެއެވެ. އެ ގޮތަކީ ރައްޔިތުންގެ ހަގީގީ އިޚުތިޔާރު އޮންނަ ކެންޑިޑޭޓުން އިންތިޚާބުކޮށް، އެ ކެންޑިޑޭޓުންގެ މެދުގައި އޮންނަ އިއްތިފާގުގެ ދަށުން ވެރިކަން ހިންގުމެވެ. ދެވަނަ ސަބަބަކީ، ސިޔާސީ މަސްރަހުގައި ބެލެންސެއް ޤާއިމުކުރުމެވެ. މި ބެލެންސަކީ މަޖިލީހުން ސަރުކާރު ހިންގުމުގެ ނަތީއްޖާއެކެވެ. ގައުމުގެ ސިޔާސަތުތަކާއި މަޝްވަރާ އޮންނަންވާނީ މި ބެލެންސްގެ ތެރޭގައެވެ. ތިންވަނަ ކަމަކީ، ސިޔާސީ ޕާޓީތަކަކީ ސިޔާސީ ނިޒާމުގެ މުހިންމު ބައެއް ކަމުގައި ވާއިރު، އަދި ރައްޔިތުންގެ ބަޖެޓުން ޚަރަދުކުރެވޭ އިރު، ސިޔާސީ ޕާޓީތައް ބައްޓަންކުރެވިފައި އޮންނަންވާނީ ނިޒާމުން ގަސްދުކުރެވޭ މަގުސަދުތައް ހާސިލުކުރެވޭ ގޮތަކަށެވެ.
ފޮތުގެ ތާރަފުގައި ބަޔާންކުރެވުނު ފަދައިން، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ނިޒާމުތަކެއް ނޫނެވެ. އެ ނިޒާމުތައް ހިނގާ ގޮތް ކަނޑައެޅޭނީ ވަކިވަކި އިޖުތާއާތުތަކުންނެވެ. 2007ގެ ވޯޓުން ރައްޔިތުން ރިޔާސީ ނިޒާމެއް އިޚުތިޔާރުކޮށް، އެކުލަވައިލެވުނު ރިޔާސީ ނިޒާމަކީ، ހަގީގަތުގައި ރިޔާސީ ނިޒާމަކަށް ވުރެން ވެސް ރިޔާސީ ނިޒާމެކެވެ. ސަބަބަކީ އިސްވެ ބަޔާންކުރެވުނު ފަދައިން، ރިޔާސީ ނިޒާމުގެ އަސްލުތަކާ މުނާސަބު ނޫންގޮތަކަށް ގާނޫނުއަސާސީ މާނަކުރެވި ތަންފީޒުކުރެވިފައިވުމެވެ. އެހެންކަމުން، ރައްޔިތުންގެ ވޯޓަކުން ނިޒާމީ ބަދަލެއް ގެންނަ ހާލަތުގައި، ނިޒާމުގެ ކަންކަން ހިނގާނެ ގޮތްތައް ކަނޑައަޅައި އެކަންކަމަށް ބަހުސްކުރެވި ރައްޔިތުންގެ ރުހުން އެ ކަންކަމަށް އޮންނަންޖެހެއެވެ. ގާނޫނުއަސާސީ އެކުލަވައިލުމަށް ބަހުސްކުރެވުނު އިރު، ރިޔާސީ ނިޒާމާ ބެހޭ ގޮތުން ވާހަކަދެއްކެވުމުގައި މެންބަރުން ރުޖޫޢަވެފައިވަނީ އެމެރިކާގެ ނިޒާމަށެވެ. އެމެރިކާގެ ނިޒާމުގައި ވަޒީރުންނަށް ރުހުން ދިނުމަށް، ކޮންގުރެސްގައި ހަމައެކަނި ވޯޓެއް ނެގެނީއެއްނޫނެވެ؛ ކޮމިޓީއަކަށް ވަޒީރެއްކަމަށް ހުށަހަޅާ ފަރާތެއް ހާޒިރުކުރެވި، އެ މީހެއްގެ ޤާބިލުކަން ވަޒަންކުރުމަށް ސުވާލުކޮށް އަޑުއެހުމެއް ބޭއްވެއެވެ. ރާއްޖޭގެ ރިޔާސީ ނިޒާމުގައި އެކަން އޮންނަ ގޮތަކީ، މަޖިލީހުން ވޯޓެއް ނެގުމެވެ. 2008ގެ ގާނޫނުއަސާސީގެ ދަށުން، އެކުލަވައިލެވުނު ފުރަތަމަ ކެބިނެޓަށް ރުހުން ދީފައިވަނީ، ވަކިވަކިން ނަންތައް އިއްވުމުގެ ބަދަލުގައި، މުޅި ކެބިނެޓަށް އެއްފަހަރާއެވެ. މީގެ އިތުރުން، އެމެރިކާގެ ސިޔާސީ މަސްރަހުގެ [ބައިޕާޓިސަން] މަފްހޫމަކީ ދިވެހި ސިޔާސީ މަސްރަހުގައި ނެތް މަފްހޫމެއްކަމަށް ބަޔާންކުރުމަކީ ދޮގަކަށް ނުވާނެއެވެ.
މަޖިލިސް ނިޒާމެއްގެ އިޖުރާއާތުތަކުގެ ސަބަބުން ނުކުންނަ ނަތީޖާތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަމަކީ، ސިޔާސީ ވާދަވެރިން ހަމަހަމަ ވުމެވެ. ރިޔާސީ ނިޒާމުގައި، ރިޔާސަތުން ހިންގާ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހޭ އިދިކޮޅު މެންބަރުންނަށް އެއްވެސް އިޚުތިޔާރެއް ނޯވެއެވެ. ސަބަބަކީ ސިޔާސަތުތައް ތަންފީޒުކުރުން ތަންފީޒީ ބާރަށް ޚާއްސަވުމެވެ. ތަންފީޒީ ބާރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަންކަމާ ކުރިމަތިލާންޖެހޭ އެއްގޮތަކީ ޖުޑީޝަލް ރިވިއުގެ ގޮތުގައެވެ. ނުވަތަ މަޖިލީހަށް ހުށަހެޅޭ މައްސައަކުން ކޮންމެވެސް ވަރެއް ވެދާނެއެވެ. ސަރުކާރު ޖަވާބުދާރީކުރުން މި އޮންނަނީ ހަމަހަމަ ނޫން ވާދަވެރިންގެ މެދުގައެވެ. ސިޔާސީ ގޮތުން ބާރުވެރިވެފައިނުވާނަމަ، ޖަވާބުދާރީކުރުމުގެ މަސައްކަތްތަކީ އެއްވެސް މާނައެއް ހުރި ކަމަކަށް ނުވެއެވެ. މަޖިލީހުގެ ނިޒާމަކީ އިދިކޮޅުން ވެސް އެބައިމީހުން ބޭނުންވާކަމެއް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގައި ވުޒާރާތައް ތަމްސީލުކުރާ މެންބަރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެކެވެ. ސަރުކާރު އެކުލެވިގެންވަނީ މަޖިލީހުންކަމުގައި ވާތީ، އިދިކޮޅުގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމާއި، ސަރުކާރު އެކަމާ ގުޅިގެން ޖަވާބުދާރީ ކުރުވެއެވެ.
އަޣުލަބިއްޔަތުން އިއްތިފާގަށް
މަޖިލީހުގެ ނިޒާމަކީ އޭގެ ޒާތުގައި ވެސް އިއްތިފާގީ ނިޒާމެކެވެ. ނަމަވެސް، އިއްތިފާގުގެ ދަރަޖަ މަތިކުރުމަށް، އަޣުލަބިއްޔަތުގެ މައްޗަށް އެކުލަވައިލެވޭ އިއްތިފާގު އާދައިގެ އަޣުލަބިއްޔަތަށް ވުރެ މަތިކުރެވިދާނެއެވެ. އެއީ މިސާލަކަށް ސަރުކާރު އެކުލަވައިލުމާއި، މުހިންމު ނިންމުންތައް ނިންމުމުގައި އާދައިގެ އަޣުލަބިއްޔަތަށް ވުރެ މަތީ ނިސްބަތެއްގެ އަޣުލަބިއްޔަތެއް އޮތުމަށް ލާޒިމުކުރެވިދާނެއެވެ. މިކަމުގެ އެއް ނަތީޖާއަކީ ސަރުކާރުގެ ސިޔާސަތުތައް ހިންގުން ލަސްވުމެވެ. ގާނޫނުތައް ފާސްކޮށް، ގާނޫނުތަކާ ގުޅޭ ނިންމުންތައް ނިންމުން ލަސްވުމެވެ. ސަބަބަކީ، ބޮޑު އަޣުލަބިއްޔަތެއް އެ ނިންމުންތަކަށް އޮތުމުން، ގިނަ ބައެއްގެ އެއްބަސްވުމާ އެކު އެ ނިންމުންތައް ނިންމުމެވެ. މިއީ އެހާ އެދެވޭ ނަތީޖާއަކަށް ނުވެދާނެއެވެ. ނަމަވެސް، މިކަމުގެ ސަބަބުން އަންނަ ހެޔޮ ނަތީޖާއަކީ ދައުލަތް ހިންގުމުގައި ވަރަށް ގިނަ ބައެއްގެ ބައިވެރިވުން އޮތުމެވެ. ދެ ޕާޓީއެއްގެ ކޯލިޝަނަކުން މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭތީ ސަރުކާރު އެކުލަވައިލެވިދާނެއެވެ. ނަމަވެސް އާދައިގެ އަޣުލަބިއްޔަތަށް ވުރެ ބޮޑު ނިސްބަތެއް، މިސާލަކަށް 65 ނުވަތަ އެއަށް ވުރެ ވެސް މަތި އިންސައްތަ އަޣުލަބިއްޔަތު އޮންނަން ލާޒިމުވުމަކީ، އެ ދެ ޕާޓީގެ އިތުރަށް އިތުރު ޕާޓީތައް ނުވަތަ މެންބަރުންގެ އެއްބަސްވުން ހޯދަން ލާޒިމުވުމެވެ. ނަތީޖާއަކީ އިއްތިފާގު ފުޅާވުމެވެ. މިއީ ގައުމީ ކަންކަން ނިންމުމުގައި ހުރި ހެވަކަށް ވާނެއެވެ.
މަޖިލީހުގެ ނިޒާމަކާ އެކު، ބަޔާންކުރެވިފައިވާ ޕާޓީތަކުގެ އިސްލާހީ ފިޔަވަޅުތަކާ އެކު، މަޖިލިސް ވެގެންދާނީ ސިޔާސީ ގޮތުން ހަލަބޮލި ތަނަކަށެވެ. މަޖިލީހުގެ ސިޔާސީ ހަލަބޮލިކަމަކީ، ޕާޓީތަކުންނާއި މެންބަރުން މަޖިލީހުގެ ބެލެންސަށް އައުމަށް ކުރެވޭ މަސައްކަތްތައް ފެންނަ ގޮތެވެ. ނަތީޖާއަކީ ބެލެންސް ނެތި ސަރުކާރު އެކުލަވައިނުލެވުމާއި، ސިޔާސަތު ނުހިންގުމެވެ. މިއީ ގައުމުގެ ބޮޑެތި ނިންމުންތަކަށާއި ރައްޔިތުންނަށް ހުރި ހެވެކެވެ. މިއާ ޚިލާފަށް، ރިޔާސީ ނިޒާމުގައި އެންމެންނަށް އިއްތިފާގު ވެވޭ ބެލެންސެއް އޮތުން ލާޒިމެއްނުވެއެވެ. ރިޔާސީ ނިޒާމުގައި ފެންނަ ފެނުމަށް ސިޔާސީ ހަލަބޮލިކަމެއް ނުވެއެވެ. ކޮންމެ ރައީސަކު ވެސް އެދޭ ގޮތަކަށް ސިޔާސަތުތައް ރާވައި ހިންގަންވީއެވެ. ދައުރު ނިންމައި، އިންތިޚާބަކާ އެކު އަނެއްކާވެސް އައު ދައުރެއް ފެށެއެވެ. ސަރުކާރު ބަދަލުވެއްޖެ ނަމަ އައު ސަރުކާރުން އެބައެއްގެ ސިޔާސަތުތަކެއް ތަންފީޒުކުރެއެވެ. މި ނިޒާމު ތަރުތީބުވެފައިވާ ގޮތުން ލޯމައްޗަށް ފެންނަ ފެނުމަށް މިއީ ހަމަޖެހޭ، ސާދާ، އަދި ހަމަހިމޭން ނިޒާމެކެވެ. ނަމަވެސް ހަގީގަތަކީ، މި ނިޒާމުގެ ހަމަޖެހުމަކީ ހަމައެކަނި ނިޒާމު މަސައްކަތްތައް ރާވާލެފިފައި އޮންނަ ގޮތުން، ނިޒާމުގެ ގުނަވަންތަކަށް ލިބިގެންވާ ހަމަޖެހުމެކެވެ. ހަގީގީ ގެއްލުން ފެންނާނީ މުޅި ނިޒާމު ޖުމުލަ ގޮތެއްގައި މަސައްކަތްކުރާ ކުރުމަށް ނަޒަރުކޮށްގެންނެވެ. އެ ގޮތުން، އަޣުލަބިއްޔަތުގެ މައްސަލަތަކާއި، ސަރުކާރުތައް ބަދަލުވުމާ އެކު ސިޔާސަތުތައް ބަދަލުވުމާއި، ހުދުމުޚުތާރުކަމުގެ ސިފައަކީ މި ނިޒާމުގައި ލޯމައްޗަށް ނުފެންނަ، ނަމަވެސް ގައުމުގެ ކަންކަމާ މެދު ވިސްނާ ބަޔަކަށް ވިސްނޭނެ، ނުރައްކާތެރި އަދި ގައުމަށް ގެއްލުންހުރި ކަންކަމެވެ.
މިހާރު އޮތް ނިޒާމު އަސާސީ ގޮތެއްގައި ބަދަލުކުރުމަކީ އުނދަގޫ ކަމެކެވެ. ފަހަރުގައި މިހާރު އޮތް ހާލަތުން މުސްތަޙީލުކަމެކެވެ. ނަމަވެސް، މި ނިޒާމު މިހާރަށް ވުރެ ރަނގަޅަށް މަސައްކަތްކުރުމުގެ އިސްލާހީ އިޖުރާއާތުތަކެއް ކަނޑައެޅިދާނެއެވެ. ފާޓީތައް އިސްލާހުކުރުމަށް ހުށަހެޅިފައިވާ ބަދަލުތަކުގެ އިތުރުން، އަންނަވިނި ކަންކަން ކުރެވިދާނެއެވެ:
(ހ) މަޖިލީހުން ފާސްކުރާ ކަންކަން ފާސްކުރުމުގެ އަސާސީ މިންގަނޑު މަތިކުރުން:
މިހާރު އޮތް ގޮތުން މަޖިލީހުން ކަމެއް ފާސްކުރުމުގެ އަސާސީ މިންގަނޑަކީ އާދައިގެ އަޣުލަބިއްޔަތެކެވެ. އާދައިގެ އަޣުލަބިއްޔަތު ހަމައެކަނި މާނަކުރެވޭ ގޮތަކީ އެންމެ ގިނަ މީހުން ބޭނުންވާ ގޮތެވެ. އެންމެ ގިނަ މީހުން ބޭނުންވާ ގޮތަކީ ސިޔާސީ ގޮތުން އެންމެ ހެޔޮ ގޮތް، ނުވަތަ އެންމެ މަސްލަހަތު ހުރި ގޮތް ކަމުގައި ވުމަކީ ލާޒިމުކަމެއްނޫނެވެ. ޚާއްސަ ގޮތެއްގައި ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު އޮންނަ ހާލަތުގައި، އެހެނިހެން ރައުޔުތަކަކީ އެއްވެސް އިހުތިރާމެއް ލިބޭ ރައުޔުތަކެއްނޫނެވެ. ސިޔާސީ ނިޒާމުގެ އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ، އެންމެ ގިނަ މީހުން އެދޭ ގޮތުގެ ބަދަލުގައި، އެންމެ ތަފާތު އެންމެ ގިނަ މީހުން އެދޭ ގޮތެވެ. އެގޮތް ވާންވާނީ ތަފާތު ޕާޓީތަކާއި، ތަފާތު ޚިޔާލުތަކުގެ މީހުން ހިމެނޭ ގޮތަކަށެވެ. އެހެންކަމުން، މަޖިލީހުން ނިންމާ ކަމެއްގައި މި ސިފަ ހުންނާނެ ގޮތަކީ މަޖިލީހުގައި ކަމެއް ފާސްކުރަން ބޭނުންވާ އަޣުލަބިއްޔަތުގެ މިންވަރު މަތިކުރުމެވެ. އެ ގޮތުން، އެންމެ އާދައިގެ އަޣުލަބިއްޔަތުގެ ބަދަލުގައި ތިންބައިކުޅަ ދެބައި ހަމަޖެއްސިދާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ، މަޖިލީހުގައި ހިމެނޭ ވީހާވެސް ގިނަ ޕާޓީތަކާއި މެންބަރުންގެ ޚިޔާލުތަކާ އެކު މަޖިލީހުގެ ކަންކަން ފާސްކުރުމެވެ. މިއީ ގައުމުގެ ސިޔާސަތުތަކަށް ހުރިހާ ފަރާތްތަކުން އިއްތިފާގުވެ، އެ ގޮތުގައި ސަރުކާރު ހިންގުމެވެ.
(ށ) ވުޒާރާތަކާއި ވަޒީރުންގެ މައްސައްކަތް ގާނޫނީ ކުރުން:
ވުޒާރާތައް ޤަނޫނުގައި ކަނޑައަޅައި، ވުޒާރާތަކުގެ މަސައްކަތްތަކާއި، ވަޒީރުންނާއި ސިޔާސީ ގޮތުން އައްޔަންކުރެވޭ މަގާމުތައް ކަނޑައަޅައި، އެ މަގާމުތަކުގެ މަސައްކަތްތަކުގެ ދާއިރާ ކަނޑައަޅަންޖެހެއެވެ. މިކަމުގެ ނަތީޖާއަކީ، ސިޔާސީ ގޮތުން އައްޔަންކުރެވޭ ފަރާތްތައް ޒިންމާދާރުކުރުމަށް ފަސޭހަވުމެވެ. ދެވަނަ ކަމަކަށް، ސިޔާސީ ދާއިރާއާއި އިދާރީ ދާއިރާ ވަކިކޮށް، އިދާރީ ކަންކަމަކީ ސިޔާސީ ނުފޫޒު ނުވަންނަ ދާއިރާއަކަށް ހެދުމެވެ. ސިޔާސީ ދާއިރާއަކީ އިދާރީ ހިނގުމާ ދުރުން، ހަމައެކަނި މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު އޮންނަ ދާއިރާ ކަމުގައި ބޭއްވުމެވެ. ވުޒާރާތަކުގެ ސިޔާސީ މަގާމުތަކާއި މަސްއޫލިއްޔަތުތައް ގާނޫނީ ކުރުމުން، ސިޔާސީ ފައިދާއަށް ސިޔާސީ މަގާމުތައް އުފެއްދުމުގެ މާލީ ބުރައިން ވެސް ސަލާމްތަވެވެއެވެ.
(ނ) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޮޑު ބައެއް ޕްރައިވެޓައިޒް ކުރުން:
މިހާރުގެ ހާލަތު އޮންނަ ގޮތުން، ދައުލަތުގެ ވިޔަފާރީއަކީ ވެސް ސަރުކާރުގެ ބާރު ފުޅާވުމުގެ ސަބަބެކެވެ. ސަރުކާރުގެ ވިޔަފާރީތައް ހިންގުމުގައި މިހާރު ހުރި ބައެއް މައްސަލަތަކުގެ ވާހަކަ އިސްވެ ބަޔާންކުރެވިއްޖެއެވެ. ޕްރައިވެޓައިޒްކުރުމުގެ ރަނގަޅު ނަތީޖާއަކީ، ރައުސްމާލުގައި ސީދާ ގޮތެއްގައި މަސްލަހަތު އޮންނަ ބަޔަކު ވިޔަފާރީ ހިންގުމުގައި ބައިވެރިވުމެވެ. އެ ފަދަ ބައެއްގެ މަސްލަހަތަކަށް ވާނީ، ވިޔަފާރީގެ ޚަރަދުތައް ކުޑަކޮށް، ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން ފައިދާވާ ވިޔަފާރީއަކަށް ހެދުމެވެ. ސަރުކާރުގެ ކުންފުނިތަކުގެ ބޮޑުބައެއް ޕްރައިވެޓައިޒް ކުރާނަމަ، އެ ވިޔަފާރީތަކަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތައް ޝައުޤުވެރިކުރުމަށް، ހިންގުން ހަރުދަނާކުރަންޖެހެއެވެ. އަދި ވިޔަފާރީ ހިންގުމުގައާއި، ނިންމުންތައް ނިންމުމުގައި އިންވެސްޓަރުންގެ ހިއްސާ އޮންނަންޖެހެއެވެ. ނަތީޖާއަކީ، ދައުލަތުގެ ކުންފުނިތަކާއި ވިޔަފާރީތަކުން ސިޔާސީ މަންފާ ހާސިލުކުރުން ހުއްޓުވުމެވެ. އެންމެ ރަނގަޅު ސަރުކާރަކީ ކުޑަ ސަރުކާރެކެވެ.
(ރ) ވަޒީރުންނަށް ހަމައެކަނި ރުހުން ދިނުމުގެ ބަދަލުގައި، ވަޒީރުންގެ އަޑުއެހުމެއް ބޭއްވުން:
މިހާރުން އޮންނަ ގޮތުން، ވަޒީރުންނަކީ އެއްވެސް ގޮތަކަށް ރައްޔިތުންގެ ރުހުން އޮންނަ ބައެއް ނޫނެވެ. ވަޒީރުންނަކީ ރައީސުލްޖުމުހޫރިއްޔާއަށް ފެނިވަޑައިގެން އައްޔަންކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގައި ނެގޭ ރުހުން ދިނުމުގެ ވޯޓަކާ އެކު މަގާމުތަކާ ހަވާލުވާ ބައެކެވެ. ރިޔާސީ ނިޒާމެއްގައި ވަޒީރުންނަކީ ހަގީގަތުގައި ބޮޑެތި އިޚުތިޔާރުތަކެއް ލިބިގެންވާ، އަދި ތަންފީޒީ ބާރުގެ އިސްވެރިޔާ ކަމުގައި ސީދާ ރައީސުލްޖުމުހޫރިއްޔާގެ ބާރުގެ ދަށުން މަސައްކަތްކުރާ ބައެކެވެ. މި ފަދަ ދަރަޖައެއްގައި މަސައްކަތްކުރާ ބަޔަކީ ރަނގަޅަށް އިމްތިހާނުކުރެވިފައިވާ ބަޔަކަން ވާންޖެހެއެވެ. ވަޒީރުންނަކީ ހަމައެކަނި ރައީސުލްޖުމުހޫރިއްޔާ އެދިލައްވާ ބަޔަކާ ހަވާލުކުރެވޭ، [ކަލްޓް] އުސޫލުން އޮންނަ ކަމަކަށް ވެގެންނުވާނެއެވެ. މިހާރު އޮންނަ ގޮތުން މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި، ވަޒީރުކަމަށް ނަން ހުށަހެޅިފައިވާ ވަކި މީހެއްގެ ކޮންމެވެސް މައްސަލައެއް ނެތްނަމަ، މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ޕާޓީއަކަށް ލިބިފައިވާ ނަމަވެސް، އެ މީހަކަށް ރުހުން ނުދިނުމަކީ ކަންހިނގާ ގޮތެއް ނޫނެވެ. އެހެންކަމުން، ކިރިޔާ ވެސް ވަޒީރަކަށް ރުހުން ދެވޭނަމަ މަޖިލީހުން ރުހުން ލިބެއެވެ. އެހެންކަމުން، ވަޒީރަކަށް ރުހުން ދިނުމަކީ ހަމައެކަނި ވޯޓެއްކަމުގައި ނުބަލައި، ވަޒީރެއްގެ ޤާބިލުކަމާއި، ސިޔާސަތުތަކުގެ ފިކުރާއި، ސިޔާސަތުތަކުގެ ތަސައްވުރާއި، ސިޔާސަތުގެ ހޭލުންތެރިކަމާއި، އާންމު ހޭލުންތެރިކަމުގެ މިންވަރު ވަޒަންކުރުމަށް، މަޖިލީހުގެ ކޮމިޓީއެއްގައި އަޑުއެހުން ބާއްވަންޖެހެއެވެ. މި އަޑުއެހުންތަކަށް ފަހު ކޮމިޓީން ރައީސުލްޖުމުހޫރިއްޔާއަށް އަރުވަންޖެހޭ ލަފައެއް އަރުވަންޖެހެއެވެ. ދުޅަހެޔޮ ސިޔާސީ ހިންގުމަކަށް މަގުފަހިކުރުމަށް ޓަކައެވެ